ފްރާންސް، ސްޕެއިން އަދި ޕޯޗުގަލްއަށް ދާން މާލެއިން ޝެންގެން ވިސާ ނެގޭނެ ގޮތް ހަމަޖައްސައިފިއެވެ.

ޝެންގެން ވިސާއަކީ ޔޫރަޕުގެ ޝެންގެން ސަރަހައްދަށް ދަތުރުކުރުމަށް ނަގާ ވިސާއެކެވެ. 27 ގައުމެއްގެ މައްޗަށް އެކުލަވާލާފައިވާ ޝެންގެން ސަރަހައްދުގެ އެއް ގައުމަކަށް ވިސާއާ އެކު ވަނުމަށް ފަހު، އެ ސަރަހައްދުގެ ހުރިހާ ގައުމަކަށްވެސް ބޯޑަރު ކޮންޓްރޯލަކާ ނުލައި ވަދެވެއެވެ.

ފޮރިން މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ ފްރާންސް، ސްޕެއިން އަދި ޕޯޗުގަލްގެ ޝެންގެން ވިސާއަށް މާލޭގައި ހުންނަ ގްލޯބަލް ޖޮއިންޓް ޝެންގެން ވިސާ އެޕްލިކޭޝަން ސެންޓާ (ވީއެފްއެސް މާލެ) މެދުވެރިކޮށް އެޕްލައި ކުރުމުގެ އިންތިޒާމު އިއްޔެއިން ފެށިގެން ހަމަޖެހިފައިވާ ކަމަށެވެ. އަދި މިދިޔަ މަހުގެ 21 ވަނަ ދުވަހުން ފެށިގެން ސްވިޒަލެންޑުވެސް ވީއެފްއެސް މާލެ ސެންޓަރާ ގުޅިފައިވާ ކަމަށާއި އެހެންކަމުން މިހާރު އެ ސެންޓަރުން ސްވިޒަލެންޑު، ނެދަލެންޑްސް، ޕޮލެންޑް، ލަގްޒެމްބޯގް އަދި ސްލޮވީނިއާއަށް ޝެންގެން ވިސާ ނެގޭނެ ކަމަށެވެ.

މިނިސްޓްރީން ބުނީ މިއީ ރާއްޖޭން ޝެންގެން ވިސާ ނެގުމުގެ ހިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން ޝެންގެން ޒޯނުގައި ހިމެނޭ ގައުމުތަކުގެ ހާރިޖީ ވުޒާރާތަކާ ކުރެވުނު ކާމިޔާބު މަޝްވަރާތަކުގެ ނަތީޖާ ކަމަށެވެ.

ޝެންގެން ވިސާ ނެގުމަށް ރާއްޖޭގައި ސެންޓަރެއް ހުޅުވީ 2020 ވަނަ އަހަރުގެ މާޗް މަހުގައެވެ. ރާއްޖޭގައި ހުންނަ ޖަރުމަނު އެމްބަސީގައި ހުންނަ އެ ސެންޓަރުން އޭރު ދޫކުރީ ޖަރުމަނާއި ޗެކް ރިޕަބްލިކުގެ ޝެންގެން ވިސާ އެކަންޏެވެ.

ރާއްޖޭގައި ޝެންގެން ވިސާ ސެންޓަރު ހުޅުވުމުގެ ކުރިން ދިވެހިން ޝެންގެން ވިސާ ނަގަން ދާން ޖެހެނީ ސްރީލަންގާގެ ކޮލަމްބޯ ނުވަތަ އިންޑިއާގެ ނިއު ދިއްލީއަށެވެ.