ކުޅުދުއްފުށީ ސިޓީ އެއާޕޯޓުގައި ސިލިންޑަރެއް ގޮވި ހާދިސާގައި ހާލު ސީރިއަސްވި މީހާ މާލެއަށް ގެނެސްފިއެވެ.
އެ ހާދިސާއާ ގުޅިގެން "ވަން" އަށް މައުލޫމާތު ދެއްވަމުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރު މުހައްމަދު މޫސާ މީގެ ކުރިން ވިދާޅުވި ގޮތުގައި އަނިޔާވެފައި ވަނީ ތިން ފިރިހެނަކަށާއި އަންހެނަކަށް ކަމަށެވެ. އަދި އޭގެ ތެރެއިން އެކަކުގެ އަތަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ.
ކުޅުދުއްފުށި ހޮސްޕިޓަލްގެ މީޑިއާ އޮފިޝަން އަހުމަދު ދާވޫދު "ވަން" އަށް މިރޭ ވިދާޅުވީ، އިތުރު ފަރުވާއަށް މާލޭ ފޮނުވާލާފައި ވަނީ އަތަށް ސީރިއަސް އަނިޔާތަކެއް ލިބުނު މީހާ ކަމަށެވެ. އޭނާ މާލެ ފޮނުވީ އެމްއެންޑީއެފްގެ ޑޯނިއޯގައި މިރޭ 7:30 އެހާކަން ހާއިރު ކަމަށެވެ.
"އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގެ އެޑްމިޓްކުރަން ފޮނުވީ، އެ ޕޭޝަންޓުގެ އަތް ވަނީ ވަރަށް ބޮޑަށް ޗިސްޗިސް ވެފައި. ވަރަށް ބޮޑު އޮޕަރޭޝަނެއް ކުރަން ޖެހޭނެ އޭނާ،" ދާވޫދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެ ހާދިސާގައި ދެން އަނިޔާވި ތިން މީހުންނަށް ލިބިފައިވަނީ ވަރަށް ކުދި އަނިޔާތަކެއް ކަމަށެވެ. އަދި އެ މީހުންގެ ހާލު ރަނގަޅު ކަމަށެވެ.
ފުލުހުން މިއަދު ބުނީ ކުޅުދުއްފުށީ އެއާޕޯޓު ފަޔާ ޓްރެއިނިންގެ ބައިގައި ބޭނުންކުރާ ސިލިންޑަރެއް ރީފިލް ކުރުމުގެ ތެރޭގައި ގޮވާފައިވާ ކަމަށެވެ. އަދި އެކަން ފުލުހަށް ރިޕޯޓުކޮށްފައި ވަނީ މިއަދު 11:45 ހާއިރު ކަމަށް ބުންޏެވެ.
އެ ހާދިސާގައި އަނިޔާވެފައި ވަނީ ކުޅުދުއްފުށީ ސިޓީ އެއާޕޯޓު ފަޔާ ޑިޕާޓްމެންޓުގެ ހަތަރު މުވައްޒަފުންނަށެވެ. ހާލު ސީރިއަސްވީ ފަޔާ ޑިޕާޓްމެންޓުގެ އިންޗާޖަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު