ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމު ރާއްޖެއަށް ތައާރަފުވި ފަހުން އޮމާންކަމާއެކު ވެރިކަން ބަދަލު މިވަނީ މިފަހަރު އެކަނި ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބާގައި ދެއްވި ހިތާބެއްގައި ރައީސް ވިދާޅުވީ މީގެ ފަސް އަހަރު ކުރިން ރާއްޖޭގެ ރައްޔިތުން އެމަނިކުފާނު ރާއްޖޭގެ ރައީސްގެ މަގާމަށް އިންތިހާބު ކުރިއިރު، އޭރު ގައުމު އޮތް ހާލަތު ތަފާތު ކަމަށެވެ. ރައްޔިތުން އެދުނީ މަގުމަތީގެ ނާމާންކަމާއި ހަމަނުޖެހުމާއި ހަލަބޮލިކަމަށް ހަމަޖެހުމެއް ގެނައުމަށް ކަމަށާއި ސަރުކާރާ ހިޔާލު ތަފާތުވުމުގެ އަގު ޖަލުގެ އަނިޔާއިން ދައްކަން ޖެހުން ނިމުމަކަށް ގެނައުމަށް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"ރައްޔިތުން އަޅުގަނޑާ ހަވާލުކުރީ، ނޫސްވެރިންނަށް އޭރު އޮތް ބިރުވެރިކަން ނައްތައިލުމަށް. ދައުލަތުގެ ބާރުތަކުގެ މައްޗަށް ވެރިކަމުގެ ބާރު އިސްކުރުން ނިމުމަކަށް ގެނައުމަށް. ރައްޔިތުން މި މަސްއޫލިއްޔަތު އަޅުގަނޑާ މަތިކުރީ ނުލިބި ހުރި ޒަމާންވީ އަސާސީ ހިދުމަތްތައް ހޯދުމަށް ޑިމޮކްރަސީ އާއި އިންސާނީ ކަރާމަތާ މިނިވަން ސިޔާސީ މާހައުލު ރާއްޖެއަށް ގެނައުމަށް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އޭރުގެ ބިރުވެރި ހާލަތު ފިލައިގޮސް، މަގުތަކުގެ އަމާންކަން މިއަދު އިހުސާސް ކުރެއްވޭ ކަމަށެވެ. ހިޔާލު ތަފާތުވެހުރެވެސް ވިޔަފާރިވެރިންނާއި އާންމު ފަރުދުން، އެ މީހުންގެ ދިރިއުޅުމައިގެން ކުރިއަށް ދެވޭނެކަން މި ފަސް އަހަރު ކަށަވަރުކޮށްދެއްވައިފިން ކަމަށާއި ނޫސްވެރިންނަށް އޮތް ބިރު އެކުގައި ނައްތާލައްވައިފިން ކަމަށެވެ. އަދި އެ ދުވަހު ރައްޔިތުން ބޭނުންވި އަސާސީ ހިދުމަތްތައް މުޅި ރާއްޖެއަށް އާންމުކުރައްވައިފިން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމަށް ރާއްޖެ ބަދަލުވި ފަހުން އޮމާންކަމާއެކު ވެރިކަން ބަދަލުވުމުގެ މަރުހަލާ ހިނގަމުން މިދަނީ ހަމައެކަނި މިފަހަރު. މީގެކުރިން އެކަން ހިނގާފައި އޮތީ ވޯޓުން ނުވިއްޔާ، ކޯޓުން ނުވަތަ މަގުމަތިން" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ކުރިއަށް އޮތްތަނުގައިވެސް ރާއްޖޭގައި އޮންނަ ރިޔާސީ އިންތިހާބުތަކާއި ވެރިކަން ބަދަލުވެގެންދިޔުން މިގޮތުގައި ހިނގަމުންދާތަން ދިވެހި ރައްޔިތުން ދެކޭހިތްވާނެ ކަމަށެވެ. އަދި މި ހޯދުނު ކާމިޔާބީތައް ހިފަހައްޓައި، ދަމަހައްޓައި، ގައުމުގައި އެކަން އަށަގެންނެވުމަކީ ދެން އަންނަ ހުރިހާ ސަރުކާރުތަކާއި ވެރިންގެ މަސްއޫލިއްޔަތެއް ކަމަށެވެ.

ރައީސް ވިދާޅުވީ "ސަރުކާރުތައް ބަދަލުވާނެ، ވެރިން އައިސް ގޮސްވާނެ، ގާއިމްވެ، ދާއިމްވެ، ދެމިއޮންނާނީ ގައުމާއި ރައްޔިތުން ކަމަށެވެ.