މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ ފްލެޓާއި ގޯއްޗަށް އެދި އެއްވެސް ފަރާތަކުން ހުށަހެޅި އެއްވެސް ފޯމެއް ބާތިލު ނުވާނެ ކަމުގެ ޔަގީންކަން އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

މި ސަރުކާރުގެ "ބިންވެރިޔާ" އަދި "ގެދޮރުވެރިޔާ" ސްކީމުގެ ދެވަނަ ފިޔަވައްސަށް ފޯމުލާން ހުޅުވާލީ މުއްދަތު މިދިޔަ އަންގާރަ ދުވަހަށް ހަމަވި އިރު ފްލެޓާއި ގޯއްޗަށް 40،000 އަށްވުރެ ގިނަ ފޯމު ވަނީ ހުށަޅައިފައެވެ.

އެ ފޯމުތަކާމެދު އަމަލުކުރާނެ ވަކި ގޮތެއް ނިންމާފައި ނުވާ ކަމަށް މިދިޔަ ބުދަ ދުވަހު، އިންތިހާބީ ރައީސްގެ ސްޕޯކްސްޕާސަން މުހައްމަދު ފިރުޒުލް ވަނީ ވިދާޅުވެފައެވެ.

އެކަމާ ގުޅިގެން، އާންމުންގެ މެދުގައި ކަންބޮޑުވުންތައް އުފެދިފައި ވަނިކޮށް، ހުޅުމާލޭގެ ފުރަތަމަ ފޭސްގައި ދިރިއުޅޭ ފަރާތްތަކާ ބައްދަލުކުރެއްވުމަށްފަހު އިންތިހާބީ ރައީސް މުއިއްޒު މިއަދު ވިދާޅުވީ، މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް އެދި ހުށަހެޅި އެއްވެސް ފޯމެއް އަލުން ހުށަހަޅަން ނުޖެހޭނެ ކަމަށާއި އެއްވެސް ފޯމެއް ބާތިލް ނުކުރައްވާނެ ކަމަށެވެ.

"އަޅުގަނޑު ދޭން ބޭނުންވާ ޔަގީންކަމަކީ އެއްވެސް ރައްޔިތަކަށް ނިކަމެތިކަމެއް އަޅުގަނޑުގެ ސަރުކާރެއްގައެއް ނުލިބޭނޭ، ގެދޮރުވެރިކަމަކީ އަޅުގަނޑުމެންގެ ސަރުކާރުގެ އެންމެ މުހިންމު ސިޔާސަތުކަން ތަކުރާރުކޮށް ދަންނަވާފައޭ. އެހެންވީމާ އެއްވެސް ހިސާބަކަށް ގެންގޮސްފައިވާ ގެދޮރުވެރިކަމުގެ އެއްވެސް މަޝްރޫއެއްގެ ސަބަބުން ރައްޔިތަކަށް އެއްވެސް ވަރެއްގެ އުންމީދެއް ލިބުމާ ހަމައަށް ގޮސްފައިވާ އެއްވެސް ކަމެއް ބާތިލެއް ނުކުރާނަމޭ. ހުށަހަޅާފައިވާ އެއްވެސް އެޕްލިކޭޝަނެއް އަލުން ހުށަހަޅަން ޖެހޭ ގޮތެއް ވިޔަކަ ނުދޭނަން" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ، ބޯހިޔާވަހިކަމަކީ އެ މަނިކުފާނުގެ ސަރުކާރެއްގައި އެންމެ ބޮޑު އިސްކަމެއް ދެއްވާނެ ކަން ކަމަށާއި މާލޭ ސަރަހައްދުގައި ބޯހިޔާވަހިކަމަށް 66،000 ގޯތި ދޫކުރުމަށް ފުށި ދިއްގަރުފަޅު ހިއްކުމުގެ މަސައްކަތް ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ފައްޓަވާނެ ކަމަށެވެ.

"ފުރަތަމަ އަހަރު އިރާދަކުރެއްވިއްޔާ އެއްކޮށް ހިކޭނެ، ރިވެޓްމަންޓް ޖަހައި އެއްކޮށް ރައްކާތެރިކުރެވި، ސޭފް އައިލެންޑެއްގައި ހުންނަން ޖެހޭ ހުރިހާ ފީޗާސް ހުންނަ ވަރަށް، މަދުވެގެން ތިން މީޓަރު އުސްކޮށް، ކްލައިމެޓް ޗޭންޖުގެ ހުރިހާ ކަމަކަށް އެޑެޕްޓް ކުރެވޭނެ ގޮތަކަށް މަޝްރޫއު ބައްޓަން ކުރާނީ،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ، ގިރާވަރުފަޅާއި ގުޅިފަޅުންވެސް ހިއްކެން އޮތް އެންމެ ބޮޑު މިނަކަށް ހިއްކައި އެތަންތަނުންވެސް ބޯހިޔާވަހިކަން ދޭނެ ކަމަށެވެ.