24 ގަޑިއިރުގެ ތެރޭގައި އިޒްރޭލުގެ ހަމަލާތަކުގައި ގާޒާއިން އިތުރު 400 މީހުން ޝަހީދުވެފައިވާ ކަމަށް ރިޕޯޓުކޮށްފިއެވެ.

ފަލަސްތީނުގެ ވަފާ ނިއުސް އެޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުން ވޭތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި ގާޒާގެ އެކި ސަރަހައްދުތަކަށް ވައިގެ މަގުން 25 ހަމަލާ ދީފައި ވެއެވެ. އެއްވެސް އިންޒާރަކާ ނުލައި ފޮނުވާލި ހަމަލާތައް މީހުން ދިރިއުޅޭ ގެތަކަށްވެސް އަރާފައިވާ ކަމަށް ބުންޏެވެ.

އިޒްރޭލުން ރޭ އަލް ޝިފާ ހޮސްޕިޓަލާއި އަލް ގުދުސް ހޮސްޕިޓަލާ ކައިރިއަށްވެސް ހަމަލާދީފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަލް ޝިފާ ހޮސްޕިޓަލަކީ ޒަހަމްވެފައިވާ މީހުންނާއި ސިއްހީ އެހީތެރިން އެންމެ ގިނައިން ތިބި ހޮސްޕިޓަލެވެ.

އދ. އާ ހަވަލާދީ ރިޕޯޓުކޮށްފައިވާ ގޮތުން ގާޒާއަށް އެހީ ފޯރުކޮށްދިނުމަށް އިތުރު 14 ޓްރަކް ވަނީ މިސްރާ ގުޅިފައި އޮންނަ ރަފާ ބޯޑަރުން ގާޒާއަށް ވަދެފައެވެ. އެ ޓްރަކްތަކުގައި ސިއްހީ ފަރުވާދޭ ސާމާނާއި ކާބޯތަކެތި ހިމެނޭ ކަމަށް ބުންޏެވެ.

އިޒްރޭލުގެ ހަމަލާތަކުގައި މިހާތަނަށް 4،651 މީހަކު ވަނީ ޝަހީދުވެފައެވެ. ނަމަވެސް ރޭގެ ހަލާތަކަށް ފަހު އެ އަދަދު އިތުރުވުން އެކަށީގެންވެއެވެ. އިޒްރޭލުން މިހާތަނަށް 1،400 މީހުން ވަނީ މަރުވެފައެވެ.