މި ސަރުކާރުން ކުރިއަށް ގެންދާ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓަށް އެދި ހުށަހެޅި މީހުންގެ ތެރެއިން ހާލަތު ބަލަން ގޮސްފައިވަނީ 3،000-3،500 ގެއަށް ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

ގެދޮރުވެރިޔާ ސްކީމުގެ ފުރަތަަމަ ފިޔަވަހީގެ ދަށުން ފުލެޓަށް އެދި ޖުމުލަ 20،697 މީހުން ފޯމު ހުށަހެޅިއެވެ. އޭގެ ތެރޭގައި ހިމެނެނީ ތިން ކޮޓަރީގެ އެޕާޓްމަންޓަށް ކުރިމަތިލި 14،489 މީހުންނާއި ދެ ކޮޓަރީގެ އެޕާޓްމަންޓަށް ކުރިމަތިލި 6،208 މީހުންނެވެ. ފްލެޓަށް އެދި ފޯމު ހުށަހެޅި މީހުންގެ ތެރެއިން ޝަރުތު ހަމަވީ 13،000 މީހުންނެވެ. އެ ހުރިހާ އެންމެންނަށްވެސް ފްލެޓް ދޭން ސަރުކާރުން ވަނީ ނިންމައިފައެވެ.

ގެދޮރުވެރިޔާ ސްކީމުގެ ފުރަތަަމަ ފިޔަވަހީގެ ދަށުން ފުލެޓަށް އެދި ހުށަހެޅި މީހުންގެ ތެރެއިން ފުރަތަމަ 4،000 ފްލެޓް ލިބޭ މީހުން އެނގޭ ގޮތަށް ހައުސިން މިނިސްޓްރީން ދާއިމީ ލިސްޓު އިއުލާން ކުރީ މިދިޔަ ހޮނިހިރު ދުވަހުއެވެ. ނަމަވެސް ޕޮއިންޓް ދީފައި ހުރި ގޮތާ ގުޅިގެން ނުރުހުންވެ ހައުސިން މިނިސްޓްރީގައި ބަޔަކު އިހުތިޖާޖު ކުރުމުން މިނިސްޓްރީން ވަނީ ހަމަ އެ ދުވަހު ލިސްޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލައިފައެވެ.

ހައުސިން މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައުސިން މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު އަދި ގެދޮރުވެރިޔާ ކޮމިޓީގެ މެމްބަރު މުހައްމަދު އާރިފް ވިދާޅުވީ، ފްލެޓްގެ ދާއިމީ ލިސްޓު އިއުލާން ކުރުމުގެ ކުރިން ދިރިއުޅުމުގެ ހާލަތު ބަލަން ދެވުނީ ބައެއް ގެތަކަށް ކަމަށެވެ.

"މި ސްކީމަށް ލިބުނު 20،000 ފޯމުގެ ތެރެއިން އަޅުގަނޑުމެން ސާމްޕަލިންނަށް ނެގިން 3،000-3،500 އާ ދެމެދުގެ މީހުން. އެ ގޭގެއަށް ގޮސްފައި އަޅުގަނޑުމެން ބެލިން ކިހާވަރަކަށްތޯ މައުލޫމާތު ދިމާވަނީ" އާރިފް ވިދާޅުވިއެވެ.

އާރިފް ވިދާޅުވީ ހާލަތު ދެނެގަތުމަށް ބައެއް ގެތަކަށް ދިޔައިރު، އެ ގެތަކުގައި އުޅުނު މީހުން އެހެން ގެއަކަށް ބަދަލުވެފައިވީ ނަމަވެސް ހާލަތު ދެނެގެވުނު ގެތަކަށް ބަލާއިރު، ފްލެޓް ފޯމަށް ދީފައިވާ މައުލޫމާތާއި ގިނަ ގޭގެ ހާލަތާ ދިމާވާ ކަމަށެވެ. އަދި ދޮގު މައުލޫމާތު ދީގެން އެއްވެސް މީހެއްގެ ފޯމު ބާތިލުކޮށްފައި ނުވާނެ ކަމަށް ވިދާޅުވިއެވެ.