އަންނަ، 2024 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާއި، މިއަހަރަށް އިތުރަށް ބޭނުންވެގެން ހުށަހަޅާ ސަޕްލިމެންޓްރީ ބަޖެޓް ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ.

އެކަން މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފައި ވަނީ، މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅާ ކަންތަކުގެ ގޮތުގައެވެ. އޭގެ އިތުރުން އެއްވެސް ކަމެއް މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފައެއް ނުވެއެވެ.

ގާނޫނު ބުނާގޮތުން، ކުރިއަށް އޮންނަ އަހަރަށް ކަނޑައަޅާ ބަޖެޓު ކޮންމެ އަހަރެއްގެ ވެސް އޮކްޓޯބަރު މަހުގެ ނިޔަލަށް ހުށަހަޅަން ޖެހެއެވެ.

މާދަމާ ހުށައަޅާ ބަޖެޓަކީ މިހާތަނަށް ދައުލަތުން ހުށައަޅާ އެންމެ ބޮޑު ބަޖެޓެވެ. މަޖިލީހުން ބަަޖެޓުގެ މައްސަލަ ބަލައިގަނެ، އޭގައި ހިމެނޭ ކަންކަމަށް ބަހުސް ކުރާނެއެވެ. ބަޖެޓާ ގުޅޭގޮތުން ނޮވެމްބަރު މަސް ނިމުމުގެ ކުރިން މަޖިލީހުން ގޮތެއް ނިންމަން ޖެހޭނެއެވެ.

ފިނޭންސް މިނިސްޓްރީގެ ފިސްކަލް ސްޓްރެޓެޖީ ރިޕޯޓްގައިވާގޮތުން، ބޭސްލައިން ހަރަދާއި ހަރަދު ކުޑަކުރުމަށް އަޅާ ފިޔަވަޅުތަކުން ސަލާމަތް ކުރެވޭނެ އަދަދުތަކާއި ބަޖެޓުގައި ހިމަނާ އާ މަޝްރޫއުތަކާއި ޕްރޮގްރާމްތަކަށް ބަލައި އަންނަ އަހަރުގެ ދައުލަތުގެ ޖުމުލަ ބަޖެޓުގެ އަންދާޒާއަކީ 50.6 ބިލިއަން ރުފިޔާއެވެ.

މިއީ 2023 ވަނަ އަހަރަށް ހުށައެޅި ބަޖެޓަށްވުރެ 5.3 އިންސައްތަ އިތުރު އަދަދެއް ކަމަށް މި ރިޕޯޓްގައި ބުނެއެވެ. މިއަހަރު ދައުލަތުގެ ބަޖެޓުގެ ގޮތުގައި ކަނޑައަޅާފައިވަނީ 42.8 ބިލިއަން ރުފިޔާއެވެ.

މި އަހަރަށް ފާސްކޮށްފައިވާ ބަޖެޓު ހަރަދުތައް ހަމަޖެއްސުމަށް، އިތުރު 6.5 ބިލިއަން ރުފިޔާ ހަރަދުކުރުމުގެ ހުއްދަ ހޯދުމަށް، ސަރުކާރުން ސަޕްލިމަންޓްރީ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ މިމަހުގެ 18 ވަނަ ދުވަހުއެވެ.

ނަމަވެސް މި ބަޖެޓުގައި މާލިއްޔަތު ގާނޫނުގައި ބަޔާންކުރާ ޝަރުތުތައް ފުރިހަމަނުވާތީ، އެކަންކަން ފުރިހަމަކުރުމަށްފަހު އަލުން ހުށަހެޅުމަށް ވަނީ އަނބުރާ ފޮނުވާލައިފައެވެ. އަލުން ބަޖެޓް ހުށަހަޅާފައި މިވަނީ، މާލިއްޔަތު ގާނޫނާ އެއްގޮތަށް އިސްލާހު ގެނެސްގެންނެވެ.