ދިވެހިރާއްޖޭގެ އަޑުގެ ނަން، އެތަން ތަރައްގީކުރުމަށް ވަރަށް ބޮޑު މަސައްކަތެއް ކުރެއްވި ކުރީގެ އިންފޮމޭޝަން މިނިސްޓަރު ސަމަރުބުލޫ އިބްރާހިމް މަނިކަށް ހާއްސަވާންޖެހޭ ކަމަށް ނަިއބު ރައީސް ފައިސަލް ވިދާޅުވެއްޖެއެވެ.

ބްރޯޑްކާސްޓިން ދާއިރާއިން ލައިފްޓައިމް އެޗީވްމެންޓް ހާސިލުކުރެއްވި އިބްރާހިމް މަނިކު އަވަހާރަވީ 30 ނޮވެމްބަރު 2022ގައެވެ.

އަލްމަރުހޫމް ސަމަރުބުލޫ އިބްރާހީމް މަނިކުގެ ހަނދާނުގައި މިރޭ ބޭއްވި ތައުޒިޔާގެ ޖަލްސާގައި ވާހަކަދައްކަވަމުން ފައިސަލް ވިދާޅުވީ، މުވާސަލާތީ ދާއިރާއަށް އިބްރާހިމް މަނިކު ވަރަށް މުހިންމު ހިދުމަތްތަކެއް ކުރައްވާފައިވާ ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރަނީ ރާއްޖޭގެ ރޭޑިއޯ، ދިވެހިރާއްޖޭގެ އަޑުގެ ބާނީއަކީ އަލްމަރުހޫމް ސަމަރުބުލޫ އިބްރާހީމް މަނިކު. އެ ތަނުގެ އެ މަރުކަޒުގެ ނަންވެސް ކޮންމެވެސް އެއް ސިފައެއްގައި ނިސްބަތް ވާންޖެހޭނީ އަލްމަރުހޫމް ސަމަރުބުލޫ އިބްރާހީމް މަނިކުގެ ނަންފުޅު އަންނަން ޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން،" ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ ބްރޯޑްކާސްޓިންގެ ދާއިރާ ތަރައްގީކުރުމަށް އިބްރާހިމް މަނިކު މަސައްކަތް ކުރެއްވީ އަމިއްލަ މަސައްކަތެއްގެ ގޮތުގައި ދެކިގެން ކަމަށާއި އެ ދުވަސްވަރު ދުވަސްތައް އުފާވެރިކޮށް ފެށިގެންދަނީ ރޭޑިއޯއިން އިވޭ އިބްރާހިމް މަނިކުގެ އަޑުން ކަމަށެވެ.

"އަޅުގަނޑުމެން ސްކޫލަށް ދާން ތައްޔާރުވާއިރު، އަޅުގަނޑުވެސް އެ އަޑަށްޓަކާ އިންތިޒާރުކުރަން ކޮންމެ ދުވަހަކު. ރީތި އަޑެއް، ވަރަށް ރީތި އަޑެއް، އަޅުގަނޑު ހަމަ ދަންނަވާނީ އަޅުގަނޑު މިހާތަނަށް އަޑުއަހާލަން އިވުނު އެންމެ ހިތްގައިމު އަޑަކަށްވި އިބްރާހީމް މަނިކުގެ އަޑު. އެ އަޑު ހަމައެކަނި ހިތްގައިމުވީކީ ނޫން، އެ އަޑުން ގެނެސްދެއްވި މައުލޫމާތު، އަޅުގަނޑުމެންނަށް މިހާރު މި ފެންނަނީ ޓުވިޓާ، ފޭސްބުކް ނޫނީ އެކިއެކި މުވާސަލާތީ އެކިއެކި ޗެނަލްތަކުން މައުލޫމާތު،" ނައިބު ރައީސް ވިދާޅުވިއެވެ.

އަސާސީ ތައުލީމަށް ހޭލުންތެރިކޮށް ޝައުގުވެރިކުރުވުމަށް އިބްރާހިމް މަނިކު ވަރަށް މުހިންމު މަސައްކަތެއް ކުރައްވާފައިވާކަން ފާހަގަކުރައްވައި ފައިސަލް ވިދާޅުވީ، އެ ކަންކަން ހަނދާނުން ނައްތާލައިގެން ނުވާނެ ކަމަށެވެ.