އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަބޫ ދާބީއަށް ކުރެއްވި އަމިއްލަ ދަތުރުފުޅުގައި ކުރެއްވި މަޝްވަރާތަކުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީ ކުރުމުގެ މަޝްރޫއު ނިންމަން ބޭނުންވާ 80 މިލިއަން ޑޮލަރު (1.2 ބިލިއަން ރުފިޔާ) ހަމަޖެހިފައިވާ ކަމަށް އިންތިހާބީ ރައީސްގެ އޮފީހުން ބުނުމުން މި ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ރައްދު ދެއްވައިފިއެވެ.

މުއިއްޒު ނުރަސްމީ ދަތުރުފުޅެއްގައި އަބޫ ދާބީއަށް ވަޑައިގަތީ މިދިޔަ ހޯމަ ދުވަހުއެވެ. އެ ދަތުރުފުޅުގެ ހުރިހާ ހަރަދެއް ހަމަޖެއްސީ ޔޫއޭއީގެ ސަރުކާރުންނެވެ.

އިންތިހާބީ ރައީސްގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ދަތުރުފުޅާ ގުޅޭ މައުލޫމާތު ދެއްވަމުން އިންތިގާލީ މަރުހަލާގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް ވިދާޅުވީ، އެ ދަތުރުފުޅުގައި ލިބިވަޑައިގެންނެވި ފުރުސަތުގެ ތެރެއިން އަބޫ ދާބީ ފަންޑާއި ޔޫއޭއީ ސަރުކާރުގެ އިސް ބޭފުޅުންނާއެކު މުއިއްޒު މަޝްވަރާތަކެއް ކުރެއްވި ކަމަށެވެ.

އެ މަޝްވަރާތަކުގައި އެއާޕޯޓް ނިންމަން ބޭނުންވާ 80 މިލިއަން ޑޮލަރު ދޭނެކަމުގެ ޔަގީންކަން އަބޫ ދާބީގެ ފަންޑު ފޯ ޑިވޮލެޕްމެންޓު (އޭޑީއެފްޑީ) އިން ދީފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އެކަމާ ގުޅިގެން "ވަން" އިން ފިނޭންސް މިނިސްޓަރު އަމީރުއާ ސުވާލު ކުރުމުން ވިދާޅުވީ، އެ ފައިސާއަކީ މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި އަބޫ ދާބީ ފަންޑުން ދޭނެކަމުގެ ޔަގީންކަން ދީފައިވާ ފައިސާ ކަމަށެވެ. އަދި އެކަމުގެ ސިޓީވެސް ފޮނުވާފައިވާނީ މި ސަރުކާރުން ކަމަށް ވިދާޅުވިއެވެ.

"އެއާޕޯޓް ތަރައްގީ ކުރަނީ އަރަބި ކޯޑިނޭޝަން ގްރޫޕުގެ ހުރިހާ މެމްބަރުން އިންވެސްޓް ކޮށްގެން. އެ ގުރޫޕުގައި ސައުދީ ފަންޑް، އަބޫ ދާބީ ސަރުކާރު، ކުވެއިތް ފަންޑު، އޯޕެކް ފަންޑު ހިމެނޭ. ވަރަށް ފަހުންވެސް ސައުދީ ފަންޑުން އެއާޕޯޓް ނިންމަން އިތުރަށް ބޭނުންވާ 100 މިލިއަން ޑޮލަރު ވަނީ ހަމަޖައްސާފައި. އަބޫ ދާބީ ފަންޑުން ދޭނެކަމުގެ ކޮމިޓްމެންޓް ދީފައިވަނީ 50 މިލިއަން ޑޮލަރާއި 100 މިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް. އެކަމުގެ ސިޓީވެސް ވާނީ ފޮނުވާފައި،" އަމީރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ކުރިން އަބޫ ދާބީއަށް ވަޑައިގަތުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ޔޫއޭއީ ސަރުކާރުން ދައުވަތު ދެއްވި ކަމަށާއި ނަމަވެސް އެ ދަތުރުފުޅުގައި ރައީސް ވަޑައިނުގެންނެވުނު ކަމަށެވެ. އަދި މުއިއްޒުގެ ދަތުރުފުޅުގައި އަބޫ ދާބީ ފަންޑުން ހިއްސާކުރެއްވީ އެ ފަންޑުން ދޭން ނިންމާފައިވާ ފައިސާގެ ނަންބަރު ކަމަށާއި ހުރިހާ މަޝްވަރާއަކާއި ޔަގީންކަމެއް ހޯދާފައި އޮތީ މި ސަރުކާރުން ކަމަށް ވިދާޅުވިއެވެ.

އަމީރު އިތުރަށް ވިދާޅުވި ގޮތުގައި، އެއާޕޯޓް މަޝްރޫއު ނިންމަން އޯޕެކް ފަންޑުންވެސް ފައިސާ ދޭނެކަމުގެ ޔަގީންކަން ވަނީ ދީފައެވެ. އެއީ ކިހާ ވަރެއް ކަމެއް ވިދާޅެއް ނުވެއެވެ. އަދި މަޝްރޫއަށް ދިވެހި ސަރުކާރުންވެސް ހަރަދުކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.

ފަސް ބިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދާ ވެލާނާ އެއާޕޯޓްގެ ޓާމިނަލް އެޅުމަށް ސައުދީ ބިންލާދިން ގްރޫޕާ ހަވާލުކުރީ 2016 ވަނަ އަހަރެވެ.