ބ. ކަމަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 78 ޕަސެންޓް ނިމިފައިވާ ކަމަށް އެ މަޝްރޫ ކުރިއަށްގެންދާ އެމްޓީސީސީން ބުނެފިއެވެ.

އެ މަޝްރޫއުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރަމުން އެމްޓީސީސީން މިއަދު ބުނީ، ކަމަދޫ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތުގެ ދަށުން މިހާރު ޖެޓީ ހެދުމުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ހަތަރުވަނަ ޝިޕްމެންޓް މިހާރު ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށްވެސް ބުންޏެވެ.

މި މަޝްރޫއުގެ ދަށުން 30,122 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 187 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 656 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 402 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި ދެ ރޭމްޕް ހެދުމާއި 80 މީޓަރު ދިގު 1.5 މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުމާއި 1,810 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބަރު ޕޭވްމަންޓް ހެދުމާއި ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުމާއި މޫރިންގް ރިންގް ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

ހައުސިން މިނިސްޓްރީގެ ފަރާތުން 20 ޖެނުއަރީ 2022ގައި އެމްޓީސީސީއާ ހަވާލުކުރި މި މަޝްރޫއުއަކީ 51.4 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.