ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ.
މަޖިލީހުގެ އިދާރާއިން މީގެ ކުޑައިރުކޮޅެއްގެ ކުރިން ވަނީ މަޖިލީހުގެ މާދަމާގެ ޖަލްސާގެ އެޖެންޑާ ނެރެފައެވެ. އެޖެންޑާގައި ހަމަ އެކަނި އޮތީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައާމެދު ގޮތް ނިންމުމެވެ.
އެމްޑީޕީގެ ޕީޖީ ގްރޫޕުގެ 48 މެމްބަރުންގެ ސޮޔާއެކު ރައީސް ނަޝީދު މަޖިލިސް ރައީސްކަމުން ވަކި ކުރަން ހުށަހަޅާފައިވާ އިރު، ގާނޫނުއަސާސީ އާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން 14 ދުވަހުގެ ނޯޓިސް މަޖިލީހުގެ ރައީސް އަށާއި މެންބަރުންނަށް ފޮނުވި މުއްދަތު ވަނީ މިދިޔަ ބުރާސްފަތި ދުވަހު ހަމަވެފައެވެ.
މަޖިލިސް ގަވާއިދުގެ ދަށުން، އާދިއްތަ ދުވަހަކީ މަޖިލިސް ޖަލްސާ ބާއްވަންޖެހޭ ދުވަހަކަށްނުވާތީ، މިއަދުގެ ޖަލްސާގެ އެޖެންޑާގައި އޮތީވެސް ހަމައެކަނި އިތުބާރުނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށެވެ. ނަމަވެސް އެ މައްސަލަ ކުރިއަށްގެންދާއިރު މަޖިލީހުގައި ރިޔާސަތު ބަލަހައްޓަން ޖެހެނީ ނައިބު ރައީސް ކަމަށްވެފައި، ނައިބު ރައީސާ ކަމުގައި ހުންނެވި އީވާ އަބްދުﷲ އާލާސްކަންފުޅާ އުޅުއްވާތީ، މިއަދުގެ ޖަލްސާ ވަނީ ކެންސަލްކޮށްފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން ޖެހިވަޑައިގަންނަވާނީ، ނައިބު ރައީސްކަމަށް އަދި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަންޖެހިވަޑައިގަންނަވާނީ ރައީސް ކަމަށް ގާނޫނުއަސާސީ އާއި މަޖިލިސް ގަވާއިދުގައި ބުނި ނަމަވެސް އެއްވެސް ސަބަބަކާ ހުރެ އެއިން ބޭފުޅަކު ހާޒިރުވެ ވަޑައިނުގެންފިނަމަ ދެން ހަދަން ޖެހޭގޮތަށް އެއިން އެއްވެސް އެއްޗަކު ބަޔާންކޮށްފައެއް ނުވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމަށް މީގެކުރިން ހުށަހެޅި މައްސަލައިގަވެސް ކަން ހިނގާފައިވަނީ އެފަދަ ގޮތަކަށެވެ. އެ ފަހަރު އެ ދެ މައްސަލައިގެ ތެރެއިން މަޖިލީހުގެ ނައިބު ރައީސްގެ އިތުބާރުނެތް ކަމުގެ މައްސަލަ އެޖެންޑާ ކުރި ޖަލްސާގެ ރިޔާސަތަށް، މަޖިލިސް ގޯތި ތެރޭގައި އިންނަވައިގެންވެސް މަޖިލިސް ރައީސް ވަޑައެއް ނުގެންނެވިއެވެ. އޭގެ ފަހުން އެއިން އެއްވެސް މައްސަލައެއް މަޖިލިސް ޖަލްސާއަށް އެޖެންޑާކޮށްފައެއް ނުވެއެވެ.
ދެވަނަ ފަހަރަށް މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީން ހުށަހަޅާފައި މިވަނީ، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ތެރޭގައި ރައީސް ނަޝީދާއި އީވާ ނިސްބަތްވެ ވަޑައިގަންނަވާ ޑިމޮރެޓްސް އިން އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިިހަށް ތާއީދު ކުރައްވާނެ ކަމަށް ބަލައި އެ ދެ މައްސަލަ އަނބުރާ ގެންދިއުމަށްފަހުގައެވެ.
އީވާ އާލާސްކަންފުޅާ އުޅުއްވުމުން ނަޝީދު ވަކިކުރުމުގެ މައްސަލަ މަޖިލީހުގެ ތެރެއިން ކުރިއަށް ނުދާތީ، އެކަމަށް ހައްލެއް ހޯދުމަށް އެމްޑީޕީން މިއަދު ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅައިފައެވެ.
ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމަށްފަހު އެމްޑީޕީގެ ކުރީގެ އޮފީހުގައި މިއަދު އެ ޕާޓީގެ ގާނޫނީ ޓީމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޓީމުގައި ހިމެނިވަޑައިގަންނަވާ މެމްބަރު އަހުމަދު އަބްދުﷲ އަފީފު ވިދާޅުވީ، އަމީން އާންމުގެ އެ ނިންމެވުމަކީ ގާނޫނުއަސާސީ އަދި މަޖިލީހުގެ ގަވާއިދާހިލާފު ނިންމެވުމެއް ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން އެމްޑީޕީގެ ފަރާތުން ސުޕްރީމް ކޯޓުގައި ދެ އަމުރެއް ނެރެދެއްވުމަށް އެދިފައިވާނެ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެން އެދިފައިވާނީ ރައްޔިތުންގެ މަޖިލީހުގެ 205 ވަނަ މާއްދާގެ (ބ)ގައިވާ ގޮތުގެ މަތިން، ރައްޔިތުން މަޖިލީހުގެ ރައީސް މަގާމުން ވަކިކުރަން ހުށަހަޅާފައިވާ މައްސަލައަށް ގޮތެއް ނިންމެވުމުގެ ރިޔާސަތު ބެލެހެއްޓުމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ހާޒިރުނުވާ ހާލަތުގައި، ހާޒިރުވެވަޑައިނުގެންނެވޭ ހާލަތުގައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު 44 ވަނަ މާއްދާއަށް އަމަލުކުރުން، މަޖިލީހުގެ މައްޗަށް މަޖިލީހުގެ އިދާރާއަށް ލާޒިމުވާނެ ކަމަށް ކަނޑައަޅުވައިދެއްވަން،"
"އޭގެ އިތުރަށް ރައްޔިތުންގެ މަޖިލީހުގެ ރައިސް މަގާމުން ވަކިކުރުމަށް ގަރާރެއް ހުށަހެޅިފައިވާނަމަ އެ ވަގުތު މަޖިލީހަށް ހުށަހެޅިފައިވާ އެހެން އެއްވެސް ކަމަކާމެދު ބަހުސް ކުރެވޭނީ ނުވަތަ ގޮތެއް ނިންމަންވާނީ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމާމެދު ގަރާރާ މެދު ގޮތެއް ނިންމެވުމަށްފަހު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ރ)ގައި ބަޔާންކޮށްފައިވާތީ، ރައްޔިތުން މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމަށް މިހާރު ހުށަހަޅާފައިވާ ގަރާރާމެދު ގޮތެއް ނިންމެވުމަށްފަހު ނޫނީ މަޖިލީހުގެ އެހެން އެއްވެސް ޖަލްސާއެއް ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅުވައި ދެއްވުމަށް އެދިފައިވާނެ،" އަފީފު ވިދާޅުވިއެވެ.
ރައީސް އޮފީހުގެ ކުރީގެ ލީގަލް ކައުންސިލްގެ މަގާމުގައި ހުންނެވި އަފީފު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ އަބަދުވެސް ހިނގަހިނގާ ހުންނަން ޖެހޭނެ އިދާރާއެއް ކަމަށާއި ގާނޫނުއަސާސީ އަދި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު މާނަކުރަން ވާނީ މަޖިލީހުގެ މަސައްކަތް ނުހުއްޓި ކުރިއަށް ގެންދެވޭ ގޮތަށް ކަމަށެވެ. މަޖިލީހުގެ ނައިބު ރައީސް ރިޔާސަތު ބަލަހައްޓަވަން އުޒުރުވެރިވާ ހާލަތެއްގައި ރިޔާސަތު ބަލަހައްޓަން ފަސް މެމްބަރުންނަށް ގަވާއިދު ޖާގަ ދީފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ މަޖިލީހުގެ ނައިބު ރައީސްއާއި މަޖިލީހުގެ ނައިބު ރައީސް، ރިޔާސަތު ބަލަހައްޓަން އުޒުރުވެރިވެއްޖެނަމަ ދެން ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގައި މެދުނުކެނޑި އެންމެ ގިނަ ދުވަހު ހިދުމަތްކުރެއްވި ފަސް މެމްބަރުންގެ ތެރެއިން މެމްބަރެއް ކަމަށެވެ. އެގޮތަށް މެމްބަރަކަށް ރިޔާސަތު ބެލެހެއްޓޭނީ ވިދިވިދިގެން ތިން ޖަލްސާގައެވެ. އެގޮތަށް ރިޔާސަތު ބަލަހައްޓާނެ ފަސް މެމްބަރެއް މަޖިލީހުގެ ރައީސް އަދި ނައިބު ރައީސް އިންތިހާބު ކުރުމަށްފަހު ހިނގާ ފުރަތަމަ ދެ ހަފުތާ ތެރޭގައި އިއުލާން ކުރަންވާނެ ކަމަށް އެ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވެއެވެ.
މީގެ ކުރިން މަޖިލީހުގެ ރައީސް އަދި ނައިބު ރައީސް، ރިޔާސަތު ބަލަހައްޓަން އުޒުރުވެރިވާ ހާލަތްތަކުގައި ރިޔާސަތު ބެލެހެއްޓީ ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފެވެ. ނަމަވެސް ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް ފަސް މެމްބަރުން އިންތިހާބުކޮށް، އެ ބޭފުޅުންގެ ނަންތައް އިއުލާން ކުރައްވައިފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު