މިއަހަރަށް އިތުރަށް ބޭނުންވާ ސަޕްލިމެންޓްރީ ބަޖެޓާއި، އަންނަ 2024 ވަނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓް ހުށަހަޅަން އެޖެންޑާ ކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ފުރަތަމަ ޖަލްސާ ކޯރަމް ހަމަނުވެގެން މެދުކަނޑާލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ދެ ޖަލްސާއެއް މިއަދު ކުރިއަށްގެންދަން ވަނީ ހަމަޖެހިފައެވެ.

އޭގެ ތެރެއިން 9:00 ގައި ކުރިއަށްގެންދަން އޮތް ޖަލްސާއަށް އެޖެންޑާ ކޮށްފައި ވަނީ ސަޕްލިމެންޓްރީ ބަޖެޓާއި އަންނަ 2024 ވަނަ އަހަރަށް ހުށަހަޅާ ދައުލަތުގެ ބަޖެޓްގެ މަސައްކަތެވެ.

އެގާރަޖަހާއިރު ބާއްވަން އޮތް ދެވަނަ ޖަލްސާގައި އޮތީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލިސް ރައީސްކަމުން ވަކިކުރަން ހުށަހަޅާފައިވާ މައްސަލަ އެޖެންޑާކޮށްފައެވެ.

މިއަދުގެ ފުރަމަ ޖަލްސާގެ ރިޔާސަތުގައި އިންނެވީ މަޖިލީހުގެ ނާއިބު ރައީސް އީވާ އަބުދުﷲ އެވެ.

ޖަލްސާގެ ރިޔާސަތަށް ވަޑައިގެން އީވާ ވިދާޅުވީ، ޖަލްސާގެ ގަޑި ޖެހުނުއިރުވެސް ކޯރަމް ހަމަނުވާ ކަމަށެވެ. އަދި ކޯރަމް ރަނގަބީލު ޖެހުމުންވެސް މާލަމަށް ވަޑައިނުގެން މަޖިލިސް ގޯތިތެރޭގެ ކުޑަ ދަށުގައި ގިނަ މެންބަރުންތަކެއް ތިބިކަންވެސް ފާހަގަ ކުރެއްވިއެވެ. ދެން ވިދާޅުވީ އިރު އިރުކޮޅާ ކޯރަމް ރަނގަބީލު ޖަހައިގެން ކޯރަމް ހަމަވޭތޯ މަސައްކަތް ކުރައްވާނެ ކަމަށެވެ.

ޖަލްސާގެ މުހިއްމު ކަން ވާހަގަ ކުރައްވައި އީވާ ވިދާޅުވި، މި ޖަލްސައަކީ ދައުލަތުގެ ބަޖެޓާއި ސަޕްލިމެންޓްރީ ބަޖެޓު އެޖެންޑާކޮށްފައިވާ ޖަލްސާ ކަމަށެވެ.

"މެންބަރުންނަށް އެނގިވަޑައިގަންނަވާނެ ގާނޫނުއަސާސީ އާއި މާލިއްޔަތުގެ ގާނޫނާއި މަޖިލީހުގެ ގަވާއިދު އެބަ ލާޒިމުކުރޭ ބަޖެޓް މަޖިލީހަށް ހުށަހަޅައިގެން ބަޖެޓުގެ މަސައްކަތް ކުރިއަށް ގެންދަން އަދި ދިވެހި ހުރިހާ ރައްޔިތުންނަށްވެސް އެނގިވަޑަިއގަންނަވާނެ، މެންބަރުންނަށްވެސް މާލީ ވަޒީރަށްވެސް އެނގިވަޑައިގަންނަވާނެ މަޖިލީހުން ބަޖެޓްގެ މަސައްކަތް ކުރިއަށް ގެންގޮސް ނުނިންމިއްޖެއްޔާ ސަރުކާރަށް ދަތިތައް ދިމާވާނެ،"

އޭގެ އިތުރުން ތަރައްގީގެ ހުރިހާ މަޝްރޫއަކާއި އަމިއްލަ ވިޔަފާރިވެރިންގެ ހުރިހާ މަސައްކަތެއްވެސް ގުޅިފައިވާނީ ބަޖެޓާ ކަމަށްވެސް ވިދާޅުވިއެވެ.

ނަޝީދުގެ އިތުބާރުނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންގޮސްގެން އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅުމުން މިދިޔަ ހަފުތާގައި އެކޯޓުން ކުރި ހުކުމުން އެކަން އެނގޭ ކަމަށްވެސް ވިދާޅުވިއެވެ.

"ހުކުމުންވެސް އަޅުގަނޑުމެނަށް ވަރަށް ސާފު ރައްޔިތުންގެ މަޖިލީހުގައި ކޮންމެހެން ކުރަންޖެހޭ ކަންކަން އިތުބާރު ނެތްކަމުގެ މައްސަލަ ލާފައި އޮތް ނަމަވެސް ކުރިއަށް ގެންދަން ޖެހޭނެކަން، މަޖިލީހުން ކޮންމެހެން ކުރަން ޖެހޭނެކަން ކަމަށް ލާޒިމް ކޮށްފައިވާ ކަންތައްތަކެއް ފާހަކޮށްފައިވާ، ގާނޫނުއަސާސީ ވެސް ލާޒިކުރާ ކަންތައްތައްވެސް އެބަހުރި،"

އޭގެ ތެރޭގައި ބަޖެތްގެ މަސައްކަތް ހިމެނޭ ކަމަށާއި އެހެންކަމުން އެ މައްސަލަ މަޖިލިސް ޖަލްސާއަށް ހުށަހަޅައިގެން އެކަމަށް އަވަސްވެގަތީ ކަމަށްވެސް ވިދާޅުވިއެވެ.

އީވާ ވިދާޅުވީ، މަޖިލީހަށް ބަޖެޓް ހުށަހަޅައި ދިނުމަށް އެދި ފިނޭންސް މިނިސްޓަރަށް ދެންނެވި ކަމަށާއި ނަމަވެސް ބަންޑާރަނައިބުގެ ލަފާފުޅުގެ މަތިން މިނިސްޓަރު މަޖިލީހަށް ހާޒިރު ނުވި ކަމަށެވެ. ނަމަވެސް ބަންޑާރަނާއިބުގެ އެ ލަފައަކީ ގޯސް ލަފައެއްކަން ސުޕްރީމް ކޯޓުގެ ހުކުމުން އެނގޭ ކަމަށްވެސް ވިދާޅުވިއެވެ.

އެ ވާހަކަތަކަށްފަހު އީވާ ވިދާޅުވީ، ކޯރަމް ހަމަނުވުމުން މިވަގުތަށް މަޖިލިސް ޖަލްސާ މެދުކަނޑާލާ ކަމަށެވެ. ނަމަވެސް ޖަލްސާ ނިންމައި ނުލައްވާނެ ކަމަށާއި ޖަލްސާއަށް ވަޑައިނުގަންވާ މެންބަރުންނަށް ވީވަރަކުން ގުޅުއްވައިގެން ކޯރަމް ހަމަކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ. އެހެން ވިދާޅުވެ އީވާ މަޖިލިސް ޖަލްސާ މެދުކަނޑުއްވައި ލެއްވިއެވެ.