ފަލަސްތީނުގެ ގާޒާގެ އަލްޝިފާ ހޮސްޕިޓަލު ބޭރުގައި އޮތް އެމްބިއުލާންސަށް އިޒްރޭލުން އިއްޔެ ދިން ހަމަލާގައި 15 މީހުން މަރުވެފައިވާ ކަމަށް ފަލަސްތީނުގެ ރެޑް ކްރެސެންޓުން ބުނެފިއެވެ.

ފަލަސްތީނުގެ ރެޑްކްރެސެންޓުން ވަނީ އެހާދިސާގައި 17 މީހަކަށް އެކިވަރުގެ އަނިޔާ ވެފައިވާ ކަމަށާއި މިހަމަލާ އަކީ ބައިނަލްއަގުވާމީ މުއާހަދާތަކާ ހިލާފު އަމަލެއް ކަމަށް ބުނެފައެވެ.

އިސްރާއީލުގެ މިލިޓަރީ އިން ވަނީ އެހަމަލާ ދީފައިވަނީ އެއެމްބިއުލާންސަކީ ހަމާސް އިން ބޭނުންކުރާ އެމްބިއުލާންސްއަކަށް ވާތީކަމަށް ބުނެ އެކަން ދިފާއުކޮށްފައެވެ.

މިލިޓަރީ އޮފިޝަލުން ވަނީ ހަމާސްގެ ހަނގުރާމަވެރިންގެ ހަތިޔާރު އެއްތަނުން އަނެއްތަނަށް ގެންދިއުމުގެ އިތުރުން ހަނގުރާމަވެރިން ވެސް ދަތުރު ކުރުމަށް އެ އެމްބިއުލާން ބޭނުން ކުރިކަމަށް ފާހަގަވެފައިވާ ކަމަށް ބުނެފައެވެ.

ގާޒާގެ ހެލްތް މިނިސްޓްރީ އިން ވަނީ އެމްބިއުލާންސަށް ހަމަލާ ދީފައިވަނީ އަނިޔާވެފައިވާ ބަޔަކު ހޮސްޕިޓަލަށް ގެންދިއުމުގެ ތެރޭގައި ކަމަށް ބުނެފައެވެ.

ދުނިޔޭގެ ސިއްހަތާބެހޭ ޖަމިއްޔާގެ އިސްވެރިޔާ ވެސް ވަނީ އެހަމަލާ ކުށްވެރިކޮށް ބަޔާނެއް ނެރެފައެވެ. އެބަޔާނުގައި ވަނީ ސިއްހީ ކަންކަމުގައި ހަރަކާތްތެރިވާ ފަރާތްތަކާއި އުޅަނދުތަކަށް ހަމަލާދިނުން ބަލައިނުގަނެވޭ ކަމަށް ވިދާޅުވެފައެވެ.