ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ރާއްޖޭގެ ކުރީގެ ރައީސް އަވަހާރަކޮށްލުމަށް 6 މެއި 2021 ގައި ދިން ޓެރަރިސްޓު ހަމަލާއަށް ފަހު، އޭޑީކޭ ހޮސްޕިޓަލުން އެ މަނިކުފާނަށް ދެއްވި، ފުރިހަމަ ފަރުވާގެ ހަނދާންތައް އާކުރައްވައި އެ ހޮސްޕިޓަލަށް އަނެއްކާވެސް ނަޝީދު ޝުކުރު އަދާކުރައްވައިފިއެވެ.

މީގެ ކުރިންވެސް ވަނީ ނަޝީދު ވަނީ ހަމަލާއާ ގުޅިގެން އޭޑީކޭއިން އެމަނިކުފާނަށް ދެއްވި އަވަސް ފަރުވާއަށްޓަކައި އެ ހޮސްޕިޓަލުގެ މެނޭޖުމެންޓަށާއި މުވައްޒަފުންނާއި އެ މަނިކުފާނަށް ފަރުވާ ދެއްވި ޓީމަށް ޝުކުރު އަދާކުރައްވައިފައެވެ.

އޭޑީކޭ އިން ކޮންމެ އަހަރަކު ބާއްވާ "ބްރެއިން އެންޑް ސްޕައިން ކޮންފަރެންސް"ގެ މި އަހަރުގެ އެޑިޝަން ފެށުމަށް ވިލާ ނޯޓިކާގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ނަޝީދު ވިދާޅުވީ، އެ ހަފްލާ ޝަރަފުވެރިކޮށްދެއްވުމަށް ގަދަވެ ސަލާމަތުން އެމަނިކުފާނަށް ވަޑައިގެންނެވުނީ އޭޑީކޭގެ ސަބަބުން ކަމަށެވެ.

"މިއަދު އަޅުގަނޑަށް ގަދަވެ ސަލާމަތުން މިތާ ހުރެވެނީ ހަމަލާއަށް ފަހު ފަރުވާ ހޯދުމަށް އޭޑީކޭއަށް ގެންދަން މާތް ﷲ މެދުވެރިކުރެއްވުމުން" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު އޭޑީކޭއަށް ގެންދިއުމުން ޑރ. އަލީ ނިޔާފު ލީޑު ކުރައްވި ޓީމުން އެ މަނިކުފާނު ފުރާނަފުޅު އެތައް ފަހަރު ސަލާމަތް ކުރެއްވި ކަމަށާއި ހަށިގަނޑުގެ އެތައް މިތަނުން ރޭޒަރު ފުށްތައް ނެގުމަށް އެތައް މަސައްކަތެއް ކުރެއްވި ކަމަށެވެ.

ނަޝީދަށް ދިން ހަމަލާގައި އެމަނިކުފާނުގެ ހަށިކޮޅު ތެރެއަށް އެތިކޮޅުތައް ގޮސް، ގޮހޮރު ފޫއަޅައިގެންދިޔަ ކަމަށް އޭޑީކޭއިން ކުރިން ބުނެފައިވެއެވެ.