ގއ. ވިލިގިލީގައި އަންހެނަކު ރޭޕުކުރި މައްސަލާގައި ތިން މީހެއްގެ މައްޗަށް ދައުވާ އުފުލައިފިއެވެ.
މި އަހަރުގެ ޖުލައި މަހުގެ ފަހުކޮޅުގެ ދުވަހެއްގައި ގއ. ވިލިނގިލީ ގެއެއްގެ ކޮޓަރިއެއްގެ ތެރޭގައި އަންހެނެއްގެ ނުރުހުމުގައި އޭނާ ހިފަހައްޓައި އޭނާ ރޭޕްކުރިކަމުގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކުރިއެވެ.
ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ) އޮފީހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، އެ ތިން މީހުންގެ މައްޗަށް ދައުވާ އުފުލައި ކްރިމިނަލް ކޯޓަށް މައްސަލަ ފޮނުވާފައިވާ ކަމަށެވެ.
ޖިންސީ ކުށުގެ ގާނޫނުގެ ދަށުން ހުށަހެޅި ދައުވާތައް ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކީގެ ތެރޭގައި ކުށުގެ އަމަލު ސާބިތު ކުރުމަށް ހަރުދަނާ ހެއްކާއި ގަރީނާ ލިބިފައިވާ ކަމަށާއި އޭގެ ތެރޭގައި ހެކިބަސް ދޭ މީހުންނާއި ސައިކޮލޮޖިސްޓުގެ ރިޕޯޓުތަކާއި މެޑިކޯ ލީގަލް ރިޕޯޓުތަކާއި ޑީއެންއޭ ރިޕޯޓުތައް ހިމެނޭ ކަމަށްވެސް ބުންޏެވެ.
- ލ. ގަން / މަތިމަރަދޫ ދަނބުރުއްދޮށުގޭ، އިބްރާހީމް ރިޒާ
- ގއ. ވިލިނގިލި / ކެޔޮވިނަ، އަހްމަދު ޝާލް
- ގއ. ވިލިނގިލި / މަލަސް، މުހައްމަދު މާއިލް މިހާދު
މި މައްސަލައާ ގުޅިގެން ތިން މީހުންގެ މައްޗަށް އުފުލާފައިވަނީ ރޭޕްކުރުމުގެ ކުށުގެ ދައުވާއާއި މީހަކަށް ޖިންސީ އަނިޔާއެއް ކުރުމުގެ ބޭނުމުގައި ހިފެހެއްޓުމުގެ ކުށުގެ ދައުވާއެވެ.
މި މީހުންގެ ތެރެއިން އިބްރާހީމް ރިޒާ ހައްޔަރުކޮށް ކުޑަކަމުދާ ތަކެތި ނަގައި ތަހުލީލު ކުރިއިރު ކެނަބިސްއަށް ޕޮޒިޓިވްވެފައިވާތީ އޭނާގެ މައްޗަށް ކެނަބިސް ބޭނުން ކުރުމުގެ ދައުވާވެސް އުފުލާފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު