ހަނގުރާމަ ނިމުމަށްފަހު ގާޒާގެ ސަލާމަތީ ކަންކަމަށް ބާރުހިންގާނީ އިޒްރޭލުން ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔަހޫ ވިދާޅުވެއްޖެއެވެ.

ބޭރުގެ މީޑިއާއަކަށް އިއްޔެ ދިން އިންޓަވިއުއެއްގައި ނަތަންޔާހޫ ވިދާޅުވީ ގާޒާގެ ސަލާމަތީ ކަންކަން އެހެން ބައެއްގެ އަތުގައި އޮތުމުގެ ނަތީޖާ މިހާރު ސާފު ކަމަށެވެ. އެހެންކަމުން، ހަގުރާމަ ނިމުމަށްފަހު ވަކި މުއްދަތެއް ކަނޑަނާޅާ ގޮތަށް ގާޒާގެ ސަލާމަތީ ކަންކަން ބަލަހައްޓާނީ އިޒްރޭލުން ކަމަށް ވިދާޅުވިއެވެ.

ނަތަންޔާހޫ މިހެން ވިދާޅުވެފައިވަނީ އިޒްރޭލުން ގާޒާއަށް ވެރިވެގަތުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް އެމެރިކާއިން މިދިޔަ މަހު އިޒްރޭލަށް ލަފާ ދީފައިވަނިކޮށެވެ.

އެ އިންޓަވިއުގައި ނަތަންޔާހޫ އިތުރަށް ވިދާޅުވީ ހަމާސްއިން ރަހީނުކޮށްފައި ތިބި މީހުން ދޫކޮށްލުމުން ނޫނީ ހަނގުރާމަ ހުއްޓާނުލާނެ ކަމަށެވެ. ނަމަވެސް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހަމަލާ ބަދަލުކުރުން މަޑުޖައްސައިލަން މަޝްވަރާ ކުރެވިދާނެ ކަމަށެވެ.

މިދިޔަ މަހުގެ ހަތްވަނަ ދުވަހު ހަމާސްއިން އިޒްރޭލަށް ދިން ހަމަލާއަށްފަހު ހަނގުރާމަ އިއުލާން ކުރުމަށް ފަހު އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 10،000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އިޒްރޭލުން ދެމުންދާ ހަމަލާތައް ހުއްޓާލުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މުޒާހަރާތައްވެސް ދަނީ ބާއްވަމުންނެވެ.