ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، މަގާމުން ވަކި ކުރުމަށްޓަކައި، އެ މަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކޮށްގެން އިއްޔެ ބާއްވަން އުޅުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކަންކަން ހިނގައިދިޔަގޮތް ބަލައިދިނުމަށް އެދިވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް އަބްދުލް ހަކީމް މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

އެ މައްސަލަ ބަލައި ދިނުމަށް އެދިވަޑައިގެން، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މެންބަރު އަބުދުﷲ ޝަހީމު ފޮނުއްވި ސީޓީއެއްގައި ވިދާޅުވެފައި ވަނީ، މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ކުރި، ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާ ކުރިއަށް ނުގެންދިއުމާ ގުޅިގެން ހިނގައިދިޔަ ކަންތައްތަކުގެ މައުލޫމާތު އާއްމު ކުރުމުގައި މަޖިލީހުގެ އިދާރާއިން އަމަލު ކޮށްފައި ވަނީ ހަގީގަތާ ހިލާފަށް، ވަކި ބަޔަކު ބަދުނާމު ކުރުމަށް ކަމަށެވެ.

އެ ގޮތުން އެދުވަހުގެ ޖަލްސާ ނުބާއްވައިގެން މަޖިލިސް މެންބަރުންތަކެއް އިދާރީ މޭޒު ކައިރިއަށް އެއްވެ، ހަމަނުޖެހުން ހިންގުމުން މަޖިލީހުގެ ކޮމްޕިއުޓަރު ތަކަކަށާއި މަޖިލީހުގެ ކައުންސެލް ޖެނެރަލްގެ ފޯނަށް ގެއްލުން ލިބިފައިވާކަމަށް ބުނެ ބައެއް މީޑިއާތަކަށް މަޖިލިސް އިދާރާއިން މައުލޫމާތު ދީފައިވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޗެމްބާ އަކީ ވަށައިގެން ކެމެރާ ހަރުކޮށްފައިވާ ތަނަކަށްވާއިރު، އިއްޔެގެ ޖަލްސާގައި އެކަންތައް ހިނގައިދިޔައީ އެގޮތަށްތޯ ޔަގީން ކުރަން ބޭނުންވާ ކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ. އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީއަށް ފޮނުވައިގެން އެ މައްސަލަ ބަލައިދިނުމަށް މެންބަރު އަބުދުﷲ ޝަހީމު މަޖިލިސް ރައީސްއަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވެއެވެ.

މަޖިލިސް ރައީސް ވަކިކުރަން އެމްޑީޕީން ހުށަހެޅި ގަރާރު މަޖިލީހުގެ އިއްޔެގެ ޖަލްސާއަށް އެޖެންޑާކޮށްފައި ވަނިކޮށް ޖަލްސާ ކެންސަލް ކުރީ އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން ޖެހި ވަޑައިގަންނަވާ، މަޖިލީހުގެ ނާއިބު ރައީސް ސަލާމުގައި ހުންނެވުމުންނެވެ.

ނަމަވެސް އެ މައްސަލައިގައި އެމްޑީޕީ މެންބަރުން މަޖިލީހުގެ ޖަލްސާކުރާ މާލަމުގައި އއިްޔެ ވަނީ އިހުތިޖާޖު ކޮށްފިއެވެ. އިހުތިޖާޖު ކުރުމަށް މަޖިލީހުގެ އިދާރީ މޭޒު ކައިރިއަށް ވަޑައިގެންނެވި މެންބަރުންގެ ތެރޭގައި މެންބަރު އަބުދުﷲ ޝަހީމުވެސް ހިމެނިވަޑައިގަންނަވައެވެ.