އެއް ދުވަސްތެރޭ ގާޒާގެ 305 ކުޑަކުދިން މަރާލާފައިވާ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

މި މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ހުއްޓުމެއް ނެތި ގާޒާއަށް ހަމަލާދެމުން ދާއިރު، އިއްޔެއަކީ ހަމަލާތައް އެންމެ ގޯސްވި އެއް ދުވަހެވެ. އަދި 24 ގަޑިއިރުގެ ތެރޭގައި 704 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުކޮށްފައި ވާއިރު، މިއީ މިހާތަނަށް އެއް ދުވަހު އެންމެ ގިނަ މީހުން މަރުވި ދުވަހެވެ.

މަރުވި މީހުންގެ ތެރޭގައި 305 ކުޑަކުދިން ހިމެނޭ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައި ވެއެވެ.

އިޒްރޭލުގެ އަސްކަރިއްޔާއިން އަންގާރަ ދުވަހު ބުނީ ހަމާސްއަށް ނިސްބަތްވާ 400 ޓާގެޓަކަށް ހަމަލާ ދީފައިވާ ކަމަށެވެ. އަދި ހަމާސް ނައްތާލަން ކުރާ މަސައްކަތަށް ވަގުތު ނަގާނެ ކަމަށްވެސް ބުނެފައި ވެއެވެ.

އިޒްރޭލުގެ ހަމަލާތަކުގައި މިހާތަނަށް 5،791 މީހަކު ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި 2،360 ކުޑަކުދީން ހިމެނެއެވެ.

ރިޕޯޓުތައް ބުނާގޮތުން، ގާޒާގެ 35 ހޮސްޕިޓަލެއްގެ ތެރެއިން 3 ބައިކުޅަ އެއްބައި ހޮސްޕިޓާ ވަނީ ހުއްޓާލަން ޖެހިފައެވެ. އެއީ ހަމަލާތަކުގައި ލިބުނު ގެއްލުން ތަކުގެ ސަބަބުންނާއި ތެޔޮ ހުސްވުމުގެ ސަބަބުން ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައި ވެއެވެ.