ކޮންމެ އަހަރެއްގެ ސެޕްޓެންބަރު 12 ވަނަ ދުވަހަކީ ރާއްޖޭގެ ގައުމީ ތަރިކަ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ކަނޑައަޅުއްވައިފިއެވެ.

ރައީސް އޮފީހުން ބުނީ، އެ މަނިކުފާނު އެގޮތަށް ކަނޑައެޅުއްވީ ގައުމީ ތަރިކަ ދުވަހުގެ ގޮތުގައި ދުވަހެއް ފާހަގަކުރުމާ ގުޅޭ ގޮތުން މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ހުށަހެޅުއްވި ކަރުދާހަށް ކެބިނެޓުގައި މަޝްވަރާ ކުރެއްވުމަށްފަހު، އެރުވި ލަފާފުޅުގެ މައްޗަށް ރިއާޔަތް ކުރެއްވުމަށްފަހުގައި ކަމަށެވެ.

އެގޮތުން ސަގާފީ ތަރިކައިގެ ދުވަހެއް ކަޑައެޅުމާ ގުޅޭ ގޮތުން ކެބިނެޓުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޔުމްނާ ވިދާޅުވީ، މީގެކުރިން އާސާރީ ތަންތަނާއި ތަކެތި ރައްކާތެރިކޮށް ދަމަހައްޓަން ގައުމީ ފެންވަރެއްގައި އަދި ބައިނަލްއަގުވާމީ ފެންވަރެއްގައި ކުރަމުން އައި މަސައްކަތްތަކަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ ހަރުދަނާ ގާނޫނީ އޮނިގަނޑެއް ނެތުން ކަމަށެވެ.

އެހެންނަމަވެސް މި ސަރުކާރުން 12 ސެޕްޓެމްބަރު 2019ގައި ސަގާފީ ތަރިކަ ހިމާޔަތްކޮށް ރައްކާތެރިކުރުމަށް، ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ގާނޫނު ތަސްދީގު ކުރެއްވުމުގެ ސަބަބުން ރާއްޖޭގެ ސަގާފީ ތަރިކައަށް ކުރިން ނުލިބި އޮތް ވަރަށް ބޮޑު ރައްކާތެރިކަމެއް ލިބިގެންދިޔަ ކަމަށް ވިދާޅުވިއެވެ.

އެހެންވެ ގައުމީ ފެންވަރެއްގައި ތަރިކައިގެ ދުވަހެއް ފާހަގަކުރާ ނަމަ، ސެޕްޓެންބަރު 12 ވަނަ ދުވަހަކީ އެކަމަށް އެންމެ އެކަށީގެންވާ ދުވަސް ކަމަށް ޔުމްނާ ހުށަހެޅުއްވި ކަރުދާހުގައި ވިދާޅުވެފައިވެއެވެ.

ޔުމްނާ ވިދާޅުވީ، ގައުމީ ފެންވަރެއްގައި ތަރިކައިގެ ދުވަހެއް ކަނޑައެޅުމަކީ ދިވެހި ކާބަފައިންގެ ފަރާތުން ވާރުތަވަމުން އައިސްފައިވާ ތަރިކަތައް އަމާނާތްތެރިކަމާ އެކު އަދުގެ ޖީލަށާއި ކުރިއަށް އޮތް ޖީލުތަކަށް ވާސިލުކޮށްދިނުމަށާއި އެކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް ކުރަންޖެހޭ ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ.

އަދި ތަރިކައާމެދު ޝައުގުވެރިކަން އުފައްދާ އެ ވާހަކަތައް ދެއްކުމަށް ހާއްސަ ގައުމީ ތަރިކަ ދުވަހެއް ފާހަގަކުރުމަކީ މުހިންމު ކަމެއް ކަމުގައި ވިދާޅުވިއެވެ.