ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލްގެ މަސައްކަތް 2024 ވަނަ އަހަރުގެ ޕީކް ސީޒަނަށް ނިންމަން ބޭނުންވާ ހުރިހާ ފައިސާއެއް، އިންތިހާބީ ރައީސުލްޖުމްހޫރއިްޔާ ޑރ. މުހައްމަދު މުއިއްޒު އޫއޭއީއަށް ކުރެއްވި ދަތުރު ފުޅުގައި ހަމަޖެހިފައިވާ ކަމަށް އިންތިގާލީ މަރުހަލާގެ ތަރުޖަމާނު ފިރުޒުލް އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ މަސައްކަތް ބާރަށް ކުރިއަށް ގެންގޮސް 2024 ވަނަ އަހަރުގެ ޕީކް ސީޒަނަށް އެ އެއާޕޯޓްގެ މަސައްކަތްތައް ނިންމުމަށް މަސައްކަތް ކުރައްވާނެ ކަމަށް އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މީގެކުރިން ވަނީ ވިދާޅުވެފައެވެ.
މިދިޔަ ހަފުތާގައި ބަނޑޮސް ރިސޯޓުގައި ބޭއްވި ހޮޓަލިއާ މޯލްޑިވްސްގެ ޖެނެރަލް މެނޭޖާސް ފޯރަމްގައި ވާހަކަފުޅުދައްކަވަމުން މުއިއްޒު ވިދާޅުވެފައި ވަނީ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ ކުރިއަރުވަން ބޭނުންވާ އެންމެ މުހިންމު ކަމަކަށް އޮތީ ވީއައިއޭގެ އާ ޓާމިނަލުގެ މަސައްކަތް ނިންމައި އެތަން ބޭނުންކުރަން ފެށުން ކަމަށެވެ. އެކަމަށްޓަކައި ފައިނޭންސަރުންނާއި ކޮންޓްރެކްޓަރުންނާ އެކު މަސައްކަތް ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
މ. ދިމްޔާތުގައި ހުންނަ އިންތިހާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިރުޒުލް ވިދާޅުވީ، ރާއްޖޭގެ އިގުތިސޯދު ކޮޅަށް ޖެހުމަށާއި ރާއްޖޭގެ އިގުތިސޯދު ކުރިއެރުވުމަށް އެންމެ މުހިއްމު ކަމަކީ އެއާޕޯޓް މަޝްރޫއު އަވަހަށް ނިންމުންކަން ރައީސް މުއިއްޒު މީގެކުރިންވެސް ފާހަގަ ކުރައްވާފައިވާ ކަމަށެވެ. އަދި އެއާޕޯޓް މަސައްކަތް ނުނިމި ދިގުލައިގެން ދިއުމާއި ޑިޒައިންތަކަށް ގެނައި ބަދަލުތަކާ ގުޅިގެން އެ މަޝްރޫއަށް ކުރަންޖެހޭ ހަރަދު އިތުރުވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ނަމަވެސް ރައީސް މުއިއްޒު ޔޫއޭއީއަށް ކުރެއްވި ޒިޔާރަތުގައި ލިބިވަޑައިގެން ފުރުސަތުގެ ތެރެއިން، އަބޫދާބީ ފަންޑުގެ އިސްބޭފުޅުންނާއި ޔޫއޭއީ ސަރުކާރުގެ އިސް ބޭފުޅުންނާއެކު ކުރެއްވި މަޝްވަރާތަކުގައި އެއާޕޯޓް ނިންމަން ބޭނުންވާ ހުރިހާ ފައިސާއެއް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން 79.80 މިލިޔަން ޑޮލަރު، 1.2 ބިލިޔަން ރުފިޔާ ދޭން ނިންމާފައިވާ ކަމަށް ފުރުޒުލް ވިދާޅުވިއެވެ.
އޭގެ އިތުރުން ދައުލަތުގެ ބަޖެޓް ސަޕޯޓަށާއި ރާއްޖޭގެ އިޖުތިމާއީ އިގުތިސޯދީ ކަންތައްތައް ކުރިއަށް ގެންދަން ބޭނުންވާ އެހީތެރިކަން ދިނުމަށްވެސް އަބޫދާބީ ފަންޑުން އެއްބަސްވެފައިވާ ކަމަށެވެ. ނަމަވެސް އެއާޕޯޓް މަޝްރޫއަށް އިތުރު ބަދަލެއް ގެންނަން ނިންމާފައިނުވާ ކަމަށާއި ބޭނުންވަނީ ވީ އެންމެ އަވަހަކަށް އެ މަޝްރުއޫ ނިންމުމަށް ކަމަށްވެސް ފުރުޒުލް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު