އޮކްޓޫބަރު ހަތަކުން ފެށިގެން ޔަހޫދީ ސިފައިން ފަލަސްތީނުގެ ގާޒާއަށް ދެމުންދާ ހަމަލަތަކުން ނެރެން ބޭނުންވާ ނަތީޖާގެ ތަފްސީލުތައް އިޒްރޭލުގެ ދިފާއީވަޒީރު ޔޮއާވް ގަލަންޓް ވަނީ މިހަފުތާގެ ތެރޭގައި އިޒްރޭލުގެ ޕާލަމަންޓުގެ ގައުމީ ސަލާމަތާބެހޭ ކޮމިޓީއަށް ދީފައެވެ. ގަލަންޓުގެ ވާހަކައިން އެނގޭ ގޮތުގައި ގާޒާއާ ދެކޮޅަށް ހިންގާ އޮޕަރޭޝަނަކީ ތިން ފިޔަވައްސަކަށް ބަހާލެވިފައިވާ އޮޕަރޭޝަނެކެވެ. މިހާރު ކުރިއަށްދަނީ ފުރަތަމަ ފިޔަވައްސެވެ. މި ފިޔަވަހީގައި ހިމެނެނީ ހަމާސް ޖަމާއަތް މުލުން ލުހެލުމެވެ. އެކަން ކުރުމަށްޓަކައި ގާޒާގެ ހުރިހާ އިމާރާތްތައް ބިމާހަމަކުރަން ޖެހުނަސް ފަރުވާލެއްނެތެވެ. ހަސްފަތާލުތަކާއި ކުލިނިކްތަކާއި މަދަރުސާތަކާއި މީސްމީހުންގެ ގެދޮރުވެސް ހިމެނޭގޮތުންނެވެ. މި ފިޔަވަހީގައި ހަމާސްގެ މީހަކަށްވެސް އަދި ހަމާސްއަށް ވާގިވެރިވާ މީހަކަށްވެސް ބޯހިޔާވަހިކަން ލިބުނަ ނުދިނުމާއި ދިރިދުނިޔޭގައި ތިބެވޭނެ ހުރިހާ މަގެއް ބަންދުކުރުމަކީ ހަމާސް ނައްތައިލުމުގެ ފެށުން ކަމަށް އޭނާ ބުންޏެވެ.

ފުރަތަމަ ފިޔަވަހި ނިންމައިލުމަށްފަހު ދެންއޮތީ ދެވަނަ ފިޔަވައްސެވެ. އެއީ އެއްގަމުން ގާޒާއަށް އަރައި ހަމާސްއާއި ހަމާސްއަށް ވާގިވެރިވާ މީހުންގެ ކަންތައް ނިންމައިލުމެވެ. މި ފިޔަވަހީގައި ބޮންއެޅުމާއި މިސައިލުން ހަމަލަދިނުމާއި ބޮޑުބަޑިން ހަމަލަދިނުން މަދުވާނެއެވެ. މި ފިޔަވަހީގައި ބޮޑަށް އޮންނާނީ އިޒްރޭލުގެ ފައުޖުތަކުން ގާޒާގައި އަތްފުނާއަޅައި ހަމާސްގެ މީހުންނާއި ހަތިޔާރުތައް އަތުލައިގަތުމާއި ބިންގަރާސްތައް ނައްތާލުމާއި ހަތިޔާރު ފެކްޓަރީތައްވެސް ނައްތާލުމެވެ. މި ފިޔަވަހި ފަށާނެ ވަކިދުވަހެއް ނުބުންޏަސް އެއީ ދެން މާދުރުގައިއޮތް ކަމެއް ނޫންކަމަށް ގަލަންޓް ބުންޏެވެ. އެ ފިޔަވައްސަށް ފެށޭނީ ވައިގެ ހަމަލާތަކުން ހަމާސްގެ އޮނިގަނޑު އެކަށީގެންވާ ވަރަށް ފުނޑުފުނޑުކޮށްލެވުމުން ކަމަށްވެސް ބުންޏެވެ. ގަލަންޓުގެ މި ވާހަކައިން އެނގެނީ އިޒްރޭލުން ކޮޕީކޮށްގެން މިއުޅެނީ އިރާގާ ދެކޮޅަށް 1991 ވަނަ އަހަރު އެމެރިކާއިން ހިންގި އުދުވާން ކަމެވެ. އެއީ ސަހަރާގެ ތޫފާނުގެ ނަމުގައި އެމެރިކާއިން ހިންގި އުދުވާނެކެވެ.

އެ އުދުވާނުގައި އެއަހަރުގެ ޖެނުއަރީ ފެބްރުއަރީގައި އެންމެ ފުރަތަމަ 43 ދުވަސް ވަންދެން އިރާގަށް ބޮންއަޅައި ސުންނާފަތި ކުރުމަށް ހިންގީ ވައިގެ އޮޕަރޭޝަނެކެވެ. އެއްގަމުން އަރައިގަތީ އޭގެ މާފަހުން 2003 ގައެވެ. އެފަހަރުވެސް އެތައް ދުވަހަކަށް ވައިގެ ހަމަލާދީ އިރާގުގެ އޮނިގަނޑު އެއްކޮށް ފުނޑުފުނޑުކޮށްލުމަށް ފަހުގައެވެ. އެއްގަމުން އަރައިގަންނަ އެމެރިކާގެ ލަޝްކަރަށް ނުރައްކަލެއް ނާންނާނެކަން ގައިމުކޮށްފައެވެ. މިހާރު އެމެރިކާގެ ދިފާއީ ވަޒީރަކަށް އެހެރަ ލޮއިޑް އޮސްޓިންއަކީ އެ ދެފަހަރުވެސް އިރާގާ ދެކޮޅު ރޭވުންތައް ރޭވުމުގެ މޭސްތިރިއެކެވެ. ފަހުން އިރާގުގައި ތިބި އެމެރިކާ ސިފައިންގެ ކޮމާންޑަރެވެ. ގާޒާއާ ދެކޮޅަށް އިޒްރޭލުގެ އުދުވާންތައް ފެށިފަހުން އޮސްޓިން ވަނީ އެއްފަހަރަށްވުރެ ގިނަފަހަރު މަތިން ގަލަންޓްއާ ބައްދަލުކޮށްފައެވެ. އިޒްރޭލުގެ ސިފައިންގެ ޗީފް އޮފް ސްޓާފް ޖެނެރަލް ހާޒީއާވެސް ބައްދަލުކޮށްފައެވެ. އެހެންވީމާ ގާޒާއާ ދެކޮޅު ޖަރީމާ ރާވާނެގޮތް ކިޔައިދިނީ ތަޖުރިބާގެ އަލީގައި އޮސްޓިން ކަމަށްވެސް ވެދާނެއެވެ.

އިރާގާ ދެކޮޅަށް އެމެރިކާއިން ހިންގި ވައިގެ އޮޕަރޭޝަނުގައިވެސް އަދި އޭގެފަހުން އެއްގަމުން އިރާގަށް އަރައި އަޅުވެތިކުރުމުގެ ތެރޭގައިވެސް އެމެރިކާ ސިފައިން ހިންގާފައިވާ ހަނގުރާމައިގެ ބޮޑެތި ޖަރީމާތަކަކީ ފެންނަންހުރި ކަންކަމެވެ. ކުވޭތަށް އެރި އިރާގުގެ ލަޝްކަރުގެ ތެރެއިން އެތައް ހާސްބަޔަކު ކުވޭތުން ފައިބައި އެނބުރި ވަޒަނަށް ދަނިކޮށް އަދި ހުދުދިދަ ނަގައި އަމާންދީގެންތިބިކަން އަންގާފައިވަނިކޮށް ކްލަސްޓަރ ބޮންއަޅައި އެ އެންމެން ފަނާކޮށްލިކޮށްލުމަކީ ފާޅުކަންބޮޑު ޖަރީމާއެކެވެ. އިރާގު ހިފުމަށްފަހު އިރާގު ސިފައިންގެ ތެރެއިން އަމާންދިން އެތައްބަޔަކުވެސް މިބީދައިން މަރާފައިވެއެވެ. އިރާގުގެ އަބޫޣުރައިބު ޖަލުގައި އެމެރިކާ ސިފައިން ހިންގި ޖަރީމާތަކަކީ މުޅި އިންސާނިއްޔަތަށްވެސް ބޮޑު ލަދެކެވެ. ހަލާކުކޮށް ފަނާކޮށްލި މިސްކިތްތަކާއި ހަސްފަތާލުތަކުގެ އަދަދެއްވެސް ނޭނގެއެވެ. މިކަންކަންކޮށްފައި އެކަމުގެ އިލްޒާމު އެޅުވީ އިރާގު މީހުންގެ ބޮލުގައެވެ. ގާޒާއާ ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ ޖަރީމާތަކުންވެސް ފެންނަނީ ހަމަ މިކަންކަން ތަކުރާރުވަމުންދާ މަންޒަރެވެ.

އެއްގަމުން ގާޒާއަށް އަރައި އަތްފުނާއްޅައި ބޭނުންވާ ބަޔަކު ހައްޔަރުކޮށް މަރައި ތަންހުސްކުރުމަށްފަހު ދެންއޮތީ ކޮން ފިޔަވައްސެއް ނުވަތަ މަރުހަލާއެއް ބާވައެވެ. ދިފާއީވަޒީރު ގަލަންޓު ބުނާގޮތުން އެއީ ދާއިމީ ފިޔަވައްސެވެ. އިޒްރޭލުގެ ސަލާމަތަށް ޔަގީންކަން ލިބިދެވޭ ފިޔަވައްސެވެ. އިޒްރޭލުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓޭނެކަމަށް މުޅި ދުނިޔެވެސް ގަބޫލުކުރަންޖެހޭނެ ހަގީގަތްތަކާ ގުޅިފައިވާ ފިޔަވައްސެވެ. އެ ފިޔަވަހީގައި ހިމެނެނީ ގާޒާ މުޅިން ހުސްކުރުމެވެ. ފަޅުކުރުމެވެ. އެ ފިޔަވަހީގައި ފަލަސްތީނުގެ އެއްވެސް ފުރާނަޔަކަށް އިޒްރޭލުން ޒިންމާއެއް ނުވާނެއެވެ. އެއީ އެއްވެސް ބަޔަކު އެތާގައި ދިރިނޫޅޭނެކަން އަދިނުވެސް އުޅެވޭނެކަން ކަށަވަރު ކުރުމުގެ ފިޔަވައްސެވެ. މިކަން މިމަގުން އިޒްރޭލުން ތަންފީޒުކޮށްފިނަމަ މިކަންވާނީ ދުނިޔޭގެ ފަހުގެ ތާރީޚުގައި ދައުލަތަކުން ހިންގާ ހަނގުރާމައިގެ އެންމެ ބޮޑު ޖަރީމާއަށެވެ. އެކަމަކު އެމެރިކާއާއި ހުޅަނގުން އެތިބީ މިކަމަށްވެސް ފެހި ސިގްނަލް ދީގެންނެވެ. އިޒްރޭލު ކުށްވެރިކުރުމުގެ ކޮންމެ ކަމަކަށް ފައިވިއްދައި ހުރަސް އަޅައިގެންނެވެ.

އިޒްރޭލުގެ ޖަރީމާތައް ފޮރުވައި ޔަހޫދީ ދައުލަތުގެ މޫނުމަތި ގިރިޓީކުރުމުގައި ހުޅަނގުގެ ސަރުކާރުތަކުންނާއި މުއައްސަސާތަކުން ނުފުރޮޅާކަށް އެންމެ ގާކޮޅެއްވެސް ނުބާއްވާނެއެވެ. މިމަސައްކަތުގައި އަމިއްލަ ފަސްބައި ކިތަންމެ ހަޑިވިޔަސް ފަރުވާލެއްނެތެވެ. ގިނަބަޔަކު ފުޓްބޯޅަ ތަރިންނާއި ސެލެބްރިޓީން ފޮލޯކުރާއިރު އެއިން މީހަކު ފަލަސްތީނުގެ ރައްޔިތުންނަށް ހަމްދަރުދީ ފާޅުކުރުންވެސް މަނަލެވެ. މިހާރުވެސް ޖަރުމަންވިލާތާއި ފަރަންސޭސިވިލާތުގައި ފުޓްބޯޅަތަރިންގެ ތެރެއިން އެތައްބަޔަކު ސަސްޕެންޑްކޮށްފިއެވެ. މޫސުމީ ބަދަލުތަކާމެދު އެންމެ ގަދަޔަށް ވަކާލާތުކުރާ ސުވިޑަންގެ ޒުވާނާ ގްރެޓާ ތުންބާގުވެސް މިހާރު ގޯސްވެއްޖެއެވެ. ސްކޫލްފޮތްތަކުން އޭނާގެ ނަންވެސް އުނިކޮށްފިއެވެ. ފަލަސްތީނުގެ ރައްޔިތުންނަކީ އަނިޔާ ލިބިގެންވާ ބައެކޭ ބުނެގެންނެވެ. މިވަރުގެ ބަޔަކަށް އިޒްރޭލުގެ ޖަރީމާއެއް ފެންނާނެބާވައެވެ. ނުފެންނާނެއެވެ. ޖަރީމާތައް ހުއްޓުވުމަށް ބާރެއްވެސް ނާޅާނެއެވެ. ދިނިއްޔާދޭނީ ހިތްވަރެވެ. މިހާރުވެސް އެކަންކުރާ ބީދައިންނެވެ.