ރައްޔިތުން މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގައި ސަރުކާރާއި އިދިކޮޅުގެ އަތެއް ނެތް ކަމަށް އެ މައްސަލަ ކުރިއަށްދާ ގޮތް މޮނީޓާ ކުރަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކަނޑައެޅުއްވި މަންދޫބު އައްބާސް ފާއިޒް ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައްބާސް ވިދާޅުވީ ނަޝީދަށް ދިން ހަމަލާގެ ފަހަތުގައި ވަނީ ހަރުކަށި ފިކުރުގެ ބައެއް ކަމަށާއި އެކަމުގައި ސަރުކާރާއި އިދިކޮޅު ފަރާތްތަކުގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށެވެ. އަދި އެމްއެމްޕީއާރްސީގެ ހިޔާނާތާއި އެ ހަމަލާއާވެސް ގުޅުމެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
"ތަކުރާރުކޮށް ފެނުނު ހެކިތަކުން އެނގުނީ ހަރުކަށި ފިކުރުގެ މީހުންގެ ރުޅިވެރިކަން އޮތްކަން" އައްބާސް ވިދާޅުވިއެވެ.
އައްބާސް ވިދާޅުވީ، ނަޝީދަށް ހަމަލާ ދިނުމުގައި ބޭރުގެ އެއްވެސް ބައެއްގެ އަތެއް އޮތް ކަމަށް ތަހުގީގަށް މިހާތަނަށް ހޯދިފައިނުވާ ކަމަށެވެ.
އައްބާސް ވިދާޅުވީ، ނަޝީދަށް ދިން ހަމަލާއާ ގުޅޭ އެންމެ ބޮޑު ކަންބޮޑުވުމަކީ ހަމަލާ ދިން ކަމަށް ތުހުމަތު ކުރެވޭ މީހުންނަށް، އެމީހުންގެ ތެރޭގައި ނުހިމެނޭ ބަޔެއްގެ ފަރާތުން މާލީ ނުވަތަ އެހެނިހެން އެހީ ލިބިފައިވުންކަން ކަމަށެވެ.
ނަޝީދުގެ ޝަރީއަތްތައް ލަސްކަން ފާހަގަކުރައްވައި އެކަމުގެ ކަންބޮޑުވުން އުއްތަމަ ފަނޑިޔާރާއި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ އިތުރުން ރައްޔިތުންގެ މަޖިލީހާ ހިއްސާ ކުރައްވާފައިވާ ކަމަށްވެސް އައްބާސް ވިދާޅުވިއެވެ.
ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގައި ބޮން ގޮއްވާލި މައްސަލައިގައި މިހާތަނަށް ހުކުމްކޮށްފައިވަނީ އަހުމަދު އަދުހަމް ރަޝީދު 23އ ގެ މައްޗަށެވެ. ކުށަށް އިއުތިރާފުވުމުން އޭނާ 23 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރީ 14 ޑިސެމްބަރު 2021 ގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު