ކޮވެލި ހާލި ހެދީމާ ބިސް އަޅަން ކާޅު އަންނާނެ ކަމަށް ވިދާޅުވެ، ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މި ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ އޮފީހުގައި މިރޭ ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވީ އެ މަނިކުފާނުގެ ސަރުކާރުގައި 2013 އިން 2018 އަށް ރާއްޖެއަށް ތަރައްގީގެ އިގްތިލާބީ ބަދަލުތަކެއް ގެނެސްދެއްވައިފައިވާ ކަމަށެވެ. އަދި ކޮންމެ ކަމެއްވެސް ކުރައްވާފައިވާނީ ރައްޔިތުންނަށް ފައިދާވާ ގޮތަށް ކަމަށާއި އެ ނޫން ގޮތަކަށް އެއްވެސް ކަމެއް ކުރައްވާފައިނުވާނެ ކަމަށެވެ.

ނަމަވެސް މި ސަރުކާރުން ވެރިކަމާ ހަވާލުވެ، ކުރި ކަންކަމުގެ ސަބަބުން ރާއްޖޭގެ ތަރައްގީ 15 އަހަރު ފަހަތަށް ސޮއްސާލައިފައިވާ ކަމަށް ވިދާޅުވިއެވެ.

"ހިންގަވާ އަނެއްކާވެސް މި ކުނިގޮނޑު ސާފުކުރަން ދެއްތޯ. ދެން އަނެއްކާވެސް އަޅުގަނޑުމެން ހާލިތަކެއް ހަދާނަން. ހަމަ ކޮވެލި ހާލި ހަދާ ގޮތަށް ހާލިތަކެއް ހަދާނަން. ބިސް އަޅަން އަންނާނެ ކާޅު. ކާޅު އަންނާނެ ބިސް އަޅަން. މިއޮއްތީވެސް އަނެއްކާވެސް އެ ދުވަސް" އެމްޑީޕީއަށް އަމާޒުކުރައްވައި ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ، ތަރައްގީއަކީ ލޮލަށް ފެންނަ ތަރައްގީ ކަމަށާއި އެއީ ކޮންޓްރީޓް ތަރައްގީ ކަމަށެވެ. އަދި މި ސަރުކާރުން ކޮވިޑް ކިތަންމެ ރަނގަޅަށް މެނޭޖުކުރިކަމަށް ބުނި ނަމަވެސް އެކަން ރައްޔިތުން ގަބޫލެއް ނުކުރާ ކަމަށާއި ސިކުނޑިއަށް އަންނަ ތަރައްގީއަކީ ތަރައްގީއެއް ނޫން ކަމަށެވެ.

ޔާމީން އިތުރަށް ވިދާޅުވީ، މި ފެށޭ ޕީޕީއެމް-ޕީއެންސީގެ ސަރުކާރުން ރާއްޖޭގެ ތަރައްގީއަށް އަނެއްކާވެސް މަސައްކަތްތަކެއް ކުރާނެ ކަމަށެވެ. އަދި އެކަންކަމުގެ ކުރިއަށް އެންމެ މުހިންމު އިސްކަމެއް ދޭން ޖެހޭނީ އިންޑިއާ ސިފައިން ބޭލުމަށާއި ގެއްލުނު މަސްކަނޑު އަނބުރާ ހޯދުމަށް ކަމަށް ވިދާޅުވިއެވެ.