އެމްޑީޕީގެ 49 މެންބަރުން ސޮއިކޮށް، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ގޮތެއް ނުނިމެނީސް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގެ މަސައްކަތްތައް ކުރިއަށްގެންދަންވެސް އެއްބާރުލުން ނުދެއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މަޖިލިސް ގަވާއިދުގައި ބުނާގޮތަށް އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅިގެން މަޖިލިސް ރައީސް އާއި މެންބަރުންނަށް 14 ދުވަހުގެ ނޯޓިހެއް ދިނުމަށްފަހު، މަޖިލީހުގެ އަމީން އާންމު މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިސް ޖަލްސާއަށް އެޖެންޑާ ކުރީ، މިދިޔަ އާދިއްތަ ދުވަހަށެވެ.

މަޖިލިސް ގަވާއިދުގެ 205 ވަނަ މާއްދާގައި ބުނަނީ، މަޖިލީހުގެ ރައީސް މަގާމުން ވަކި ކުރުމުގެ މައްސަލަ ހުށަހަޅާ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނީ މަޖިލީހުގެ ނާއިބު ރައީސް ކަމަށެވެ. އަދި ނާއިބު ރައީސް މަގާމުން ވަކި ކުރާ މައްސަަލަ ހުށަހަޅާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގެ ރައީސް ކަމަށެވެ. ނަމަވެސް މި މައްސަލައިގައި އެއްވެސް ކަމަކާ ގުޅިގެން އެއިން ބޭފުޅަކަށް ރިޔާސަތު ނުބެލެހެއްޓިއްޖެ ނަމަ ދެން ކަންތައް ކުރަންވީގޮތެއް އެ މާއްދާގައި ބުނެފައެއް ނުވެއެވެ.

ނަމަވެސް މަޖިލީހުގެ ރައީސާއި ނާއިބު ރައީސް މަޖިލީހުގެ ޖަލްސާގެ ރިޔާސަތު ބެލެއްޓުމަށް އުޒުރުވެރިވެއްޖެ ހާލަތެއްގައި، ގާނޫނުއަސާސީގެ ދަށުން އެކަމަށް ކަނޑައަޅާފައިވާ މަޖިލީހުގެ ފަސް މެންބަރުންގެ ތެރެއިން މެންބަރަކަށް ރިޔާސަތު ބެލެހެއްޓޭނެ ކަމަށް މަޖިލިސް ގަވައިދުގެ 44 ވަނަ މާއްދާގައި ބުނެފައިވެއެވެ.

ނަމަވެސް މަޖިލީހުގެ ނާއިބު ރައީސް އީވާ އަބުދުﷲ އާލާސްކަންފުޅާ އުޅުއްވާތީ، ރިޔާސަތަށް ވަޑައިނުގެންނެވިގެން މި ވޭތުވި ދެ ދުވަހުވެސް އެ މައްސަލަ މަޖިލީހުގައި ވަނީ ކުރިއަށް ނުގެންދެވިފައެވެ.

އެ މައްސަލައިގައި ހޮނިހިރު ދުވަހުން ފެށިގެން އެމްޑީޕީ މެންބަރުން ގެންދަވަނީ އިހުތިޖާޖު ކުރައްވަމުންނެވެ. އެމްޑީޕީ މެންބަރުން ބުރަވެވަޑައިގަންނަވަނީ މަޖިލީހުގެ ނާއިބު ރައީސް އުޒުރުވެރިވެވަޑައިގަންނަވާނަމަ ގަވާއިދުގެ 44 ވަނަ މާއްދާގައި ބުނާ މެންބަރުންގެ ތެރެއިން މެންބަރަކު ރިޔާސަތު ބަލަހައްޓާ ގޮތަށް މަޖިލިސް ޖަލްސާ ކުރިއަށް ގެންދެވޭނެ ކަމަށެވެ. ނަމަވެސް މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާއަށް ބުރަވެވަޑައިގެން މަޖިލީހުގެ އަމީންއާންމު، އެމްޑީޕީ މެންބަރުން އެދިވަޑައިގަންނަވާ ގޮތަށް ޖަލްސާ ކުރިއަށް ގެންދަވަން ބޭނުންފުޅެއް ނުވެއެވެ.

އަނެއްކޮޅުން މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާއިން އުނިކޮށް، މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައި ވަނީ އަންނަ އަހަރަށް ލަފާކޮށް ދައުލަތުގެ ބަޖެޓު ހުށަހެޅުމާއި، މިއަހަރަށް ބޭނުންވާ ސަޕްލިމެންޓްރީ ބަޖެޓް ހުށަހެޅުމެވެ.

މިއަދުގެ ޖަލްސާގައި އެމްޑީޕީ މެންބަރުން އިހުތިޖާޖުކޮށް ބުނަމުން ގެންދިޔައީ، މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ އެޖެންޑާ ކުރުމަށްފަހު، އެ މައްސަލަށް ގޮތެއް ނުނިންމައި މަޖިލީހުން އެއްވެސް ކަމެއް ކޮށްގެން ނުވާނެ ކަމަށް ބުނާ ކަމަށެވެ. އެހެންކަމުން މިއަދުގެ ޖަލްސާއަށް ވެސް ފުރަތަމަ ކަމަކަށް އެޖެންޑާ ކުރަން ޖެހޭނީ އިތުބާރު ނެތްކަމުގެ މައްސަލަ ކަމަށެވެ. ނަމަވެސް މަޖިލިސް އިދާރާއިން ބުނަނީ، އަހަރު ފެށުމުގެ ކުރިން ކުރީ އަހަރުގެ ބަޖެޓް ފާސްކުރަން ޖެހޭނެ ކަމަށާއި، ދެމަސްދުވަހުގެ ކުރިން މަޖިލީހަށް ބަޖެޓް ހުށަހަޅަން ޖެހޭނެ ކަމަށް، ބުނެ ވަކި މުއްދަތެއް ގާނޫނުއަސާސީގައި ކަނޑައަޅާފައިވާތީ، ބަޖެޓް ހުށަހަޅާ ޖަލްސާއަކީ އިސްތިސްނާ ޖަލްސާތަކެއް ކަމަށެވެ.

އެމްޑީޕީ މެންބަރުންގެ އިހުތިޖާޖުގެ ސަބަބުން މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށް ނުގެންދެވުމުން، އެކަމާބެހޭ މައުލޫމާތު ހާމަ ކުރުމަށް މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި އަސްލަމް ވިދާޅުވީ، ދިމާވެފައި މިވަނީ ހައްސާސް މައްސަލައެއް ކަމަށެވެ. އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީވެސް އެހެންވެ ކަމަށްވެސް ވިދާޅުވިއެވެ. އެއީ ހައްސާސް މައްސަލައަކަށް ކަމަށް ވާތީ ސުޕްރީމް ކޯޓުންވެސް އެކަމަށް ވީ އެންމެ އަވަހަކަށް ގޮތެއް ނިންމާނެ ކަަމަށް އުއްމީދު ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން އަސްލަމް ވިދާޅުވީ، އެ މައްސަލައަށް ސުޕްރީމް ކޯޓުން ގޮތެއް ނިމުމުގެ ކުރިން ނުވަތަ، އެކަން މަޖިލިސް އިދާރާއިން މިހާރު މާނަ ކުރާގޮތް ބަދަލު ނުކުރަނީސް މަޖިލީހުގެ އެއްވެސް ކަމަކަށް އެމްޑީޕީން އެެއްބާރުލުން ނުދޭނެ ކަމަށެވެ. އަދި ކޮމެޓީގެ މަސައްކަތްތައްވެސް ކުރިއަށް ނުގެންދާނެ ކަމަށާއި، ކޮމިޓީ މަސައްކަތްތަކަށް އެއްބާރުލުން ނުދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

މަޖިލީހުގެ ކޮމިޓީތަކުގެ މެޖޯރިޓީ އޮތީ އެމްޑީޕީއަށެވެ. ގިނަ ކޮމިޓީތަކުގެ މުގައްރިރުންނާއި ނާއިބު މުގައްރިރުންނަށްވެސް ތިއްބަވަނީ އެމްޑީޕީ މެންބަރުންނެވެ.