ހއ. މުރައިދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 76 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް އެ މަޝްރޫއު ހަވާލުކޮށްފައިވާ އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން މިއަދު މީޑިއާތަކާ ހިއްސާކުރި މައުލޫމާތުގައި ބުނީ، މުރައިދޫ ބަނދަރު ތަރައްގީގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ތިންވަނަ ޝިޕްމެންޓް މިހާރު ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ބޭރު ތޮށީގެ ޕްރޮފައިލިން މަސައްކަތުގެ 90 ޕަސެންޓް ނިމިފައިވާއިރު، ރަށުގެ ނެރު ފުންކުރުމުގެ މަސައްކަތް އެއްކޮށް ނިމިފައިވާ ކަމަށްވެސް ބުންޏެވެ.
މި މަޝްރޫއުގެ ދަށުން 32,721 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އާ ހާބަރު ބޭސިން ފުންކުރުމާއި 3,817 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ނެރު ފުންކުރުމަށް ހަމަޖެހިފައިވެއެވެ.
އަދި 232 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި 395 މީޓަރުގެ ސަރަހައްދެއްގެ ބޭރު ތޮށި ލުމާއި 202 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 50 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމާއި 1,933 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބަރު ޕޭވްމަންޓް ހެދުމާއި ރޭމްޕެއް ހެދުމާއި ކޮންކްރީޓް ބްރިޖެއް ހެދުމާއި ނެރު ބައްރިއާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.
ސަރުކާރުން މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 34.28 މިލިއަން ރުފިޔާއަށެވެ. އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ޖެނުއަރީ 16 ގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު