ދައުލަތުގެ މި އަހަރުގެ ބަޖެޓަށް އިތުރުކުރަން ބޭނުންވެގެން، މިދިޔަ ބުދަ ދުވަހު ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ސަޕްލިމަންޓްރީ ބަޖެޓު ގާނޫނުތަކުގައި ބުނާ ތަފްސީލު ތަކާއެކު އަލުން ހުށަހަޅަން ރައްޔިތުންގެ މަޖިލީހުން ފިނޭންސް މިނިސްޓްރީއަށް މިއަދު އަންގައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މީޑިއާ ޑއިރެކްޓަރު ވަނީ ވަން އޮންލައިން އަށް އެކަން ޔަގީންކޮށްދެއްވައިފައެވެ. އޭނާ ވިދާޅުވީ، މިއަހަރަށް އިތުރަށް ބޭނުންވެގެން ސަރުކާރުން މަޖިލީހަށް ފޮނުވި 6.5 ބިލިޔަން ރުފިޔާގެ ބަޖެޓް އަލުން މަޖިލީހަށް ފޮނުއްވުމަށް ފިނޭންސް މިނިސްޓްރީއަށް މިއަދު އަންގާފައިވާ ކަމަށެވެ.

ސަޕްލިމެންޓްރީ ބަޖެޓް އަލުން ހުށަހަޅަން ފިނޭންސް މިނިސްޓްރީއަށް އަންގާފައި މިވަނީ، ފިނޭންސް މިިނިސްޓްރީން ބަޖެޓު ތައްޔާރު ކޮށްފައި ވަނީ ކަމާ ގުޅޭ ގާނޫނުތަކާ ހިލާފަށް ކަމަށް ވިދާޅުވެ އެކަމުގެ ކަންބޮޑުވުންތައް ހިމަނުއްވައި، ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ޕާޓީ ދަ ޑިމޮކްރެޓްސްގެ ޕީޖީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މަޖިލިސް މެންބަރު އަލީ އާޒިމް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދަށް އިއްޔެ ފޮނުއްވި ސިޓީއާ ގުޅިގެންނެވެ.

އެ ސީޓީގައި އަލީ އާޒިމް ވިދާޅުވެފައި ވަނީ، މި އަހަރުގެ ބަޖެޓު ހުށަހަޅުއްވަމުން މާލީ ވަޒީރު އިބްރާހިމް އަމީރު ދެއްވި މެދުރާސްތާ ފިސްކަލް ސްޓްރެޓަޖީގެ ބަޔާނުގައި ކަނޑައެޅުއްވި ލަނޑުދަނޑިތަކަށް ސަޕްލިމަންޓްރީ ބަޖެޓުގެ ސަބަބުން ބަދަލު އަންނާނެ ކަމަށެވެ. އެހެންކަމުން ބަޖެޓު ޕޮޒިޝަން ރިޕޯޓަށް އައި ބަދަލު ބަޔާންކޮށް، އާ ރިޕޯޓެއް މި ބަޖެޓާއެކު ހުށަހަޅަން ޖެހޭނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

މި އަހަރަށް މަޖިލީހުން ފާސްކޮށްދީފައިވާ ބަޖެޓުން ހަރަދު ކޮށްފައި ވަނީ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތަށްތޯ ކަށަވަރު ކުރުމަށްޓަކައި، ސަޕްލިމަންޓްރީ ބަޖެޓު ތައްޔާރުކުރުމާ ހަމައަށް، މިއަހަރުގެ ބަޖެޓުން ކުރި ހަރަދުތަކުގެ ތަފްސީލު ހިމެނުމަކީ މުހިއްމު ކަމެއް ކަމަށްވެސް ވިދާޅުވެފައިވެއެވެ.

އެ އިން އެއްވެސް މައުލޫމާތެއް ސަޕްލިމެންޓްރީ ބަޖެޓުގައި ހިމަނާފައި ނުވާކަން ފާހަގަ ކުރައްވައި އަލީ އާޒިމް ވިދާޅުވެފައިވަނީ، މިހާރު ފޮނުވާފައިވާ ސަޕްލިމެންޓްރީ ބަޖެޓު ފޮނުވާފައި ވަނީ ގާނޫނުތަކާ ހިލާފަށް ކަމަށެވެ.

އެސަބަބަށް ޓަކައި ކަމާ ގުޅޭ ގާނޫނުތަކާ އެއްގޮތަށް ތައްޔާރުކޮށްގެންނޫނީ ސަޕްލިމަންޓްރީ ބަޖެޓު މަޖިލީހަށް ހުށަނޭޅޭނެ ކަމަށްވެސް އެ ސިޓީގައި ވިދާޅުވެފައިވެއެވެ.

ޑިމޮކްރެޓްސްއިން ސަޕްލިމެންޓްރި ބަޖެޓް މިހާރު އޮތް ގޮތަަށް ހުށަހަޅަން ދެކޮޅު ހަދާފައި މިވަނީ، މަޖިލީހަށް ބަޖެޓް ހުށަހަޅަން އިއްޔެ އެޖެންޑާ ކޮށްފައި ވަނިކޮށެވެ. ނަމަވެސް ކޯރަމް ހަމަނުވެގެން މަޖިލީހުގެ އިއްޔެގެ ޖަލްސާ ކުރިއަށް ގެންދެވިފައެއް ނުވެއެވެ.

ފިނޭންސް މިނިސްޓްރީން ބަޖެޓަށް އިތުރުކުރަން ހުށަހެޅި 6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓުގެ ތެރޭގައި ހިމެނެނީ ރިކަރަންޓް ހަރަދަށް 3.1 ބިލިއަން ރުފިޔާ އަދި ކެޕިޓަލް ހަރަދަށް 3.3 ބިލިއަން ރުފިޔާ އެވެ.