ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަކި ކުރުމަށް އެމްޑީޕީން ދެވަނަ ފަހަރަށް ހުށަހެޅުމުން އެ ކަމަށް ނުސީދާ ގޮތެއްގައި އެމަނިކުފާނު މަލާމާތް ކުރައްވައިފިއެވެ.
އޭޑީކޭ ހޮސްޕިޓަލުގެ ބްރެއިން އަދި ސްޕައިން ކޮންފަރެންސް ރަސްމީކޮށް ފައްޓަވައިދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅު ނިންމަވާލައްވަމުން، ނަޝީދު ވިދާޅުވީ، އެ ހަފްލާއަށް ވަޑައިގަންނަވަން ޖެހިވަޑައިގަތީ، އިންތިހާބީ ރައީސަކާއި މަގާމާ ދުރުވާ ރައީސެއް ހުރުމާއެކު އަންނާނެ އިތުރު މީހަކު ނެތުމުން ކަމަށެވެ.
"އަޅުގަނޑުގެވެސް އިތުބާރުގެ މައްސަލައެއް އަބަ އުޅޭ، މީގެ ދެ ހަފުތާކުރިން އެބޭފުޅުންގެ އިތުބާރެއް ނެތް، މިދިޔަ ހަފުތާ އިތުބާރު އޮތް، އަނެއްކާ މިހާރު ނެތް ކަމަށް ވިދާޅުވަނީ. އަންނަ ހަފުތާގައި ވާނެ ގޮތެއް ބަލަން ދެން މިހުރީ،" ނަޝީދު ވިދާޅުވި އެވެ.
މަޖިލިސް ރައީސްގެ އިތުބާރުނެތް ކަމަށް 54 މެންބަރުންގެ ސޮޔާއެކު އެންމެ ފުރަތަމަ އެމްޑީޕީން މަޖިލީހަށް ވެއްދީ، ޖޫން މަހުގެ ހަތް ވަނަ ދުވަހުއެވެ. ނަމަވެސް އެ މައްސަލަ ވަނީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށް ފަހު އަނބުރާ ގެންގޮސްފައެވެ.
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ދެވަނަ ފަހަރަށް މަޖިލީހަށް ހުށަހަޅާފައިވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހުއެވެ. އެ މައްސަލަ މަޖިލީހަށް ހުށަހެޅީ އެމްޑީޕީ ޕީޖީ ގްރޫޕުގެ 49 މެމްބަރުންގެ ސޮޔާއެކުއެވެ.
ނަޝީދު ވަކިކުރުމުގެ މައްސަލައިގައި އެމަނިކުފާނަށް 14 ދުވަހުގެ ނޯޓިސް ފޮނުވާފައިވަނީ މި މަހުގެ 12 ވަނަ ދުވަހު އެވެ. އެ ނޯޓިސްގެ މުއްދަތު މާދަމާއަށް ހަމަވާނެއެވެ.
މަޖިލިސް ގަވާއިދުގައިވާ ގޮތުގައި ނޯޓިސްގެ މުއްދަތު، 14 ދުވަސް ހަމަވުމުން އެންމެ އަވަހަށް އަންނަ ރަސްމީ ބަންދު ނޫން ދުވަހަކު ބާއްވާ ޖަލްސާއަށް އެ ގަރާރު ހުށަހަޅަން ޖެހެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޑައިރެކްޓާ އޮފް މީޑިއާ ހަސަން ޒިޔާއު މިދިޔަ އާދިއްތަ ދުވަހު "ވަން" އަށް ވިދާޅުވީ މާދަމާއަށް ނޯޓިސްގެ މުއްދަތު ހަމަވާތީ އާދިއްތަ ދުވަހު އެ މައްސަލަ ކުރިއަށްގެންދެވިދާނެ ކަމަށް މެންބަރުންނަށް އަންގާފައިވާ ކަމަށެވެ. ނަމަވެސް އެއީ އެ މައްސަލަ އާދިއްތަ ދުވަހަށް އެޖެންޑާ ކުރީ ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ބަހުސަށް އާންމު ކޮމިޓީން ކަނޑައަޅާފައިވަނީ ދެ ގަޑިއިރެވެ. އެއީ، ނަޝީދަށް ޖަވާބުދާރީވެވަޑައިގަތުމަށް ދިހަ މިނެޓު ދެއްވުމަށް ފަހު، ސިޔާސީ ޕާޓީތަކާއި އަމިއްލަ މެމްބަރުން ތިބޭ ނިސްބަތުން ބާކީ އޮންނަ ދޮޅު ގަޑިއިރު ބަހާލުމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު