އަންނަ އަހަރު ބާއްވާ މަޖިލިސް އިންތިހާބުގެ ދާއިރާތަކަށް އާބާދީ ކަނޑައެޅި ގޮތާ ގުޅިގެން ހުށަހަޅާފައިވާ 65 ޝަކުވާއަށް މިއަދު ޖަވާބު ދޭނެ ކަމަށް އިލެކްޝަންސް ކޮމިޝަންސް (އީސީ)ގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވެއްޖެއެވެ.
ހަބީބު މިއަދު އެކްސްގައި ވިދާޅުވީ އެ 65 ޝަކުވާ ދިރާސާކޮށް ނިމިފައިވާ ކަމަށެވެ. މިހާރު ކުރަމުން އަންނަނީ ދާއިރާތަކުގެ ފައިނަލް ރިޕޯޓު އާންމު ކުރުމަށް ކުރަން ޖެހޭ ޗާޓުތަކުގެ މަސައްކަތް ކަމަށް އޭނާ ވިދާޅުވިއެވެ.
"ރައްޔިތުންގެ މަޖިލީހުގެ 2024 ވަނައަހަރުގެ އިންތިހާބީ ދާއިރާތަކަށް އާބާދީ ކަނޑައަޅާފައިވާ ގޮތުގެ ވަގުތީ ރިޕޯޓަށް ލިބިފައިވާ ޝަކުވާ/ހިޔާލުތައް އިލެކްޝަންސް ކޮމިޝަނުން ދިރާސާކޮށް ނިންމައިފި. ޝަކުވާ/ހިޔާލު ހުށަހެޅި ފަރާތްތަކަށް އީސީ އިން މިއަދު ޖަވާބު ދޭނެ. މިހާރު ކުރަމުން ގެންދަނީ ދާއިރާތަކުގެ ފައިނަލް ރިޕޯޓު އާންމު ކުރުމަށް ކުރަންޖެހޭ ޗާޓުތަކުގެ މަސައްކަތް" ހަބީބު ވިދާޅުވިއެވެ.
ހަބީބު ވަނީ މީގެ ކުރިން ދާއިރާތަކުން ޝަކުވާ ހުށަހަޅާފައިވާ އަދަދުވެސް ހާމަކޮށްފައެވެ. އޭގައިވާ ގޮތުން އެންމެ ގިނައިން ޝަކުވާ ހުށަހަޅާފައި ވަނީ ފޭދޫ އުތުރު ދާއިރާއިންނެވެ. އެ ދާއިރާއިން ވަނީ 44 ޝަކުވާއެއް ހުށަހަޅައިފައެވެ. މާލޭ ސިޓީގެ ދާއިރާތަކުން ދެ ޝަކުވާ ހުށަހަޅާފައިވާ އިރު، ގަމާއި ދާންދޫ އަދި ގެމަނަފުއްޓާއި ކޮލަމާފުށި ދާއިރާއިން ވެސް ދެ ޝަކުވާ ހުށަހަޅާފައިވެއެވެ.
އޭދަފުށި، ތުޅާދޫ، ކެންދޫ، ހިތާދޫ، އިސްދޫ، މަރަދޫ، ހިތަދޫ އުތުރު، ހިތަދޫ މެދު، ހިތަދޫ ދެކުނު އަދި އައްޑޫ މީދޫން ހުށަހެޅީ އެއް ޝަކުވާއެވެ.
ރައްޔިތުންގެ މަޖިލީހަށް 2024 ވަނަ އަހަރު 93 ދާއިރާއަކަށް މެންބަރުން އިންތިހާބު ކުރަން ޖެހެއެވެ. އިންތިހާބީ ދާއިރާތައް ކަނޑައަޅާފައިވާ ގޮތުގެ ވަގުތީ ރިޕޯޓް އީސީން އާންމުކުރީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ. އެ ރިޕޯޓުގައިވާ ގޮތުން މަޖިލީހަށް ވަނީ ހަ ދާއިރާއެއް އިތުރުވެފައެވެ.
- ހުޅުމާލެ މެދު ދާއިރާ
- ހުޅުމާލެ އުތުރު ދާއިރާ
- ހިތާދޫ ދާއިރާ (ހިތާދޫ، މާޅޮސް، ދަރަވަންދޫ)
- ހުރާ ދާއިރާ (ހުރާ، ހިންމަފުށި، ގުޅީ)
- ކޮލަމާފުށި ދާއިރާ (ކޮލަމާފުށި، ދެއްވަދޫ)
- ފޭދޫ އުތުރު ދާއިރާ (ފޭދޫ، މަރަދޫފޭދޫ)
އެ ބަދަލާއެކު އޭދަފުށި، ވިލިނގިލި އަދި މީދޫ ދާއިރާގައި އޮންނާނީ އެ ދާއިރާއަށް ނިސްބަތްވާ ރަށް އެކަންޏެވެ. އަދި އިންތިހާބީ ބައެއް ދާއިރާތަކުގެ ނަމަށްވެސް ވަނީ ބަދަލު ގެނެސްފައެވެ.
އެގޮތުން ހުޅުމާލެ ދާއިރާގެ ނަން، ހުޅުމާލެ ދެކުނުދާއިރާ، ގުރައިދޫ ދާއިރާގެ ނަން މާފުށި ދާއިރާ، ތ. ގުރައިދޫ ދާއިރާގެ ނަން ގުރައިދޫ ދާއިރާ އަދި ފޭދޫ ދާއިރާގެ ނަން ފޭދޫ ދެކުނު ދާއިރާގެ ނަމަށް ވަނީ ބަދަލުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު