މާލެ-ހުޅުމާލެ ހައިވޭގައި ސޯލާ ޕެނަލް ހަރުކުރަން ނިންމީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކެބިނެޓުގައި ހުންނެވި އިރުގައި ކަމަށް މި ސަރުކާރުން ބުނެފިއެވެ.
މިނިސްޓްރީން މިގޮތަށް ބުނެފައި މިވަނީ ސިނަމާލެ ބުރިޖުގެ ހައިވޭގައި މި ސަރުކާރުން ހަރުކޮށްފައިވާ ސޯލާ ޕެނަލްތައް އެ ތަނުން ނަގައި، ދެ ރަށަކަށް ބަދަލުކުރައްވާނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވުމާ ގުޅިގެންނެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ހައިވޭގައި ސޯލާ ޕެނަލް ހަރުކުރަން ނިންމާފައި ވަނީ 2017 ވަނަ އަހަރު މިހާރުގެ އިންތިހާބީ ރައީސް ޑރ. މުއިއްޒު ކެބިނެޓް މިނިސްޓަރެއްގެ ގޮތުގައި ހިމެނިވަޑައިގެންނެވި ކުރީގެ ރައީސް އަބްދުﷲ ޔަމީނުގެ ވެރިކަމުގައި ކަމަށެވެ.
މިނިސްޓްރީން ބުނީ ހައިވޭގައި ސޯލާ ނިޒާމެއް ގާއިމްކުރުމުގެ މަޝްރޫއަކީ ރާއްޖޭގައި އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން މިހާތަނަށް ކުރިއަށް ގެންދިޔަ އެންމެ ބޮޑު ޕްރައިވެޓް އެއް އިންވެސްޓްމަންޓް ކަމަށެވެ. އެއީ 2010 ވަނަ އަހަރު އެކުލަވާލި ކާބަން ނިއުޓްރަލް އިންވެސްޓްމަންޓް ޕްލޭންގެ ދަށުން ފެށި ހަރަކާތްތަކުގެ ތެރެއިން އެންމެ ފުރަތަމަ ހިންގި މަޝްރޫއު ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
"ސޯލާ ޕެނަލްތައް ނެގުން ވެގެންދާނީ މި ދާއިރާގައި އިންވެސްޓް ކުރާ ފަރާތްތަކުގެ ކޮންފިޑެންސް ރާއްޖެއާ މެދު ގެއްލި ރާއްޖެއަށް ލިބެންއޮތް އިންވެސްޓްމަންޓްތައް ހުއްޓޭނެ ކަމަކަށް،" މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ މި މަޝްރޫއު އެކުލަވާލައި ކޮންސެޕްޓް ޑިޒައިން ތައްޔާރުކޮށް، ގުޅުން ހުރި ފަރާތްތަކުގެ މަޝްވަރާތައް ފަށައި އަދި ނަގަން ޖެހޭ ހުއްދަތައް ވެސް ނަގާފައި ވަނީ 2017-2018 ވަނަ އަހަރާ ދެމެދުގައި އޭރުގެ ސަރުކާރުން ކަމަށެވެ.
"އެއް ސަރުކާރުން ފަށާ ޤައުމީ ތަރައްޤީގެ މިފަދަ މަޝްރޫޢުތައް ދެން އަންނަ ސަރުކާރަކުން ހުއްޓާ ނުލާ ކުރިއަށްގެންދިއުމަކީ ޤައުމެއް ކުރިއަރައި ދިއުމުގައި ދަމަހައްޓަންޖެހޭ އަސާސެއްކަމަށް ދެކި މި މަޝްރޫޢު ރައީސް ޔާމީނުގެ ސަރުކާރުން އެކުލަވާލި ކޮންސެޕްޓާއެއްގޮތަށް މިހާރުގެ ސަރުކާރުން ވަނީ ކުރިއަށް ގެންގޮސްފައި،" ބަޔާނުގައިވެއެވެ.
މިނިސްޓްރީން ބުނީ މި މަޝްރޫއަކީ ރާއްޖޭގައި މިހާތަނަށް ހިންގުނު އެންމެ ބޮޑު އިއާދަކުރަނިވި ހަކަތައިގެ އެއް މަޝްރޫއު ކަމަށާއި މި މަޝްރޫއުގެ ދަށުން ލިންކް ރޯޑުގާއި ހުޅުމާލެ ބައެއް ފުލެޓްތަކުގެ ފުރާޅުގައި ހަރުކޮށްފައިވާ ޖުމްލަ 5.6 މެގަވޮޓުން އުފެއްދޭ ސާފު ހަކަތައިން އަހަރަކު ގާތްގަނޑަކަށް 12000 ފީފާ ތެޔޮ ސަލާމަތް ކުރެވޭނެ ކަމަށެވެ. އަދި މީގެ ސަބަބުން އަހަރަކު ތެލަށް ކުރާ ހަރަދުން ގާތްގަނޑަކަށް 38 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށްވެސް ބުންޏެވެ.
"މި މަޝްރޫއުގެ ދަށުން ލިންކު ރޯޑުގައި އިންސްޓޯލްކޮށްފައިވާ ސޯލާ ޕެނަލްތަކުން އުފައްދާ ކަރަންޓް ސްޓެލްކޯ އަށް ވިއްކުމަށް ހަމަޖެހިފައިވަނީ 10.9 އެމެރިކާ ސެންޓަށެވެ. ކަރަންޓު ޔުނިޓެއް މިއަދުގެ ތެލުގެ އަގުން ބަލާނަމަ ސްޓެއް ސްޓެލްކޯގެ އިންޖީނުގެއިން އަމިއްލަ އުފައްދާނަމަ ގާތްގަނޑަކަށް 34 އެމެރިކާ ސެންޓް ހަރަދުވެއެވެ. އެހެންކަމުން، މި ސޯލާ ޕެނަލްތަކުން އުފައްދާ ކަރަންޓުގެ ސަބަބުން ކަރަންޓް ޔުނިޓެއް އުފެއްދުމަށް ކުރަންޖެހޭ ހޭދަ ވަރަށް ބޮޑުތަނުން ކުޑަކުރެވެއެވެ،" ބަޔާނުގައިވެއެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް ނިމި މާލެ ސިޓީގެ ކަރަންޓު ވިއުގައާ ގުޅުވާލަން މިހާރު ތައްޔާރުވެފައިވާ ކަމަށާއި މި ދަނޑިވަޅުގައި މި މަޝްރޫއުގެ ދަށުން ލިންކް ރޯޑުގައި އިންސްޓޯލްކޮށްފައިވާ ޕެނަލްތައް ނަގާނެ ކަމަށް ބުނުމަކީ އޭގެ ސަބަބުން ދައުލަތައް މާލީ ބޮޑު ބުރައެއް އުފުލަން ޖެހޭނެ ކަމެއް ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
އެގޮތުން ސޯލާ ޕެނަލްތައް އެތަނުން ނަގައި އެހެން ރަށަކަށް ބަދަލުކުރާނަމަ ގާތްގަނޑަކަށް 170 މިލިއަން ރުފިޔާ ދައުލަތުން ހަރަދުކުރަން ޖެހޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ. އަދި ބަދަލުކުރާ ރަށްރަށުގެ ކަރަންޓު ދިނުމުގެ ނިޒާމުގެ ހާލަތު ހުރިގޮތުން ނެޓްވޯކް އަޕްގްރޭޑް ކުރުމަށާއި ބެޓެރި ސްޓޯރޭޖް ގާއިމުކުރުމަށް އިތުރު ބޮޑު ހަރަދެއް ކުރަން ޖެހޭނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
"މި ފަދަ ނިންމުންތަކަކީ ރާއްޖޭގެ އިންވެސްޓްކުރަން ބޭރުގެ ފަރާތްތަކުން ޖެހިލުންވެ ވޯލްޑް ބޭންކް ފަދަ ރާއްޖެއަށް އެކި ރޮނގުރޮނގުން އެހީ ތެރިކަން ފޯރުކޮށްދޭ ފަރާތްތަކުން ރާއްޖެއާ މެދު ދެކޭގޮތް ބަދަލުވެގެންދާނެ ކަމެއް. އަދި އެ ފަރާތްތަކުން ފޯރުކޮށްދެމުންދާ އަދި ފޯރުކޮށްދިނުމަށް ރާވާފައިވާ އެހީތަކާމެދު ދެވަނަ ވިސްނުމަކަށް ދާން މަޖުބޫރު ކުރުވާނެ ކަމެއް،" މިނިސްޓްރީން ބުންޏެވެ.
ލިންކް ރޯޑުގެ މޫދާވީ ފަޅީގައި ސޯލާ ޕެނަލް ހަރުކޮށްފައި ވަނީ ހިޔާ ލިބޭގޮތަށް އެ ޕެނަލްތަކުގެ ދަށް، ސަރުކާރުން ކަނޑައަޅާ އުސޭލެއްގެ ދަށުން އެކި އެކި އިޖުތިމާއީ ކަންކަމަށް ބޭނުންކުރެވޭ ގޮތަށް ކަމަށެވެ. އަދި ސޯލާ ސްޓްރަކްޗާތައް ފެހިކޮށް ރީތި ލޭންޑް މާކެއްގެ ގޮތުގައި އެ ސަރަހައްދު ހެދުމަށް ވެސް ޕްލޭންތައް ކުރެވިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު