ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އެ މަގާމުން ވަކިކުރުމުގެ މައްސަލަ 50 މެންބަރުންގެ ސޮޔާ އެކު އެމްޑީޕީން މިއަދު މަޖިލީހަށް ހުށަހަޅައިފިއެވެ.
މަޖިލީހުގެ ނައިބު ރައީސްކަމުން އީވާ ވަކިކުރަން އެމްޑީޕީގެ ޕީޖީ ގްރޫޕުން ނިންމީ މިއަދުއެވެ. އެ ނިންމުމާ އެއްގޮތަށް އެ ޕާޓީން ވަނީ އެމްޑީޕީގެ 49 މެންބަރުންނާއި އަމިއްލަ މެންބަރެއް ކަމުގައިވާ ނޮޅިވަރަމް ދާއިރާގެ މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ)ގެ ސޮޔާއެކު މަޖިލީހަށް ގަރާރެއް ވައްދައިފައެވެ.
އެ ގަރާރު ހުށަހަޅާ މައިގަނޑު ސަބަބެއްގެ ގޮތުގައި ބުނެފައި ވަނީ، އީވާ ރިޔާސަތުގައި އިންނަވައިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް ހުރަސް އަޅުއްވާތީއެވެ.
އީވާގެ އިތުބާރު ނެތްކަމުގެ ގަރާރު މަޖިލީހަށް އަލުން ހުށަހަޅަން ނިންމި އިރު، މަޖިލީހަށް މިހާރު ވަނީ މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވަކިކުރުމުގެ ގަރާރެއް ހުށަހަޅައިފައެވެ. އެ ގަރާރު އީވާ ސަލާމުގައި ހުންނެވުމުން ގިނަ ދުވަސްތަކެއްވަންދެން ކުރިއަށް ނުގެންދެވުމުން އެކަމަށް ހައްލެއް ހޯދަން އެމްޑީޕީން ސުޕްރީމް ކޯޓަށް ދިއުމުން އެ ކޯޓުން ވަނީ ނައިބު ރައީސް ނެތަސް ނަޝީދުގެ މައްސަލަ ކުރިއަށްގެންދެވޭނެ ކަމަށް ހުކުމްކޮށްފައެވެ.
އެއާއެކު، އިއްޔެ ބޭއްވި ފުރަތަމަ ޖަލްސާއަށް އީވާ ވަޑައިގެންފައިނުވާތީ އެ ޖަލްސާގެ ރިޔާސަތު ބެހެލެއްޓެވީ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފެވެ. ނަމަވެސް އަފީފް ވަނީ، ނަޝީދުގެ ގަރާރު ހުށަހަޅާފައިވަނީ ގަވައިދާ ހިލާފަށް ކަމަށް ވިދާޅުވެ، އެ ގަރާރު އަލުން ހުށަހަޅަން އަންގަވައި މަޖިލިސް ނިންމަވާލައްވައިފައެވެ.
އެ ގަރާރު އަލުން ހުށަހެޅުމަށް އިއްޔެ 11:30 އަށް އިތުރު ޖަލްސާއެއްވެސް ތާވަލުކުރިއެވެ. އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި އީވާ ވަނީ، ނަޝީދު ވަކިކުރުމުގެ ގަރާރާ މެދު އިއްޔެ ހެނދުނު ބޭއްވި ޖަލްސާގައި ގޮތެއް ނިންމާފައިވާ ކަމަށާއި އެހެންވެ އެ ގަރާރު އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައި ޖަލްސާ ނިންމަވާލައްވައިފައެވެ.
އެ މައްސަލައިގައި އީވާ އާއި އަފީފް މެންބަރުންގެ އިމްތިޔާޒްތަކަށް އަރައިގެންފައިވާ ކަމަަށް މަޖިލީހުގެ އިމްތިޔާޒް އަދި ސުލޫކް ކޮމިޓީން ވަނީ ނިންމައިފައެވެ. އަދި ގަރާރާ މެދު ދެން އަމަލު ކުރާނެ ގޮތެއް ކަނޑައެޅުމަށް އޭޖީގެ ލަފާ ހޯދުމަށް އިއްޔެ ބޭއްވި އާއްމު ކޮމިޓީގެ ބައްދަލުވުމުގައި ނިންމިއެވެ.
އެ މައްސަލައާ ގުޅިގެން އެޓާނީ ޖެނެރަލް (އޭޖީ) އިބްރާހިމް ރިއްފަތު ވެސް ވަނީ ގަރާރު އަލުން ހުށަހަޅަން އެންގުން ގާނޫނާއި ގަވައިދާ ހިލާފު ކަމަށް ވިދާޅުވެފައެވެ.
މިއަދުވެސް ވަނީ ނަޝީދު ވަކިކުރުމުގެ ޖަލްސާ އެޖެންޑާ ކޮށްފައެވެ. އެ ޖަލްސާގެ ރިޔާސަތުގައި އިންނެވީ އީވާއެވެ. ނަމަވެސް 11:00 ގައި ފެށި އެ ޖަލްސާގެ ނިޒާމް ގެއްލިފައިވާތީ، މެދުކަނޑައިލެއްވުމަށްފަހު، މިއަދު 1:30ގައި އަލުން ޖަލްސާ ފެއްޓެވިއެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ، ހުޅުދޫ ދާއިރާގެ މެންބަރު އިލިޔާސް ލަބީބުގެ ގަޔަށް އަތްލައި މާރާމާރި ހިންގާފައިވާ ކަމަށް ވިދާޅުވެ އަނެއްކާވެސް ޖަލްސާ ވަނީ މެދުކަނޑާލައްވައިފިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު