އެމްޑަބްލިޔުއެސްސީން އއ. ފެރިދޫގައި ކުރިއަށް ގެންދިޔަ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ނިންމައި ހިދުމަތް ދޭން ފަށައިފިއެވެ.

އެމްޑަބްލިޔުއެސްސީން މިއަދު ބުނީ، ފެރިދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ ގާއިމުކުރުމުގެ މަޝްރޫއުގެ ދަށުން ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން ގާއިމުކޮށް ފެނާއި ނަރުދަމާ ހޮޅީގެ މައިނެޓްވޯކް އަޅައި އަދި ގޭގެއަށް ފެނާއި ނަރުދަމާ ކަނެކްޝަން ގުޅައިދީފައިވާ ކަމަށެވެ.

އޭގެ އިތުރުން ފެން ރައްކާކުރުމަށް ތާންގި ބަހައްޓައި، ބޯހޯލް ތޮރުފައި، ޕަންޕިން ސްޓޭޝަނާއި ސީ އައުޓް ފޯލް އަދި ރިޖެކްޓް ލައިން އަޅާފައިވާ ކަމަށާއި މި މަޝްރޫއުގެ ދަށުން ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސަމާނު ފޯރުކޮށްދޭނެ ކަމަށްވެސް ބުންޏެވެ.

ފެރިދޫގެ ފެނާއި ނަރުދަމާ މަޝްރޫއަކީ ހައުސިން މިނިސްޓްރީން އެމްޑަބްލިޔުއެސްސީއާ ހަވާލުކުރި މަޝްރޫއުއެކެވެ. މި މަޝްރޫއުގެ ޖުމުލަ އަގަކީ 69.32 މިލިއަން ދިވެހި ރުފިޔާއެވެ.