އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހަޅާ ބަޖެޓު، މަޖިލީހަށް ހުށަހެޅުމުގެ ކުރިން، ކުރިއަށްގެންދަން ޖެހޭނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކަމަށް އެ މައްސަލަ ހުށަހެޅި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެއެވެ.
މިދިޔަ ދެ ދުވަހު ވެސް ނަޝީދުގެ މައްސަލަ އެޖެންޑާކުރި ނަމަވެސް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ، އާލާސްކަންފުޅާ އުޅުއްވާތީ އެ މައްސަލަ ކުރިއަކަށް ނުގެންދެވުނެވެ. މާދަމާވެސް އީވާ ސަލާމުގައި ހުންނެވުމުން، އެ މައްސަލަ މިހާރު އެޖެންޑާ ކޮށްފައި ވަނީ، ބުދަ ދުވަހުގެ ޖަލްސާ އަށެވެ.
މާދަމާގެ ޖަލްސާގެ އެޖެންޑާ ނެރެފައިވާ އިރު، އެޖެންޑާގައި އޮތީ ސަޕްލިމަންޓްރީ ބަޖެޓު ހުށަހެޅުމާއި އަންނަ އަހަރުގެ ބަޖެޓު ހުށަހެޅުމެވެ.
އަސްލަމް "ވަން" އަށް މިރޭ ވިދާޅުވީ، ނަޝީދުގެ މައްސަލައިގައި އެމްޑީޕީގެ ސްޓޭންޑް ބަދަލުނުވާ ކަމަށާއި އެ މައްސަލަ ކުރިއަށް ނުގެންގޮސް މަޖިލީހުގައި އެހެން މައްސަލައެއް ކުރިއަށް ގެންދެވިގެން ނުވާނެ ކަމަށެވެ.
"ބަޖެޓު ހުށަހެޅުމުގެ ކުރިން ނަޝީދުގެ މައްސަލަ ތާވަލް ކުރަން ޖެހޭނެ. އެއީ، އަޅުގަނޑުމެންގެ ސްޓޭންޑަކީ، ޕާޓީގެ ސްޓޭންޑަކީ ނަޝީދުގެ މައްސަލައިގައި ގޮތެއް ނުނިންމާ، މަޖިލިސް ތެރެއިން އެއްވެސް ކަމަކަށް އެއްބާރުލުން ނުދިނުން،" އަސްލަމް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 205 ވަނަ މާއްދާގެ (ރ) ގައި ބުނަނީ، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ ގަރާރެއް މަޖިލީހުގެ ޖަލްސާއަށް ހުށަހެޅުމަށް ފަހު، އެ ވަގުތު މަޖިލީހަށް ހުށަހެޅިފައިވާ އެހެން އެއްވެސް ކަމަކާ މެދު ބަހުސް ކުރެވޭނީ ނުވަތަ ގޮތެއް ނިންމޭނީ އެ ގަރާރާ މެދު ގޮތެއް ނިންމުމަށް ފަހުގައި ކަމަށެވެ.
ނަޝީދު ވަކިކުރުމުގެ މައްސަލައަށް މަޖިލީހުގެ ތެރެއިން ހައްލެއް ނުލިބޭތީ، އެމްޑީޕީން ވަނީ ސްޕްރީމް ކޯޓަށްވެސް މައްސަލައެއް ވައްދައިފައެވެ. އެމައްސަލަ ސުޕްރީމް ކޯޓުން ވަނީ ބަލައިގެންފައެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހެޅުން މާދަމާއަށް ތާވަލުކުރި އިރު، މަޖިލީހުގެ ގަވައިދުގައި ބުނާ ގޮތުން، ކުރިއަށް އޮތް އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ނޮވެމްބަރު މަހުގެ އެއް ވަނަ ދުވަހުގެ ކުރިން ފިނޭންސް މިނިސްޓަރު މަޖިލީހަށް ހުށަހަޅަން ޖެހެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު