ފެނަކައިގެ މެނޭޖުމެންޓް އޮޑިޓަކާއި ފައިނޭޝަލް އޮޑިޓެއް ހަދައި، އެ ކުންފުނީގެ ދަރަނިތައް ދައްކާނެ ގޮތުގެ ޕްލޭނެއް އެކުލަވާލުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު މަޖިލީހަށް ބަލައިގެން އެ މައްސަލަ ބަލައި ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓާ ޕްރައިސަސް (އެސްއޯއީ) ކޮމިޓީއަށް ފޮނުވައިފިއެވެ.

އިދިކޮޅު ޕީއެންސީގެ މަޖިލިސް މެންބަރު މަޑުއްވަރީ ދާއިރާގެ އާދަމް ޝަރީފް، ހުށަހެޅުއްވި މި ގަރާރު މިއަދުގެ ޖަލްސާގައި މަޖިލީހަށް ބަލައިގަތީ، ޖަލްސާގައި ތިއްބެވި 55 މެންބަރުންގެ ތެރެއިން 53 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

މި ގަރާރުގައި ވަނީ، ފެނަކައިން ހިންގާފައިވާ ވިޔަފާރީގެ މުއާމަލާތްތަކަށް 2.8 ބިލިޔަނަށް ވުރެ ގިނަ އަދަދެއްގެ ފައިސާ ދައްކަންޖެހިފައިވާ އިރު، އެ ފައިސާ ނުލިބި ގިނަ ދުވަސް ވުމުގެ ސަބަބުން ކުދި ވިޔަފާރިތަކަށާއި ކުންފުނިތަކަށް މާލީ ދަތިތަކާ ކުރިމަތިވެ، މުވައްޒަފުންނަށް މުސާރަ ނުދެވި، ބައެއް ވިޔަފާރިތައް ހުއްޓި ކުންފުނިތައް ބަނގުރޫޓުވާ ހިސާބަށް ގޮސްފައިވާ ކަމަށެވެ.

އެކަމުގެ ސަބަބުން ފެނަކައިގެ މައްޗަށް އޮތް ކުދި ވިޔަފާރިތަކާއި އާއްމު ރައްޔިތުންގެ އިތުބާރު ގެއްލި، ބައެއް ފަރާތްތަކުން ފެނަކަ މައި އޮފީސް ކުރިމަތީގައި މުޒާހަރާކޮށްފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން ކުދި ވިޔަފާރިތަކަށާއި ކުންފުނިތަކަށް ފެނަކައިން ދޭންޖެހޭ ފައިސާ ނުދޭ ސަބަބާއި ފެނަކައިގެ ދަރަނި ބޮޑުވަމުންދާ ސަބަބާއި އެކަންކަމަށް ޒިންމާވާންޖެހޭ ފަރާތްތައް ދެނެގަތުމަށްޓަކައި ފެނަކައިގެ މެނޭޖުމެންޓް އޮޑިޓަކާއި ފައިނޭޝަލް އޮޑިޓެއް ހަދައި، ކައިރި މުސްތަގުބަލެއްގައި ފެނަކައިގެ ދަރަނިތައް އަދާކުރާނެ ގޮތުގެ ޕްލޭނެއް އެކުލަވާލަން މި ގަރާރުގައި ވަނީ ގޮވާލައިފައެވެ.

މި ގަރާރު މަޖިލީހަށް ބަަލައިގަތުމުން، އެ މައްސަލަ އިތުރަށް ބަލައި ދިރާސާ ކުރުމަށް އެސްއޯއީ ކޮމިޓީއަށް ފޮނުވިކަން ޖަލްސާގެ ރިޔާސަތުން އިއުލާން ކުރެއްވިއެވެ.