ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ކެންސަލްވިކަން، މަޖިލިސް ޖަލްސާ ބާއްވާ މާލަމުގައި، އިދާރީ މޭޒުން އިއުލާން ކުރުމުގެ ބަދަލުގައި، މެސެޖަކުން މެންބަރުންނަށް އެންގީ މަޖިލީހުގެ އިދާރީ މުވައްޒަފުންނަށް ނުރައްކާ އޮތުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށްވެސް އެޖެންޑާ ކޮށްފައި އޮތީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައެވެ. ނަމަވެސް އިއްޔެގެ ޖަލްސާއެކޭ އެއްގޮތަށް، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ސަލާމުގައި ހުންނެވުމުން މިއަދުގެ ޖަލްސާވެސް ވަނީ ކެންސަލްކޮށްފައެވެ. މިއަދުގެ ޖަލްސާ ކެންސަލް ކުރިކަން މަޖިލީހުގެ އިދާރާއިން އެންގީ މިއަދު ހެނދުނު ހަތެއް ޖަހާކަންހާއިރު މެންބަރުންނަށް ފޮނުވި އެސްއެމްއެސްއަކުންނެވެ. އެކަން ރައްޔިތުންގެ މަޖިލީހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަންގެ ޑިރެކްޓަރު ހަސަން ޒިޔާއު ވަނީ 'ވަން' އަށް ކަށަވަރު ކޮށްދެއްވައިފައެވެ.

ޒިޔާއު ވިދާޅުވީ މިއަދުގެ ޖަލްސާ ކެންސަލް ކުރެއްވިކަން މަޖިލީހުގެ ޗެމްބަރު ތެރޭގައި އިއުލާން ނުކޮށް، އެކަން މެންބަރުންނަށް އެސްއެމްއެސްއަކުން އަންގަވަން އަމީން އާންމު ނިންމެވީ އިދާރީ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި ކަމަށެވެ.

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައާ މެދު ގޮތެއް ނިންމަން އެންމެ ފުރަތަމަ އެޖެންޑާ ކުރީ އިއްޔެގެ ޖަލްސާއަށެވެ. ނަމަވެސް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ސަލާމް ފޮނުއްވާފައިވާތީ، މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ ނިންމެވީ އެ މައްސަލައާ މެދު ގޮތެއް ނިންމެވުން އިއްޔެ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. ނަމަވެސް ނިއުޝާ އެކަން އިއުލާން ކުރެއްވީ ޖަލްސާކުރާ މާލަމުގައި ހުންނަވައި އިދާރީ މޭޒުންނެވެ. އޭރު އެމްޑީޕީގެ ބައެއް މެންބަރުން މާލަމުގައި ތިއްބެވިއެވެ.

އެކަމާ ގުޅިގެން އެމްޑީޕީގެ މެންބަރުން އިދާރީ މޭޒު ކައިރިއަށް އެއްވެ އިހުތިޖާޖު ކޮށްފައިވެއެވެ. އެ އިހުތިޖާޖުގެ ތެރެއިން މަޖިލީހުގެ ކައުންސެލާ ޖެނެރަލް ފާތިމަތު ފިލްޒާ ބޭނުންކުރައްވާ ކޮމްޕިއުޓަރު ސިސްޓަމް ވައްޓާލައި މޯބައިލް ފޯނު ތަޅައިގެން ގޮސްފައިވެއެވެ.

އިއްޔެގެ ޖަލްސާ ކުރިއަށް ނުގެންދެވުމަށް އަމީން އާންމު ނިންމެވީ ގާނޫނުއަސާސީ އަދި މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށް ބުނެ އެމްޑީޕީން އިއްޔެ ވަނީ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައި، އެ ކޯޓުން ދެ އަމުރެއް ނެރެދިނުމަށް އެދިފައެވެ.

ފުރަތަމަ ކަމަކީ ރައްޔިތުން މަޖިލީހުގެ ރައީސް މަގާމުން ވަކިކުރަން ހުށަހަޅާފައިވާ މައްސަލައަށް ގޮތެއް ނިންމެވުމުގެ ރިޔާސަތު ބެލެހެއްޓުމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ހާޒިރު ނުވާ ހާލަތުގައި ނުވަތަ ރިޔާސަތު ބަލަހައްޓަން އުޒުރުވެރިވެއްޖެ ނަމަ ރައްޔިތުންގެ މަޖިލީހުގައި މެދުނުކެނޑި އެންމެ ގިނަ ދުވަހު ހިދުމަތް ކުރެއްވި ފަސް މެންބަރުންގެ ތެރެއިން މެންބަރަކު އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓުމަށް މަޖިލީހުގެ އިދާރާއަށް ލާޒިމުވާނެ ކަމަށް ކަނޑައަޅައިދިނުމަށެވެ.

ދެވަނަ ކަމަކަށް އެދިފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައިސް މަގާމުން ވަކިކުރުމަށް ގަރާރާ މެދު ގޮތެއް ނިންމެވުމަށްފަހު ނޫނީ މަޖިލީހުގެ އެހެން އެއްވެސް ޖަލްސާއެއް ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައިދިނުމަށެވެ.