ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ތާވަލުކޮށްފައި އޮތް ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާ ވެސް، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ސަލާމުގައި ހުންނެވުމުން ކެންސަލްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަންގެ ޑިރެކްޓަރު ހަސަން ޒިޔާއު "ވަން" އަށް މިރޭ ވިދާޅުވީ އީވާ ސަލާމް ފޮނުއްވާފައިވާތީ މާދަމާގެ ޖަލްސާވެސް ކެންސަލް ކޮށްފައިވާ ކަމަށެވެ. އަދި އެކަން މެމްބަރުންނަށް އަންގާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައާމެދު ގޮތެއް ނިންމަން އެންމެ ފުރަތަމަ އެޖެންޑާ ކުރީ އާދިއްތަ ދުވަހަށެވެ. ނަމަވެސް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ސަލާމް ފޮނުއްވާފައިވާތީ، މަޖިލީހުގެ ޖަލްސާ ފެއްޓެވުމަށްފަހު މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ ނިންމެވީ އެ މައްސަލައާމެދު ގޮތެއް ނިންމެވުން ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.
އެކަމާ ގުޅިގެން އެމްޑީޕީގެ މެންބަރުން އިދާރީ މޭޒު ކައިރިއަށް އެއްވެ އިހުތިޖާޖު ކޮށްފައިވެއެވެ. އެ އިހުތިޖާޖުގެ ތެރެއިން މަޖިލީހުގެ ކައުންސެލާ ޖެނެރަލް ފާތިމަތު ފިލްޒާ ބޭނުންކުރައްވާ ކޮމްޕިއުޓަރު ސިސްޓަމް ވައްޓާލައި މޯބައިލް ފޯނު ތަޅައިގެން ގޮސްފައިވެއެވެ.
އޭގެ ފަހުން މިދިޔަ ހޯމަ ދުވަހުގެ ޖަލްސާއަށްވެސް ނަޝީދުގެ މައްސަލަ އެޖެންޑާ ކުރިއެވެ. ނަމަވެސް އެދުވަހުވެސް އީވާ ސަލާމް ފޮނުއްވާފައިވާތީ، ޖަލްސާ ކެންސަލްކުރިއެވެ.
މިއަދުގެ ޖަލްސާއަށް ނަޝީދުގެ މައްސަލަ އެޖެންޑާ ނުކޮށް، 2024 އަހަރުގެ ބަޖެޓު ހުށަހެޅުމާއި ސަޕްލިމެންޓްރީ ބަޖެޓް ހުށަހެޅުމަށް އެޖެންޑާ ކުރިއެވެ. ނަމަވެސް އެމްޑީޕީން ވަނީ ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ނުގެންގޮސް، އިތުރު މައްސަލައެއް ކުރިއަށް ނުގެންދެވޭނެ ކަމަށްބުނެ، މަޖިލިސް ޖަލްސާއަށް ވަނީ ހުރަސް އަޅައިފައެވެ. އެހެންވެ، މިއަދުގެ ޖަލްސާވެސް ވަނީ ވަކި ހިސާބަކުން ނިންމާލައިފައެވެ.
އާދިއްތަ ދުވަހުގެ ޖަލްސާ ކުރިއަށް ނުގެންދެވުމަށް އަމީން އާންމު ނިންމެވީ ގާނޫނުއަސާސީ އަދި މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށް ބުނެ އެމްޑީޕީން އިއްޔެ ވަނީ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައި، އެ ކޯޓުން ދެ އަމުރެއް ނެރެދިނުމަށް އެދިފައެވެ. އެ މައްސަލަ ވަނީ ސުޕްރީމް ކޯޓުން ބަލައިގެންފައެވެ.
ފުރަތަމަ ކަމަކީ ރައްޔިތުން މަޖިލީހުގެ ރައީސް މަގާމުން ވަކިކުރަން ހުށަހަޅާފައިވާ މައްސަލައަށް ގޮތެއް ނިންމެވުމުގެ ރިޔާސަތު ބެލެހެއްޓުމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ހާޒިރުނުވާ ހާލަތުގައި ނުވަތަ ރިޔާސަތު ބަލަހައްޓަން އުޒުރުވެރިވެއްޖެނަމަ ރައްޔިތުންގެ މަޖިލީހުގައި މެދުނުކެނޑި އެންމެ ގިނަ ދުވަހު ހިދުމަތް ކުރެއްވި ފަސް މެންބަރުންގެ ތެރެއިން މެމްބަރެއް އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓުމަށް މަޖިލީހުގެ އިދާރާއަށް ލާޒިމުވާނެ ކަމަށް ކަނޑައަޅައިދިނުމަށެވެ.
ދެވަނަ ކަމަކަށް އެދިފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައިސް މަގާމުން ވަކިކުރުމަށް ގަރާރާމެދު ގޮތެއް ނިންމެވުމަށްފަހު ނޫނީ މަޖިލީހުގެ އެހެން އެއްވެސް ޖަލްސާއެއް ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައިދިނުމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު