ނުރައްކާތެރި ކެމިކަލް މާއްދާތައް ކަމަށްވާ "ޑައިއެތިލީން ގްލައިކޯލް" އަދި "އެތިލީން ގްލައިކޯލް" ހުރި ސިޓްރިޒެން ދިޔާ ބޭހެއްގެ ބެޗެއް ރާއްޖެއިން ފެނިފައިވާތީ އެ ބޭސް ބޭނުންކުރުމާއި ވިއްކުން މަނާކޮށްފިއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ނެރުނު އެލާޓުގައި ބުނީ، "ޑައިއެތިލީން ގްލައިކޯލް" އަދި "އެތިލީން ގްލައިކޯލް" ހުރި ސިޓްރިޒެން ދިޔާ ބޭހެއްގެ ބެޗެއް ދައުރުވާތީ، ޑަބްލިއުއެޗްއޯއިން ނެރެފައިވާ އެލާޓްތަކާ ގުޅިގެން ރާއްޖެއިންވެސް ރެންޑަމްކޮށް މާކެޓުގައި ހުރި ބޭސްތަކުގެ ސާމްޕަލް ނަގާ ސްކްރީން ކުރަމުންދާ ކަމަށެވެ.

އެގޮތުން މި އަހަރު މިހާތަނަށް ރާއްޖޭގެ މާކެޓުން ދިހަ ސާމްޕަލް ނަގައި ސްކްރީން ކުރި އިރު, "ޑައިއެތިލީން ގްލައިކޯލް" އަދި "އެތިލީން ގްލައިކޯލް" ހިމެނޭ ބެޗެއް ފެނިފައިވާ ކަމަށް ބުންޏެވެ.

އެ ބެޗަކީ ޕާކިސްތާންގެ ކުންފުންޏަކުން އުފައްދާފައިވާ އަލެގްރޯ ބްރޭންޑުގެ 5ml ސިޓްރިޒެން ދިޔާ ބޭހުގެ B220 ބެޗު ކަމަށްވެސް ބުންޏެވެ.

އެމްއެފްޑީއޭއިން ބުނީ، ޑައިތެލީން އާއި އެތިލީން ގްލައިކޯލް ދެނެގަތުމަށް ހަދަންޖެހޭ ޓެސްޓުތައް ހަދަނީ ރާއްޖޭން ބޭރުގެ ލެބޯޓްރީއަކަށް ފޮނުވައިގެން ކަމަށެވެ.