ފަލަސްތީނުން މަރުވި މީހުންގެ އަދަދު 8،000 އިން މައްޗަށް އަރައިފިއެވެ.

ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުން، އިޒްރޭލުގެ ހަމަލާތަކުގައި ފަލަސްތީނުގެ އެކި ސަރަހައްދުތަކުން މިހާތަނަށް 8،005 މީހުން ވަނީ މަރުވެފައެވެ. މީގެ ތެރެއިން 7،000 އަށްވުރެ ގިނަ މީހުންނަކީ ގާޒާއިން މަރުވި މީހުންނެވެ.

ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތްކުރާ އެންޖީއޯއަކާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުން އޮކްޓޫބަރު 7 އިން ފެށިގެން މިހާތަނަށް 3،324 އަށްވުރެ ގިނަ ކުޑަކުދިން ވަނީ އިޒްރޭލުގެ ހަމަލާތަކުގައި މަރުވެފައެވެ. މިއީ ހަނގުރާމަ މަތީ 24 ގައުމަކަށް ބަލާއިރު 2019 ވަނަ އަހަރުން ފެށިގެން އަހަރަކު މަރުވާ އަދަދަށްވުރެ ވެސް ގިނަ އަދަދެކެވެ.

އިޒްރޭލުން އަންނަނީ ފަލަސްތީނުގެ ވެސްޓް ބޭންކަށްވެސް ހަމަލާ ދެމުންނެވެ. އެގޮތުން ވެސްޓް ބޭންކުންވެސް މިހާތަނަށް 100 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އަދި އޭގެ ތެރޭގައި 30 އަށް ވުރެ ގިނަ ކުޑަކުދިން ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އިޒްރޭލުން ގާޒާގެ ފެނާއި ކަރަންޓު ކަނޑާލާފައިވާއިރު، ގާޒާއަށް އެހީ ފޯރުކޮށްދިނުމަށް ގިނަ ޓްރަކްތަކެއް ގާޒައާއި މިސްރު ގުޅޭ ރަފާ ބޯޑަރު ކައިރިއަށް ވަނީ ޖަމާވެފައެވެ. ނަމަވެސް ވައްދަން ހުއްދަ ދެނީ މަދު އަދަދެއްގެ ޓްރަކެކެވެ.

އެގޮތުން އިއްޔެ 33 ޓްރަކުގެ އެހީ ގާޒާއަށް އެތެރެކޮށްފައިވާ ކަމަށް އދ. އާ ހަވާލަދީ ރިޕޯޓުކޮށްފައި ވެއެވެ. ބޯޑަރު ބަންދުކުރުމުގެ ކުރިން ގާޒާއަށް އެހީފޯރުކޮށްދޭ 500 ޓްރަކު އެތެރެކުރެއެވެ.