ގާޒާގެ އެންމެ ބޮޑު ދެ ހޮސްޕިޓަލުގެ ހިދުމަތް ހުއްޓާލާފައިވާ ކަމަށް ރިޕޯޓުކޮށްފިއެވެ.
ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުން، ގާޒާގެ އެންމެ ބޮޑު ދެ ހޮސްޕިޓަލުކަމަށްވާ އަލް ޝިފާ ހޮސްޕިޓަލާއި އަލް ގުދުސް ހޮސްޕިޓަލުން އިތުރު ޕޭޝަންޓުން ބަލައިގަތުން ވަނީ ހުއްޓާލައިފައެވެ. އަދި ސިއްހީ ފަރުވާ ދޭނެ ސާމާނު އެއްކޮށްހެން ހުސްވެފައިވާ ކަމަށް ބުންޏެވެ.
އަލް ޝިފާ ހޮސްޕިޓަލުގެ ޑޮކްޓަރަކާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުން، ހޮސްޕިޓަލުގައި ކަރަންޓު ނެތުމުގެ ސަބަބުން ވެސް ހިދުމަތްތައް ދިނުން އިންތިހާއަށް ވަނީ ދަތިވެފައެވެ. އަލް ޝިފާ ހޮސްޕިޓަލަކީ އިޒްރޭލުން ދާދި ފަހުން ވަށާލި އެއް ހޮސްޕިޓަލެވެ. އިޒްރޭލުން ތިބީ އިތުރު މީހަކު އެ ހޮސްޕިޓަލަށް ނުވަދެވޭ ގޮތަށް އަދި ނުނިކުމެވޭ ގޮތަށް ވަށާލައިގެންނެވެ.
ހުކުރުދުވަހުން ފެށިގެން މިހާތަނަށް އެ ހޮސްޕިޓަލުގެ 3 ނަރުހަކު އިޒްރޭލުން މަރަލާފައިވާއިރު، އެ ހޮސްޕިޓަލުން ނުކުންނަން މަސައްކަތް ކުރި އާއިލާއެއްވެސް މަރާލާފައި ވެއެވެ. އަދި ކަރަންޓު އެއްކޮށް ކެނޑުމުގެ ސަބަބުން 12 ޕޭޝަންޓުންނާއި ދުވަސްނުފުރާ ވިހެއި 2 ކުއްޖަކުވެސް މަރުވިއެވެ.
އަލް ޝިފާ ހޮސްޕިޓަލާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ޑިރެކްޓަ ޖެނެރަލް ޓެދްރޮސް އަދޮނޮމްވެސް ކަންބޮޑުވުން ފާޅުކުރައްވައިފައިވާއިރު، އޭނާ ވިދާޅުވީ ގާޒާއަށް އިންޓަނެޓު ލިބުން ދަތިވުމާ ގުޅިގެން އެ އިދާރާގެ އެހީ ފޯރުކޮށްދިނުމަށްވެސް ބުރޫއަރާފައިވާ ކަމަށެވެ. ގާޒާގެ ހާލަތު އެހާ ގޯސްވެފައިވާއިރު، މުޅި ދުނިޔެ ބަލަހައްޓައިގެން ނުތިބުމަށާއި ހަނގުރާމަ ހުއްޓާލުމަށް ގޮވާލާފައި ވެއެވެ.
ހަނގުރާމަ ފެށުނުތާ މަސްދުވަސް ވެފައިވާއިރު، ގާޒާގެ ގިނަ ހޮސްޕިޓަލުތަކެއް ވަނީ ބަންދުކުރަން ޖެހިފައެވެ. ގިނަ ހޮސޕްިޓަލުތަކަކަށް އިޒްރޭލުގެ ހަމަލާތައް އަމާޒުވެފައިވެސް ވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ