ވޭތުވެދިޔަ 24 ގަޑިއިރުތެރޭ ފަލަސްތީނުން 800 އެއްހާ މީހުން މަރާލައިފިއެވެ.

އިސްރާއީލާއި ފަލަސްތީނުގެ ހަލަބޮލިވެފައިވާ ގާޒާ ސަރަހައްދަށް ވޭތުވެދިޔަ 24 ގަޑިއިރުތެރޭ 400 ޓާގެޓަކަށް ހަމަލާ ދީފައިވާނެ ކަމަށް އިސްރާއީލުން ބުނާއިރު އެ ހަމަލާ ތަކުގައި އެންމެ ގިނައިން މަރުވެފައިވަނީ ފަލަސްތީނުގެ އާންމުން ކަމަށް އެ ގައުމުގެ ހެލްތު މިނިސްޓްރީން ބުނެއެވެ.

ހަމާސް އިން ރަހީނު ކޮށްފައިވާ މީހުންގެ ތެރެއިން ހޯމަ ދުވަހު ވަނީ އުމުރުން ދުވަސްވީ ދެ މީހަކު ދޫކޮށްލައިފައެވެ. ނަމަވެސް އިސްރާއީލުން ވަނީ އެ މީހުން ދޫކޮށްލި ނަމަވެސް ހަމަލާ ދިނުން މަދު ނުވާނެ ކަމަށް ބުނެފައެވެ.

ވޭތުވެދިޔަ 24 ގަޑިއިރުތެރޭ މަރާލާފައިވާ މީހުންގެ ތެރޭގައި 305 ކުޑަކުދީންނާއި 173 އަންހެނުންގެ އިތުރުން އުމުރުން ދުވަސްވީ 78 މީހަކު ހިމެނޭކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ. ފަލަސްތީނުން މިހާތަނަށް މަރުވި މީހުންގެ ޖުމުލަ އަދަދު 5،791 އަށް އަރާފައިވާކަމަށް ވެސް ހެލްތު މިނިސްޓްރީން ބުނެފައިވެއެވެ.