ތެޔޮ ހުސްވެގެން ގާޒާގައި ހުރި ހަމައެކަނި ކެންސަރު ހޮސްޕިޓަލް ކަމަށްވާ ޓާކިޝް-ޕަލަތީނިއަން ފްރެންޑްޝިޕް ހޮސްޕިޓަލު ބަންދުކޮށްފިއެވެ.
އިޒްރޭލުން ގާޒާއަށް ކަރަންޓު ކަނޑާލުމުން ހޮސްޕިޓަލު ހިންގަމުން އައީ ބެކަޕް ޖެނެރޭޓަރު ބޭނުންކޮށްގެންނެވެ. ނަމަވެސް ތެޔޮ ހުސްވުމާ ގުޅިގެން ހޮސްޕިޓަލު ބަންދުކުރަން ޖެހިފައިވާ ކަމަށް ބުނެ އެ ހޮސްޕިޓަލުން އިއްޔެ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައިވެއެވެ. އަދި ކެންސަރަށް ފަރުވާ ކުރާ މީހުން ޔަގީން މަރަކަށް ދޫކޮށް ނުލުމަށް ދުނިޔޭގެ އެންމެންގެ ކިބައިން އެދިފައިވެއެވެ.
އެ ހޮސްޕިޓަލުގައި ކެންސަރަށް ފަރުވާ ކުރާ ހާލު ސީރިއަސް 70 މީހުން ތިބި ކަމަށް ފަލަސްތީނުގެ ހެލްތް މިނިސްޓަރު މައި އަލް ކައިލާ ވިދާޅުވިއެވެ. އަދި ކެންސަރު ބައްޔަށް ފަރުވާ ކުރާ މީހުންނަށް ފަރުވާ ނުލިބޭ ނަމަ އެއީ އެމީހުން މަރުގެ ސެޓްފިކެޓު ހެއްދުން ފަދަ ކަމެއް ކަމަށް ވިދާޅުވިއެވެ.
މިއާއެކު ގާޒާގައި ހުރި 35 ހޮސްޕިޓަލުގެ ތެރެއިން 16 ހޮސްޕިޓަލު ބަންދުވީއެވެ. އަދި 72 ކްލިނިކުގެ ތެރެއިން 50 އަށްވުރެ ގިނަ ކްލިނިކް ބަންދުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އިޒްރޭލުން ގާޒާއަށް ބޭނުންވާ އެހީ ވެއްދުން ކޮންޓްރޯލް ކޮށްފައިވާ އިރު، އަދިވެސް ތެޔޮ ވެއްދުމަށް ހުއްދަ ދީފައެއް ނުވެއެވެ. ތެޔޮ ހުސްވުމުގެ ސަބަބުން ހޮސްޕިޓަލުތައް ބަންދުކުރަމުންދާ އިރު، މާބަނޑު އަންހެނުންވެސް ހޮސްޕިޓަލަށް ނުގެންގޮސް ވިހަން ޖެހިދާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ގާޒާއިން މިހާތަނަށް 8،796 މީހުން މަރުވެފައިވާ އިރު، އޭގެ ތެރޭގައި ގިނަ އަދަދަކަށް ކުޑަކުދިން ހިމެނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ