ނަހަލާލަށް ވިހެއުމަށްފަހު، ރާއްޖެއަށް ކުއްޖާ ދޫކޮށްލާފައި ފިލި އިންޑޮނޭޝިއާގެ އަންހެނެއްގެ ކުއްޖަކަށް ރާއްޖޭގެ ރަށްވެހިކަން ދޭން ޖެންޑާ މިނިސްޓްރީގެ ފަރާތުން ފެމިލީ ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައިނުގަތުމަށް ނިންމީ ރަނގަޅަށް ކަމަށް ހައިކޯޓުން އިއްޔެ ހުކުމްކޮށްފިއެވެ.
އިންޑޮނޭޝިއާގެ އަންހެނެއް ކަމަށްވާ ސްރީއިސްތަންތީ އެ ކުއްޖާ ވިހާފައިވަނީ 9 ސެޕްޓެމްބަރު 2017ގައި އައިޖީއެމްއެޗަށެވެ. އެ ކުއްޖާ އުފަންވި އިރު، ސްރީއިސްތަންތީއާއި ދިވެހި ފިރިހެނެއް ކަމަށްވާ އަބްދުއްރަހުމާނު ފަހުދު އުޅުނީ ކައިވެނި ކޮށްގެންނެވެ. އެ ދެ މީހުން ކައިވެނި ކޮށްފައިވަނީ ސްރީލަންކާގެ "މުސްލިމް މެރިއެޖް ރެޖިސްޓާ" ގައި 19 އޭޕްރިލް 2007 ގައެވެ.
ނަމަވެސް އެ ކައިވެނި ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވަނީ ކުއްޖާ އުފަންވީ ފަހުން 5 ޖެނުއަރީ 2008 ގައެވެ. އެ ކުއްޖާގެ ވަގުތީ އުފަން ދުވަހުގެ ސެޓްފިކެޓް ހަދާފައިވަނީ 30 މެއި 2010 ގައެވެ. އެ ކުއްޖާ ވިހެއުމަށްފަހު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައ،ި ޕާސްޕޯޓް އާކުރުމަށް ކަމަށް ބުނެ ކުއްޖާގެ މަންމަ ވަނީ ރާއްޖެއިން ފުރައިގެން ގޮސްފައެވެ. އެ ފަހުން އޭނާ ރާއްޖެ އައިސްފައެއް ނުވެއެވެ.
އެފަހުން އެ ކުއްޖާގެ ބެލުމުގެ ކަންތައް ކުރީ ފަހުދުގެ މަންމައެވެ. އެ ކުއްޖާ އިތުރަށް ބެލެހެއްޓެން ނެތް ކަމަށް ފަހުދުގެ މަންމަ، ޖެންޑާ މިނިސްޓްރީއަށް އެންގުމުން، މިނިސްޓްރީ ވަނީ 28 ނޮވެމްބަރު 2012ގައި އެ ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އެ ކުއްޖާއަކީ ދިވެހި ރައްޔިތެއްކަން ކަނޑައަޅައި ދިނުމަށާއި ދިވެހި ރައްޔިތަކަށް ލިބިގެންވާ ހުރިހާ ހައްގުތަކެއް އެ ކުއްޖާއަށް ލިބިގެންވާކަން ކަނޑައަޅައި ދިނުމަށްޓަކައި ޖެންޑާ މިނިސްޓްރީން ފުރަތަމަ ހުށަހެޅީ ސިވިލް ކޯޓަށެވެ.
ސިވިލް ކޯޓުން އެ މައްސަލަ ބެލުމަށްފަހު 10 ޑިސެމްބަރު 2019ގައި ކުރި ހުކުމުގައި ވަނީ "މި ކުއްޖާގެ ނަސަބު ސާބިތުކުރުމުގެ މައްސަލަ ދިވެހި ދައުލަތުގެ ފަރާތުން ފެމިލީ ކޯޓަށް ހުށަހަޅާފައިވާތ،ީ އެ ކުއްޖާގެ ދިވެހި ރައްޔިތުކަން ކަނޑައެޅުމުގެ އަސާސީބައިގެ މައްސަލައަކަށް ވެގެން އޮތީ ނަސަބު ސާބިތު ކުރުމުގެ އިހުތިސޯސް ލިބިގެންވާ ޝަރުއީ ކޯޓަކުން އެ ކުއްޖާގެ ނަސަބާއި މެދުގައި ގޮތެއް ކަނޑައެޅުން ކަމަށާއި އޭގެ ސާނަވީ ބައިގެ މައްސަލައަކީ އެ ކުއްޖާގެ ދިވެހި ރައްޔިތަކަށްވުންކަމާއި މެދުގައި ގޮތެއް ކަނޑައެޅުން ކަމަށްވާތ،ީ އަސާސީ ބަޔާމެދުގައި ވަކިގޮތެއް ކަނޑައެޅުމުގެ ކުރިން ސާނަވީ ބަޔާއި މެދުގައި ވަކިގޮތެއް އެ މައްސަލައިގައި އަދި ކަނޑައެޅޭނެ ތަނެއް ނެތް ކަމަށެވެ"
ޖެންޑާ މިނިސްޓްރީން އެ މައްސަލަ ފެމިލީ ކޯޓަށް ހުށަހެޅީ 30 އޭޕްރިލް 2019ގައެވެ. އެ ކޯޓަށް ހުށަހެޅި މައްސަލާގައި އެދުނީ މަދަނީ މިންގަނޑުން އެ ކުއްޖާގެ ބައްޕައަކީ ފަހުދު ކަމަށް ކަނޑައަޅައި ދިނުމަށެވެ.
ނަމަވެސް ޖެންޑާ މިނިސްްރީން އެގޮތަށް އެދުނީ އެކަމަށް ހާއްސަކޮށްފައިވާ ފޯމު މެދުވެރިކޮށް ނޫން ކަމަށް ވުމުންނާއި މަދަނީ މިންގަނޑުން ކުއްޖާގެ ބައްޕަ ސާބިތު ކުރުމަށް އެދި ހުށަހަޅާ މައްސަލަތަކަކީ ފެމިލީ ކޯޓުން ބަލަމުންދާ މައްސަލަތަކުގެ ތެރޭގައި ހިމެނޭ ބާވަތުގެ މައްސަލައެއް ނޫން ކަމަށް ބަޔާންކޮށް، ފެމިލީ ކޯޓުން އެ މައްސަލަ ބަލައިނުގަނެ، ބޭރުކޮށްލިއެވެ. އެ މައްސަލަ އަލުން ފެމިލީ ކޯޓަށް ހުށަހެޅުމުންވެސް އެ ކޯޓުން ނިންމީ މައްސަލަ ބަލައިނުގަނެވޭނެ ކަމަށެވެ. އެހެންވެ ޖެންޑާ މިނިސްޓްރީން އެ ނިންމުން 2021 ވަނަ އަހަރު ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.
ހައިކޯޓުގައި ޖެންޑާ މިނިސްޓްރީން ބުނީ ފެމިލީ ކޯޓަށް ހުށަހެޅީ ނަސަބު ސާބިތުކުރަން ނޫން ކަމަށާއި ނަމަވެސް އެއީ ނަސަބު ސާބިތުކުރުމާ ގުޅޭ މައްސަލައެއް ކަމަށް ބަލައި، ފެމިލީ ކޯޓުން މައްސަލަ ބަލައިނުގަތް ކަމަށެވެ. އެހެންވެ މައްސަލައިގެ ހައްލާމެދު ގޮތެއް ނިންމިފައިނުވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުންޏެވެ.
ހައިކޯޓުން އެ މައްސަލަ ބެލުމަށްފަހު ފަނޑިޔާރު މުހައްމަދު ސަލީމުގެ ރައުޔު އިއްވަވަމުން ވިދާޅުވީ ކުއްޖާ އުފަންވެފައި ވަނީ ޝަރުއީ ގޮތުން ދަރިލައްވާ މުއްދަތުގައި ނޫން ކަމަށާއި އެހެންވެ އެ ކުއްޖާގެ ދާއީމީ އުފަން ދުވަހުގެ ސެޓްފިކެޓް ހެދިފައިނުވާ ކަމަށެވެ. އަދި ފެމިލީ ކޯޓުގައި ޖެންޑާ މިނިސްޓްރީގައި އެދުނީ އެ ކުއްޖާގެ ބައްޕައަކީ ފަހުދު ކަމަށް ކަނޑައަޅައި ދިނުން ކަމަށްވާއިރު، ފެމިލީ ކޯޓުން އެ މައްސަލަ ބަލައިނުގަތުމަށް ނިންމީ އެއީ އެ ކޯޓުގެ އިހުތިސޯސް ނެތް މައްސަލައެއް ކަމަށް ބިނާކޮށް ކަމަށް ވިދާޅުވިއެވެ.
ފަނޑިޔާރު ސަލީމް ވިދާޅުވީ، "ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު" ބަޔާންކޮށްފައިވާ ގޮތުން ފެމިލީ ކޯޓުން ހުށަހެޅި ދައުވާގައި ބުނާ އުފަންދަރިއެއްކަން ކަނޑައެޅުމުގެ މައްސަލަތައް ބެލުން ހިމެނިފައި ނުވާ ކަމަށެވެ. އެހެންކަމުން ދެން ބަލަން ޖެހޭނީ "އާއިލާއާބެހޭ ގާނޫނު" އަށް ކަމަށާއި އެ ގާނޫނުގައިވެސް މަދަނީ މިންގަނޑުން އުފަންދަރިއެއްކަން ސާބިތުކުރުން ހިމެނިފައިނުވާ ކަމަށް ވިދާޅުވިއެވެ.
ފަނޑިޔާރު ސަލީމް ވިދާޅުވީ، ރާއްޖޭގެ ގާނޫނުތަކަށް ބަލާއިރު، ކުއްޖާ ރާއްޖެއަށް އުފަންވުމުގެ މައްޗަށް އެކަނި ބަލައި ރައްޔިތުކަން ދެވެން ނެތް ކަމަށެވެ. އަދި ދިވެހިރައްޔިތެއް ކަމަށް ބަލާ ޝަރުތުތައް ގާނޫނުގައި ބަޔާންކޮށްފައިވާއިރު އެ ޝަރުތުތައް ކުއްޖާގެ ކިބައިން ފުރިހަމަ ނުވާ ކަމަށާއި އެހެންކަމުން "ދިވެހިރާއްޖޭގެ ސިޓިޒެންޝިޕް ގާނޫނު" ގައިވެސް އެ ކުއްޖާއަށް ދިވެއްސެއްގެ ދަރަޖަ ދެވޭނެ ހާލަތެއް ނެތް ކަމަށް ވިދާޅުވިއެވެ.
"އެކަން ދައުލަތުންވެސް މި އިސްތިއުނާފުގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން ދިވެހިރާއްޖޭގެ ގާނޫނުތައް މި ވަގުތު ހުރި ގޮތުން މި މައްސަލައިގައި ގާނޫނީ ހައްލެއް އޮތް ކަމަށް ދައުލަތުންވެސް ނުދެކޭ ކަމަށާއި ދައުލަތުން މި މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ މި ކުއްޖާއަށް ދިވެހި ރައްޔިތުކަން ދިނުމުގައި ގާނޫނީ ގޮތުން ހައްލެއް ފެންނަން ނެތުމުން ކޯޓުން އެ ހައްލެއް ހޯދުމުގެ ބޭނުމުގައި ކަމަށް ދައުލަތުން ބުނެފައިވެއެވެ." ފަނޑިޔާރު ވިދާޅުވިއެވެ.
އެހެންވެ ފަނޑިޔާރު ސަލީމުގެ ރައުޔަކަށްވީ ފެމިލީ ކޯޓުގެ ރަޖިސްޓްރާގެ ނިންމުން ބަދަލުކުރަންޖެހޭ ތަނެއް ކަމަށެވެ. އެ ރައުޔަށް ފަނޑިޔާރު މުހައްމަދު ނިޔާޒު ތާއިދުކުރެއްވުމުން ހައިކޯޓުގެ އައުލަބިއްޔަތުން ހުކުމް ކުރެއްވީ ފެމިލީ ކޯޓުގެ ރަޖިސްޓްރާގެ ނިންމުން ބަދަލުކުރަންޖެހޭ ގާނޫނީ އަދި ޝަރުއީ ސަބަބެއް ނެތް ކަމަށެވެ.
މި މައްސަލައިގައި ތަފާތު ރައުޔެއް ދެއްވީ ފަނޑިޔާރު ހުޒެއިފާ މުހައްމަދެވެ. ފަނޑިޔާރު ހުޒެއިފާގެ ރައުޔުގައި ވިދާޅުވީ، ނަސަބު ސާބިތުކުރުމަށް އެދި ހުށަހަޅާ މައްސަލަތައް ހުށަހެޅުމަށް ވަކި ފޯމެއް ހާއްސަ ކުރެވިފައިވާއިރު އެ މައްސަލަ ހުށަހަޅާފައިވަނީ އެ ފޯމުން ނޫން ކަމަށާއި އަދި ދައުލަތުގެ މަގުސަދަކީވެސް ކުއްޖާގެ ނަސަބު ސާބިތު ކުރުން ނޫންކަން ދައުލަތުން ހުށަހެޅި ފޯމުން އެނގެން އޮތްއިރު، ފެމިލީ ކޯޓުން އެއީ ނަސަބު ސާބިތުކުރުމުގެ މައްސަލައެއް ކަމަށް ދެކުނު ގޮތެއް އެނގެން ނެތް ކަމަށެވެ.
މަދަނީ މިންގަނޑުން ކުއްޖާގެ ބައްޕަ ސާބިތުކުރުމަށް އެދި ހުށަހަޅާ މައްސަލަތަކަކީ ފެމިލީ ކޯޓުން ބަލަމުންދާ މައްސަލަތަކުގެ ތެރޭގައި ހިމެނޭ ބާވަތުގެ މައްސަލައެއްކަމުގައި ނުވާތީ ދައުލަތުން ހުށަހެޅި ފޯމު ބަލައިގަނެވެން ނެތް ކަމަށް ފެމިލީ ކޯޓުން ނިންމި އިރު، މިހާރުވެސް އެ ކޯޓުން އެފަދަ މައްސަލަތަކެއް ބަލަމުންދާ ކަމަށް ފަނޑިޔާރު ހުޒެއިފާ ވިދާޅުވިއެވެ. އެހެންވެ ފެމިލީ ކޯޓުގެ ނިންމުން ރަނގަޅު ނޫން ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ފަނޑިޔާރު ހުޒެއިފާ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު