ރައްޔިތުންގެ މަޖިލީހުގައި ދަފުތަރުގައި ރަޖިސްޓްރީވެފައި ތިބި ރައްޔިތުން ތަމުސީލު ކުރުމަށްޓަކައި ވަކި ދާއިރާއެއް ކަނޑައަޅައި މަޖިލީހުގެ ގޮނޑިތަކެއް ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ގޮވާލައްވައިފިއެވެ.

އަލީ ހުސެއިން އެކަމަށް ގޮވާލެއްވީ ރައްޔިތުންގެ މަޖިލީހުގެ ކޮމްޕޮޒިޝަލް ބަދަލުކުރުމަށް ހުޅުދޫ ދާއިރާގެ މަޖިލިސް މެމްބަރު އިލްޔާސް ލަބީބު ގާނޫނުއަސާސީއަށް އިސްލާހު ގެންނަން، މަޖިލީހަށް ހުށަހެޅުއްވި ބިލުގެ ބަހުސްގައި އިއްޔެ ވާހަކަދައްކަވަމުންނެވެ.

އަލީ ހުސައިން ވިދާޅުވީ، ދަފުތަރުގައި 15،000 އާއި 20،000 އާދެމެދުގެ ރައްޔިތުން ރަޖިސްޓްރީ ކޮށްފައި ތިބި އިރު، ގާނޫނު އަސާސީގައި ތަމުސީލުވުމުގެ ހައްގު އެ ރައްޔިތުންނަށްވެސް ހަމަހަމަ ކަމާއެކު ލިބެންޖެހޭ ކަމަށެވެ.

ނަމަވެސް ދަފުތަރުގައި ތިބި މީހުންނަކީ އެ މީހުން ނިސްބަތްވާ ދާއިރާއެއް މަޖިލީހުގައި ތަމުސީލުކުރެވެމުންދާ ބަޔަކަށްނުވާތީ، އަޑުއުފުލުުމުގެ ހައްގުން އެ މީހުން މަހުރޫވެފައިވާ ބައެއް ކަމަށް ވިދާޅުވިއެވެ.

އަލީ ހުސައިން ވިދާޅުވީ އިންތިހާބުތަކުގައި މާލޭ ރައްޔިތުންގެ ގޮތުގައި ވޯޓުލާފައި، ބޯހިޔާވަހިކަމާއި އެހެނިހެން މަޝްރޫއުތަކުގައި މާލޭގެ ރައްޔިތުންނާއި ދަފުތަރުގެ ރައްޔިތުން ވަރަށް ބޮޑަށް ތަފާތުކުރާ ކަމަށެވެ. އެކަންވެސް ނިމުމަކަށް ގެނެސް، އެމީހުން ތަމުސީލު ކުރުވޭނެ ރަނގަޅު ގޮތެއް ވާންޖެހޭ ކަމަށް ވިދާޅުވިއެވެ.

އަލީ ހުސެއިން ވިދާޅުވީ، ދަފުތަރަށް ވަކި ގޮނޑިއެއް ރައްޔިތުންގެ މަޖިލީހުގައި ހިމެނުމަކީ އިލެކްޝަންސް ކޮމިޝަނަށް ލިބޭ ބާރެއް ކަމަށާއި އެކަމަކީ މިހާރުން މިހާރަށް ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި ދަފުތަރު ދާއިރާ 1،2،3 މިގޮތަށް ދަފުތަރުގެ ރައްޔިތުންނަށް ހާއްސަ ދާއިރާތަކެއް މަޖިލީހުގައި އުފައްދަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.