އިޒްރޭލުން ގާޒާގެ އަލް ޝިފާ ހޮސްޕިޓަލް ކުރިމަތީގައި ހުރި އެމްބިއުލާންސްތަކަކަށް ބޮން އަޅައިފިއެވެ.
ބޭރުގެ މީޑިއާތަކުން ރިޕޯޓުކޯށްފައިވާ ގޮތުން އިޒްރޭލުން އެ އެމްބިއުލާންސްތަކަށް ބޮން އަޅާފައިވަނީ އެ އުޅަނދުތައް ހަމާސް ޖަމާއަތުގެ މީހުންނާއި އެ މީހުންގެ ހަތިޔާރު އެއްތަނުން އަނެއް ތަނަށް ގެންދިއުމަށް ބޭނުންކުރާ ކަމަށް ބުނެއެވެ. އެ ހަމަލާގައި ހަމާސްއަށް ނިސްބަތްވާ ބަޔަކު މަރާލާފައިވާ ކަމަށްވެސް އިޒްރޭލުން ބުންޏެވެ.
އެ ހަމަލާގައި 15 މީހުން މަރުވެފައިވާއިރު 60 މީހުން ވަނީ ޒަހަމްވެފައެވެ.
އެ ހަމަލާއާ ގުޅިގެން އަލް ޝިފާ ހޮސްޕިޓަލުން ބުނީ އެ އުޅަނދުތަކަކީ ބަލި މީހުން އުފުލުމަށް ބޭނުންކުރާ އުޅަނދުތަކެއް ކަމަށާއި މަރުވި މީހުންނަކީ ފަރުވާ ހޯދަން މިސްރަށް ދިއުމަށް ރަފާ ބޯޑަރު ކައިރިއަށް ގެންދަން ތިބި މީހުން ކަމަށެވެ.
ފަލަސްތީންގެ ރެޑް ކްރެސެންޓާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުން އެމްބިއުލާންސްތަކަށް ބޮން އެޅި އިރު، އެ ސަރަހައްދުގައި ގިނަ ބަޔަކު ތޮއްޖެހިފައި ތިއްބެވެ.
އެ ހަމަލާއާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، އެ ޖަމިއްޔާގެ ޑިރެކްޓާ ޖެނެރަލް ޓެޑްރޮސް އަދަނޮމް ވިދާޅުވީ ބަލި މީހުންނާއި ސިއްހީ މަސައްކަތްތެރިންނާއި ސިއްހީ ހިދުމަތް ދޭ ތަންތަން އަދި އެމްބިއުލާންސްތަކަށް އަބަދުވެސް ހިމާޔަތް ލިބެން ޖެހޭނެ ކަމަށެވެ.
އިޒްރޭލުގެ ހަމަލާތަކުގައި މިހާތަނަށް 9،200 މީހުން ވަނީ މަރުވެފައެވެ. އަދި 23،500 މީހުން ވަނީ ޒަހަމްވެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ