ފިއުލް ސަޕްލައި އޮފް މޯލްޑިވްސް (އެފްއެސްއެމް) އިން އެ ކުންފުނީގެ ލިޔެކިޔުންތަކެއް ނައްތާލި މައްސަލަ ފުލުހަށް ހުށަހަޅަން ނިންމާފައިވާ ކަމަށް ހެރިޓޭޖް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ގައުމީ އަރުޝީފުން ބުނެފިއެވެ.

އެފްއެސްއެމުން އެ ކުންފުނީގެ ލިޔެކިޔުންތަކެއް ތިލަފުށީގައި ހުންނަ އެ ކުންފުނީގެ ސައިޓަކަށް ގެންގޮސް ކޮންކްރީޓް ގަށާ މެށިނަކަށް އަޅައިގެން ނައްތާލާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. އެ ވީޑިއޯ އާންމުކުރިކަމުގެ ތުހުމަތުގައި އެފްއެސްއެމްގެ މުވައްޒަފަކު ވަނީ ސަސްޕެންޑް ކޮށްފައެވެ.

ގައުމީ އަރުޝީފުގެ ވެރިޔާ އަހުމަދު އާމިރު (ފަރެސް އާމިރު) "ވަން" އަށް މިރޭ ވިދާޅުވީ، އެފެސްއެމުން ލިޔެކިޔުންތައް ނައްތާލާފައި ވަނީ އަރުޝީފަށް އެކަމުގެ މައުލޫމާތު ދިނުމަށްފަހު ނޫން ކަމަށާއި ސަރުކާރު އިދާރާތަކުގެ ލިޔެކިޔުންތައް ނައްތާލަންވާނީ އަރުޝީފުގެ އެންގުމަށްފަހު، އަރުޝީފުން އަންގާ ގޮތެއްގެ މަތިން ކަމަށެވެ. އެހެންވެ އެފްއެސްއެމުން ލިޔެކިޔުންތައް ނައްތާލި މައްސަލަ ފުލުހަށް ހުށަހަޅަން ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.

"ލިޔެކިޔުންތައް ނައްތާލި މައްސަލައިގައި އެފްއެސްއެމުން އަދި އެއްވެސް މައުލޫމާތެއް ދީފައެއްނުވޭ. އަޅުގަނޑު ވާނީ އެމްޑީއަށްވެސް ގުޅާފައި،" އާމިރު ވިދާޅުވިއެވެ.

ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ތޯރިގު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެފްއެސްއެމުން ލިޔެކިޔުންތައް ނައްތާލީ ގާނޫނާހިލާފަށް ކަމަށެވެ. ނަމަވެސް އެފްއެސްއެމުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ނައްތާލައިފައިވަނީ ގިނަ އަހަރުތަކެއް ވަންދެން ގުދަންކޮށްފައި ހުރި ބާލިޔެކިޔުންތަކެއް ކަމަށާއި އެއީ ކުންފުންޏަށް އެއްވެސް ވަރަކަށް ބޭނުން ހިފޭ ލިޔުންތަކެއް ނޫން ކަމަށް ބުނެފައެވެ.