ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅިގެން އެމްޑީޕީގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައަކީ އެ މައްސަލަ ބެލުމަށް، ސުޕްރީމް ކޯޓުގެ އަސްލީ އިހުތިސާސް ލިބިގެންވާ މައްސަލައެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ދަ ޑިމޮކްރެޓްސްއިން ސުޕްރީމް ކޯޓުގައި ބުނެފިއެވެ.

އެމްޑީޕީގެ ފަރާތުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނީ، އެ ޕާޓީގެ 48 މެންބަރަކު ސޮއި ކުރައްވައި، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންގޮސްގެންނެވެ. އެ މައްސަލަ ކުރިއަށް ނުގޮސްގެން އުޅެނީ އެމްޑީޕީ މެންބަރުންނާއި މަޖިލީހުގެ އަމީންއާއްމު ފާތިމަތު ނިއުޝާއާ ދެމެދު މަޖިލިސް ގަވާއިދު މާނަ ކުރުމުގައި އުފެދިފައިވާ ހިޔާލު ތަފާތުވުންތަކާ ގުޅިގެންނެވެ.

ހިޔާލު ތަފާތުވުން އުފެދިފައިވަނީ، މަޖިލިސް ރައީސް ވަކި ކުރުމާބެހޭ މައްސަލައިގައި، މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމާ ބެހޭގޮތުން މަޖިލިސް ގަވާއިދުގައި ހިމެނިފައިވާ މާއްދާތައް މާނަ ކުރުމުގައެވެ.

މަޖިލިސް ގަވާއިދުގެ 205 ވަނަ މާއްދާގައި ބުނަނީ، މަޖިލީހުގެ ރައީސް މަގާމުން ވަކި ކުރުމުގެ މައްސަލަ ހުށަހަޅާ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނީ މަޖިލީހުގެ ނައިބު ރައީސް ކަމަށެވެ. ނަމަވެސް މި މައްސަލައިގައި އެއްވެސް ކަމަކާ ގުޅިގެން އެއިން ބޭފުޅަކަށް ރިޔާސަތު ނުބެލެހެއްޓިއްޖެ ނަމަ ދެން ކަންތައް ކުރަންވީ ގޮތެއް އެ މާއްދާގައި ބުނެފައެއް ނުވެއެވެ.

އެހެންކަމުން މަޖިލީހުގެ އަމީންއާއްމު ނިންމަވާފައި ވަނީ، މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ކުރާ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަން ޖެހޭނީ މަޖިލީހުގެ ނައިބު ރައީސް ކަމަށާއި އެނޫން ގޮތެއް ނޯންނާނެ ކަމަށެވެ.

ނަމަވެސް ހުސްވި އޮކްޓޫބަރު މަހުގެ 29 ވަނަ ދުވަހުން ފެށިގެން މިއަދާ ހަމައަށް ބަންދު ނޫން ކޮންމެ ދުވަހަކު މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ކުރަމުން އައި ނަމަވެސް، މަޖިލީހުގެ ނައިބު ރައީސް އީވާ އަބުދުﷲ އާލާސްކަންފުޅާ އުޅުއްވާތީ ސަލާމް ފޮނުއްވަމުން ގެންދަވާތީ، މަޖިލިސް ޖަލްސާ ކުރިއަށް ގެންދެވިފައެއް ނުވެއެވެ.

އެ މައްސަލައިގައި، އެމްޑީޕީ މެންބަރުން ދައްކަވަނީ، މަޖިލިސް ގަވާއިދުގެ 44 ވަނަ މާއްދާއެވެ. އެ މާއްދާގައި ބުނަނީ، މަޖިލީހުގެ ރައީސާއި ނާއިބު ރައީސް މަޖިލީހުގެ ޖަލްސާގެ ރިޔާސަތު ބެލެއްޓުމަށް އުޒުރުވެރިވެއްޖެ ހާލަތެއްގައި، ގާނޫނުއަސާސީގެ ދަށުން އެކަމަށް ކަނޑައަޅާފައިވާ މަޖިލީހުގެ ފަސް މެންބަރުންގެ ތެރެއިން މެންބަރަކަށް ރިޔާސަތު ބެލެހެއްޓޭނެ ކަމަށެވެ.

އެހެންކަމުން އެމްޑީޕީ މެންބަރުން ވިދާޅުވަނީ، މަޖިލީހުގެ ނައިބު ރައީސަށް ޖަލްސާގެ ރިޔާސަތަށް ވަޑައިނުގެންނެވިއްޖެ ނަމަ މި މާއްދާގައި ބުނާގޮތަށް، ރިޔާސަތު ބަލަހައްޓަވަން ކަނޑައެޅުއްވާފައި ތިއްބަވާ ފަސް މެންބަރުންގެ ތެރެއިން މެންބަރަކު ރިޔާސަތަށް ވަޑައިގެން ޖަލްސާ ކުރިއަށް ގެންދެވޭނެ ކަމަށެވެ.

އޭގެ އިތުރުން އިތުބާރު ނެތްކަމުގެ މައްސަލައިގެ 14 ދުވަހުގެ ނޯޓިސް މަޖިލިސް ރައީސް އާއި މަޖިލީހުގެ މެންބަރުންނަށް ދިނުމަށްފަހު، މަޖިލިސް ރައީސް މަގާމުން ވަކި ކުރުމުގެ ގަރާރު މަޖިލިސް ޖަލްސާއަށް ހުށަހެޅުމަށްފަހު، އެވަގުތު މަޖިލީހަށް ހުށަހަޅާފައިވާ އެހެން އެއްވެސް ކަމަކާމެދު ބަހުސް ކުރެވޭނީ ނުވަތަ ގޮތެއް ނިންމަންވާނީ، މަޖިލީހުގެ ރައީސް މަގާމުން ވަކި ކުރުމުގެ ގަރާރާމެދު ގޮތެއް ނިންނުމަށްފަހުގައި ކަމަށް މަޖިލިސް ގަވާއިދުގެ 205 ވަނަ މާއްދާގައި ބުނެފައިވާ މާއްދާވެސް އެމްޑީޕީ މެންބަރުން ސަމާލު ކަމަށް ގެންނަވައެވެ.

އެ ބޭފުޅުން ވިދާޅުވަނީ، އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންގޮސް އިތުރު މައްސަލައެއް މަޖިލީހުގައި ކުރިއަށް ނުގެންދެވޭނެ ކަމަށް މި މާއްދާއިން ހާމަވާ ކަމަށެވެ. އެހެންކަމުން އިތުބާރު ނެތްކަމުގެ މައްސަލަ ނުނިމެނީސް މަޖިލީހުގެ އެއްވެސް މަސައްކަތަކަށް އެއްބާރުލުން ނުދިނުމަށް އެމްޑީޕީ ޕީޖީ ގްރޫޕުން ވަނީ ނިންމައިފައެވެ. އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގައި ކުރިއަށް ނުގެންދަނީ ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށް ބުނެ، އެމްޑީޕީން ވަނީ އެމައްސަލަ ސުޕްރީމް ކޯޓަށްވެސް ހުށަހަޅައިފައެވެ.

އެ މައްސަލައިގައި އެމްޑީޕީން ސުޕްރީމް ކޯޓުގައި ދެ ކަމަކަށް އެދިފައިވެއެވެ. އެއްކަމަކީ އިތުބާރު ނެތްކަމުގެ މައްސަލައިގެ ރިޔާސަތު ބެލެހެއްޓެވުމަށް މަޖިލީހުގެ ނައިބު ރައީސް ހާޒިރު ނުވާ ހާލަތުގައި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު 44 ވަނަ މާއްދާއަށް އަމަލުކުރުން، މަޖިލީހުގެ މައްޗަށާއި މަޖިލީހުގެ އިދާރާއަށް ލާޒިމުވާނެ ކަމަށް ކަނޑައަޅުވައިދެއްވުމެވެ. ދެވަނަ ކަމަކީ ރައްޔިތުން މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމަށް މިހާރު ހުށަހަޅާފައިވާ ގަރާރާމެދު ގޮތެއް ނިންމެވުމަށްފަހު ނޫނީ މަޖިލީހުގެ އެހެން އެއްވެސް ޖަލްސާއެއް ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅުއްވައި ދެއްވުމަށެވެ.

މި މައްސަލައިގެ ތެރެއަށް ޑެމޮކްރެޓްސްގެ ފަރާތުން ވަނީ ތަދައްހުލުވެފައެވެ.

މި މައްސަލައިގެ މިއަދުގެ އަޑުއެހުމުގައި ވާހަކަ ދައްކަވަމުން ދަ ޑިމޮކްރެޓްސްގެ ވަކީލު އަބުދުﷲ ޝާއިރު ވިދާޅުވީ، ގާނޫނު އަސާސީގައި އެހެން ގޮތަކަށް ބަޔާން ކޮށްފައި ނުވާހާ ހިނދަކު ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ކަމެއް ހިނގި ގޮތުގެ ސައްހަކަން ބެލުމަށް އެއްވެސް ކޯޓަކަށް މައްސަލައެއް ހުށަނޭޅޭނެ ކަމަށް ގާނޫނުއަސާސީގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށެވެ. ގާނޫނުގައި ކަން އޮތް ގޮތާ މެދު އުފެދޭ މުހިންމު ސުވާލުތަކާ މެދު ނުވަތަ ގާނޫނީ ގޮތުން ކަމެއް އޮތް ގޮތާ މެދު ސުޕްރީމް ކޯޓުގެ ލަފަޔަކަށް އެދި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގަރާރަކުން ސުޕްރީމް ކޯޓަށް ހުށަހެޅިދާނެކަމަށް ގާނޫނުއަސާސީގެ 95 ވަނަ މާއްދާގެ އޮންނަ ކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން އެ މައްސަލައަކީ ސުޕްރީމް ކޯޓަށް ބެލޭނެ މައްސަލައެއް ނޫންކަމަށް ވިދާޅުވެ ވަކީލު ވަނީ އިތުރަށް ވާހަކަދައްކަވައިފައެވެ.