ވެރިކަމުގެ ފުރަތަމަ ދެތިން މަސް ދުވަހުގެ ތެރޭގައި ފުށި ދިއްގަރުފަޅު ހިއްކަން ފަށައި އަހަރެއްގެ ތެރޭގައި އެ ފަޅު ހިއްކައި ނިންމަވައިލައްވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒުގެ ރިޔާސީ ވައުދުފުޅަކީ މި ސަރުކާރުން ވެސް ހިއްކަން ފަށާފައިވާ ގިރާވަރުފަޅާއި ގުޅީފަޅުގެ އިތުރަށް، މާލެ އަތޮޅުގެ ދެކުނުގައިވާ ފުށިދިއްގަރު ފަޅު ހިއްކައިގެން 66،000 ގޯތި ދޫކުރުމެވެ.
ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނާ މިއަދު ބައްދަލުކުރައްވައި މުއިއްޒު ވިދާޅުވީ، ފުށި ދިއްގަރުފަޅު ހިއްކާނީ ސޭފް އައިލެންޑެއްގައި ހުންނަން ޖެހޭ ހުރިހާ ސިފަތަކާއެކުގައި ކަމަށެވެ. އެގޮތުން މަދުވެގެން ތިން މީޓަރު އުހަށް ހިއްކައި ރިވެޓްމަންޓް ޖަހައި މޫސުމީ ބަދަލުތައް ކުޑަވާނެ ގޮތަށް އެ ފަޅު ހިއްކާނެ ކަމަށް ވިދާޅުވިއެވެ.
"ޑްރަޖަރު ގެނެސް އަމަލީ ބިން ހިއްކުން އިރާދަކުރެއްވިއްޔާ ފުރަތަމަ ދެތިން މަސް ތެރޭގައި އަމަލީ ގޮތުން ފަށާނަން. އިރާދަކުރެއްވިއްޔާ އެއަށްވުރެވެސް އަވަހަށް ހަމަ ފުރަތަމަ މަހުގައިވެސް ފެށޭތޯ ބަލާނަން. އެ ފެށޭ ގޮތަށް ގެންގޮސްފައި އެ 1،280 ހެކްޓަރުގެ ބިން އެއްކޮށް ހިއްކާފައި ނޫނީ އަޅުގަނޑުމެން ހުއްޓައެއް ނުލާނަން. 1،280 ހެކްޓަަރަކީ ހުޅުމާލޭގެ ދެ ފިޔަވަހި އެއްކޮށްލީމާ ވާ ވަރުގެ ގާތްގަނޑަކަށް ތިން ގުނަ ބޮޑު. އެހެންވީމާ މިހާ ބޮޑު ސަރަހައްދެއް ފުރަތަމަ އަހަރުގެ ތެރޭގައި ފުށި ދިއްގަރުފަޅުން ހިކޭނެ،" މުއިއްޒު ވިދާޅުވިއެވެ،
މުއިއްޒު ވަނީ ބޯހިޔާވަހިކަަމަށް ބޭނުންވެފައިވާ އެއްވެސް ރައްޔިތަކު ބާކީ ނުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
މުއިއްޒު އިތުރަށް ވިދާޅުވީ، މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ތެރެއިން ދޫކުރަން ނިންމާފައިވާ ގޯއްޗާއި ފްލެޓަށް އެދި ފޯމު ލީ އެއްވެސް ފަރާތެއްގެ ފޯމު ބާތިލު ނުކުރައްވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު