ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ހުންނަ ޖުމްހޫރީ ޕާޓީގެ އޮފީހުގެ ބޭރުގައި "ސާލިހު ޕާޓީ" އާއި "އެމްއެމްޕީ" ނުވަތަ މޯލްޑިވްސް މިލިޓަރީ ޕާޓީ ޖެހި މައްސަލައިގެ ސީސީޓީ ފްޓޭޖު ނެތް ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

ޖޭޕީ އޮފީސް ބޭރުގައި "ސާލިހު ޕާޓީ" އާއި "އެމްއެމްޕީ" ނުވަތަ މޯލްޑިވްސް މިލިޓަރީ ޕާޓީގެ ނަން، ކަރުދާސްގަނޑެއްގައި ލިޔެ ތަތްކުރި މައްސަލަ އަކީ މީގެ ދެ އަހަރު ކުރިން 2021 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީއަށް ހުށަހެޅި މައްސަލައެކެވެ.

އެ މައްސަލައިގައި ވާގޮތުން، ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކޮންމެ ސިޔާސީ ޕާޓީއަކަށް އޮފީހެއް ދޫކޮށްފައިވާ އިރު، ފުރަތަމަ ބުރީގައި ހުންނަ ޖޭޕީގެ އޮފީހުގެ ބޭރުގައި އެ ނަން އެގޮތަށް ތަތްކޮށްފައި ވަނީ، އެ އަހަރުގެ ޖުލައި މަހުގެ ހަތްވަނަ ދުވަހުގެ މެންދުރެއްހާއިރުއެވެ.

އަހަރު ތަކަކަށްފަހު އެ މައްސަލައާބެހޭގޮތުން ކޮމިޓީގައި މިއަދު ވަނީ ބަހުސް ކޮށްފައެވެ. އެ މައްސަލައިގެ ބަހުސަށް ހުޅުވާލައްވަމުން ކޮމިޓީގެ މިހާރުގެ މުގައްރިރު މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ވިދާޅުވީ އެ މައްސަލައާ ގުޅިގެން މަޖިލިސް އިދާރާގައި ހުންނަ ސީސީޓީވީ ކެމެރާގެ ފްޓޭޖު ހޯދުމަށް ކޮމިޓީން އެމްއެންޑީއެފްގައި އެދުމުން ފްޓޭޖު ނެތް ކަމަށް އެ މިނިސްޓްރީން ޖަވާބު ދީފައިވާ ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ތެރެއިން ޖުމްހޫރީ ޕާޓީއަށް ދޫކޮށްފައިވާ އޮފީހުގައި ހަރުކޮށްފައި ހުންނަ ޖުމްހޫރީ ޕާޓީގެ ނަންބޯޑު ތިރީގައި އެހެން ނަމެއް ލިޔެ ތަތްކޮށްފައިވާ މައްސަލަ، މި މައްސަލައިގައިވާ މައުލޫމާތު ހޯދާ ދިރާސާ ކުރުމަށް ނިންމައި މައްސަލައާ ގުޅުންހުރި ސީސީޓީވީ ފްޓޭޖު ހޯދުމަށް މިނިސްޓްރީ އޮފް ޑީފެންސަށް ސިޓީ ފޮނުވި ގިނަ ދުވަސް ވުމުގެ ސަބަބުން އެ ފްޓޭޖު ނެތް ކަމަށް އެ މިނިސްޓްރީގެ 8 އޯގަސްޓް 2021 ގައި ސިޓީން ޖަވާބުދީފައިވޭ،"

ރާއީ ވިދާޅުވީ އެމިނިސްޓްރީން ޖަވާބު ފޮނުވިފަހުން އެ ކަމާބެހޭ ބައްދަލުވުމެއް ބޭއްވިފައިނުވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ނޮޅީވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބުދުﷲ (މޮސްޓާ) ވިދާޅުވީ، އެ ގޮތަށް ފްޓޭޖު ނެތްކަމަށް ބުނުމުން މައްސަލަ ދޫކޮށް ނުލެވޭނެ ކަމަށެވެ. އަދި ޖަވާބަށް ބަލާއިރު، އެކަމުގައ ޒިންމާވާންޖެހޭ ފަރާތްތަކެއް ހިމެނޭނެ ކަމަށް ވިދާޅުވެ އެކަމުގައި އިހުމާލުވި ފަރާތްތައް ކޮމިޓީއަށް ހާޒިރުކޮށް އެކަން ހިނގިގޮތް އޮޅުން ފިލުވަން ބޭނުންވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"މިނިސްޓަރު ހާޒިރުކުރަންޖެހުނަސް ހާޒިރުކޮށްގެން ނަމަވެސް އެ މައްސަލަ ބަލަންޖެހޭ،" މޮސްޓާ ވިދާޅުވިއެވެ.

މޮސްޓާގެ ވާހަކައަށް ތާއީދުކުރައްވައި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް ވިދާޅުވީ މައްސަލަ ހުށަހަޅާފައިވާ ތާރީހުތަކާއި ފުޓޭޖު ހޯދަން ކޮމިޓީން އެދުނު ތާރީހަށް ބަލާއިރު، ރެކޯޑެއް ނެތިގެން ދާނެހާ ދުވަސް އެ ދެމެދުގައި ހިނގާފައި ނުވާ ކަމަށެވެ.

މަޖިލީހުގެ އިދާރާގައި ސީސީޓީވީ ފުޓޫޖު ރައްކާކޮށްފައި ބަހައްޓާނެ މުއްދަތެއް އެނގެން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ސަނީފް ވިދާޅުވީ އެކަން އެގޮތަށް ހިނގާފައިވުމުން މަޖިލީހުގެ ސަލާމަތާއި ރައްކާތެރިކަމާމެދު ސުވާލު އުފެދޭކަމަށްވެސް ވިދާޅުވިއެވެ.

އެ ދެ މެންބަރުންގެ ކަންބޮޑުވުމާއެކު ކޮމިޓީގެ މުގައްރިރު ވަނީ އެ މައްސައިގެ ބަހުސް އެހެން ދުވަހަކުން ކުރިއަށް ގެންދަން ނިންމައި ކޮމިޓީ ބައްދަލުވުން ނިންމަވައިލައްވައިފައެވެ.