އިޒްރޭލް ސިފައިން އެއްގަމުން ގާޒާއަށް އަރައިގެންފިނަމަ މަންޒަރު ބަލަން ދުރުގައި ނޯންނާނެ ކަމުގެ އިންޒާރު އީރާނުން ވަނީ ދީފައެވެ. ހަނގުރާމައިގެ އާދޮރުތައް ހުޅުވި މުޅި މެދުއިރުމައްޗަށް ހަނގުރާމައިގެ ހުޅުގަނޑު ފެތުރިގެންދާނެ ކަމަށްވެސް އީރާނުން ވަނީ ބުނެފައެވެ. އިޒްރޭލަށް އެހީވުމުގެ ގޮތުން އެމެރިކާއިން އީރާނާ ދެކޮޅަށް އެއްވެސް ކަމެއް ކޮށްފިނަމަ އެމެރިކާ ހީނުކުރާވަރުގެ ގެއްލުންތަކެއް އެމެރިކާއަށްވެސް ލިބޭނޭ ކަމުގެ އިންޒާރު އީރާނުން ވަނީ ދީފައެވެ. އަނެއްކޮޅުން އީރާނުގެ ވެރިރަށް ތެހެރާނަށް ނިއުކުލިއަރ ހަމަލައެއްދޭން ޖެހިއްޖެނަމަ އެކަން ކުރާނެކަމުގެ އިންޒާރު އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫވެސް ވަނީ ދީފައެވެ. ހަމާސްއާއި އިޒްރޭލާ ދޭތެރޭ މިހާރު ބަދަލުކުރެވެމުންދާ ހަމަލާތަކުގެ ތެރެއަށް އީރާނު ވަދެގަތުމުގެ ބިރު އިތުރުވަމުން ދިޔުމާއެކު އިޒްރޭލުގެ ހިމާޔަތަށް އެމެރިކާއިން މިހާރުވަނީ މަތިންދާބޯޓު އުފުލާ ދެ މަނަވަރު އިޒްރޭލާ ގާތަށް ފޮނުވައިފައެވެ.
މިހިސާބުން އުފެދޭ ސުވާލަކީ އިޒްރޭލާއި އީރާނާ ދެމެދު ސީދާ ހަނގުރާމައެއް ފެށިދާނެތޯއެވެ. އީރާނާ ދެކޮޅަށް އިސްވެ ހަނގުރާމައެއް ފަށަން އިޒްރޭލަށް ކެރިދާނެތޯއެވެ. މިކަމާ ދޭތެރޭ ފުންކޮށް ވިސްނާއިރު މި ދެގައުމުގެ މެދުގައި ސީދާ ހަނގުރާމައެއް ފެށިދާނެ ކަމަށް ގަބޫލުކުރަން ދައްޗެވެ. އޭގެ ސަބަބަކީ އެފަދަ ހަނގުރާމައެއްގެ ގެއްލުންތައް ދެފަރާތަށްވެސް ބޮޑުވުމާއި މުޅި މެދުއިރުމަތި ހަނގުރާމައިގެ މައިދާނަކަށް ބަދަލުވުމަކީ މިދަނޑިވަޅުގައި އިޒްރޭލާއި އެމެރިކާގެ މަސްލަހަތު ނިޔާކުރާ ކަމަކަށްވެސް ނުވާތީއެވެ. އީރާނުގެ ކެރިކުޅަދާނަކަން ހުރީ ކިހާ ހިސާބެއްގައިކަން ޚުދު އިޒްރޭލަކަށްވެސް ނޭނގެއެވެ. އެމެރިކާއަކަށްވެސް ނޭނގެއެވެ. އެނގޭކަމަށް ބުނަނީއެވެ. ތެހެރާނަށް ނިއުކުލިއަރ ހަމަލައެއްދޭން ޖެހިދާނެކަމަށް ނަތަންޔާހޫ އެބުނީ ހަގީގަތުގައި ކޮންވެންޝަނަލް ހަނގުރާމައަކުން އީރާނުގެ މައްޗަށް ކުރިނުހޯދޭނެކަން އިޒްރޭލަށްވެސް ގަބޫލުކުރެވޭތީއެވެ. ޔަގީން ކުރެވޭތީއެވެ.
އީރާނާއި އިޒްރޭލާ ދެމެދު ސީދާ ހަނގުރާމައެއް ފެށިއްޖެނަމަ އެ ހަނގުރާމައިގައި އެމެރިކާ އާއި ޔޫރަޕް ޝާމިލްވާނެކަން ޔަގީނެވެ. އެމެރިކާ އާއި ޔޫރަޕުގެ ބައިވެރިވުމަކާނުލައި އީރާނާ ދެކޮޅަށް ހަނގުރާމައެއް ފަށަން އިޒްރޭލަކަށް ނުކެރޭނެއެވެ. އެފަދަ ހަނގުރާމައެއް ފެށިއްޖެނަމަ ގަލްފުގެ ހުރިހާ ގައުމަކަށް ހަނގުރާމައިގެ ހުޅުގަނޑު ފެތުރޭނެއެވެ. އޭގެ ސިއްރަކީ އީރާނު ފިޔަވައި ގަލްފުގެ ހުރިހާ ގައުމެއްގައި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުރުމާއި އެތަންތާގައި އެމެރިކާ ސިފައިން ތިބުމެވެ. އީރާނުން އެތަންތަނަށް ހަމަލަ ދޭނެއެވެ. އޭރުން މުޅި މެދުއިރުމަތީގައި ހަނގުރާމަ ފެށުނީއެވެ. މި ހާލަތަކީ ރަޝިޔާ ފިޔަވައި އެހެން އެއްވެސް ބަޔަކު އެދޭނެ ހާލަތެއް ނޫނެވެ. ރަޝިޔާއަށް މިގޮތް ރަނގަޅުވާ ސަބަބަކީ ޔުކްރޭނަށް އެހީވުން ހުއްޓާލައި މެދުއިރުމައްޗަށް އަމާޒު ހިފަން އެމެރިކާ އާއި ޔޫރަޕަށް މަޖުބޫރުވާނެތީއެވެ. ޔޫރަޕާއި އެމެރިކާގެ ބައިވެރިވުމެއް ނެތި ޔުކްރޭނަކަށް ހަނގުރާމައެއް ނުކުރެވޭނެއެވެ.
އީރާނަކީ އިޒްރޭލަށްވުރެ ސަތޭކަގުނަ ބޮޑު ގައުމެކެވެ. އިޒްރޭލުގެ ކޮންމެ މީހަކަށް އީރާނުގައި ފަނަރަ މީހުން އެބަތިއްބެވެ. އިޒްރޭލުގައި ޒަމާނީ ހަތިޔާރުތަކެއް ހުއްޓަސް އެއީ ހުސްވާނެ އެއްޗެކެވެ. އީރާނުފަދަ ބިޔަ، އާބާދީ ބޮޑު އަދި ވަސީލަތްތައް ހުރި ގައުމަކާ ދެކޮޅަށް އިސްވެ ހަނގުރާމައެއް ފަށަން ބޭނުންވާ ހަކަތަ އިޒްރޭލަށް ލިބިގެން ނުވެއެވެ. އެއަށްވުރެ އިޒްރޭލް ކުޑައެވެ. ނިއުކުލިއަރ ހަތިޔާރު ބޭނުންކޮށްގެން ނޫންގޮތަކަށް އީރާން ބަލިކުރުމަކީ ނުކުރެވޭނެ ކަމެކެވެ. އެމެރިކާ އާއި ޔޫރަޕުގެ އެހީތެރިކަން ލިބިގެން އީރާން ބަލިކޮށްލެވިދާނެ ކަމަށް އިރާގުގެ ކުރީގެ ރައީސް ސައްދާމު ހުސައިންވެސް ހީފުޅު ކުރެއްވިއެވެ. އީރާނަށް 80 ގެ އަހަރުތަކުގެ ކުރީކޮޅު އިރާގު ސިފައިން އަރައިގަތީ އެންމެ ދެ ހަފުތާ ތެރޭގައި އީރާން ބަލިކޮށްލެވިދާނެ ކަމުގެ ޔަގީންކަން ހުޅަނގުން ދިނުމުންނެވެ. އެކަމަކު އެހެނެއް ނުވިއެވެ. އެ ހަނގުރާމަ 8 އަހަރަށް ދެމިގެން ދިޔައެވެ. އާޚިރުގައި ނަސްރު ލިބުނީވެސް އީރާނަށެވެ.
މިކަންކަން މިހެންހުރީމާ ކުރިއަށް އޮތް ދުއިސައްތަ އަހަރުގެ ތެރޭގައިވެސް އީރާނާ ދެކޮޅަށް އިސްވެ ހަނގުރާމައެއް ފަށަން އެއްވެސް ބަޔަކަށް ކެރިދާނެކަމަށް ގަބޫލުކުރަން ދައްޗެވެ. އެހެނެއް ނޫނެވެ. އީރާނުން އިސްވެ އިޒްރޭލާ ދެކޮޅަށް ސީދާ ހަނގުރާމައެއް ފަށައިފިނަމަ ހާލަތު ބަދަލުވާނެއެވެ. އޭރުން އެއޮތީ އިޒްރޭލް ބޭނުން ނުވިޔަސް، އެމެރިކާ ބޭނުން ނުވިއަސް ސީދާ ހަނގުރާމައެއް ފެށިފައެވެ. އެފަދަ ހަނގުރާމައެއްގެ ނަތީޖާ ނެރެންޖެހޭނީ ނިއުކުލިއާ ހަތިޔާރުންނެވެ. އެކަން އީރާނަށްވެސް އެނގެއެވެ. މޭރުންވެއެވެ. އެހެންވީމާ އީރާން އަމިއްލައަށް އިސްވެ އިޒްރޭލާ ދެކޮޅަށް ހުޅުވިފައިވާ ހަނގުރާމައެއް ފެށުމަކީ ވަރަށް ދުރުކަމެކެވެ. ހަނގުރާމައެއް ކުރަންޏާ ކުރާނީ މިހާރުވެސް އެކުރާ ބީދައިންނެވެ. އެހެން ބަޔަކު މެދުވެރިކޮށްގެންނެވެ. ލުބުނާނުގެ ހިޒްބު ﷲ އާއި ހަމާސް ފަދަ ޖަމާއަތްތައް މެދުވެރިކޮށްގެންނެވެ. އިޒްރޭލް އެއުޅެނީ މިއިން ޖަމާއަތެއްވެސް ބަލި ނުކުރެވިގެންނެވެ.
ސައޫދީ އަރަބިޔާ އެއުޅެނީ ޔަމަނުގައި ހޫސީންވެސް ބަލި ނުކުރެވިގެންނެވެ. އެމެރިކާ އާއި އިޒްރޭލަށް ސީރިޔާގެ ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރުވެސް ބައްޔެއް ނުކުރެވުނެވެ. މިއިން ކޮންމެ ބައެއްގެ ބާރަކީވެސް އީރާނުގެ ބާރެވެ. އީރާނުން ފޯރުކޮށްދޭ އެހީތެރިކަމެވެ. އިޒްރޭލާއި އެމެރިކާ އަދި ޔޫރަޕުގެ ބޭނުމަކަށްވާނީ ހަމާސް ފުނޑުފުނޑުކޮށްލުމެވެ. އެކަން ކުރެވޭނީ އެއްގަމުން ގާޒާއަށް އަރައިގެންނެވެ. އެތާގައި އަތްފުނާ އަޅައިގެންނެވެ. އިޒްރޭލް މިހާރު ދިމާކޮށްގެން އުޅެނީ އެކަން ކުރުމަށެވެ. އީރާނުގެ މަގްސަދަކަށްވާނީ އެކަން އެހެންވިޔަ ނުދިނުމެވެ. ގާޒާއަށް އެއްގަމުން އަރައިގެންފިނަމަ ހަނގުރާމައިގެ ތެރެއަށް ސީދާގޮތެއްގައި ވަންނާނެ ކަމުގެ އިންޒާރު އީރާނުން ދެމުން އެގެންދަނީ އެހެންވެގެންނެވެ. ދެން އުފެދޭ ސުވާލަކީ އިޒްރޭލް ސިފައިން ގާޒާއަށް އަރައިގެންފިނަމަ އީރާން އެބުނާ ބީދައިން ސީދާގޮތެއްގައި އިޒްރޭލާ ދެކޮޅަށް ހަނގުރާމަ އިއުލާންކޮށްފާނެ ހެއްޔެވެ.
ހިޔެއް ނުވެއެވެ. ކުރިންވެސް ދެންނެވިފަދައިން އަދާކުރަންޖެހިދާނެ އަގުގެ ބޮޑުކަމުންނެވެ. އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރުތައް އިޒްރޭލާ ގާތަށް އެފޮނުވީ ކޮންމެހެން ހަމާސްއާ ދެކޮޅަށް ހަނގުރާމަ ކުރާކަށެއް ނޫނެވެ. އީރާނާ ދެކޮޅަށް ހަނގުރާމައެއް ކުރަން ޖެހިއްޖެނަމަ އެކަމަށް ވާގިވެރިވުމަށެވެ. އީރާނަށް މެސެޖެއް ދިނުމަށެވެ. އިޒްރޭލް ސިފައިން އެއްގަމުން ގާޒާއަށް އަރައިގެންފިނަމަ އީރާނުން އަމަލުކުރާނެ ގޮތެއް ކަމަށް ގަބޫލުކުރެވެނީ ލުބުނާނުގެ ހިޒްބު ﷲ ޖަމާއަތް މެދުވެރިކޮށް އިޒްރޭލުގެ އުތުރުގައި ހަނގުރާމައިގެ މައިދާނެއް ގާއިމްކުރުމެވެ. އަދި ސީރިޔާގެ އެކި ޖަމާއަތްތައް މެދުވެރިކޮށް އެފަރާތުގައިވެސް ހަނގުރާމައިގެ މައިދާނެއް ގާއިމް ކުރުމެވެ. އޭރުން އެއްފަހަރާ ތިން މައިދާނުގައި ހަނގުރާމަ ކުރަން އިޒްރޭލަށް މަޖުބޫރުވާނެއެވެ. އެއީ ނުހަނު ދަތި އަދި އުނދަގޫ ކަމަކަށްވާނެއެވެ. އެ ހާލަތާ ކުރިމަތިލާން ބޭނުން ނުވަންޏާ އިޒްރޭލަށް ދެންއޮތީ އެންމެ ގޮތެކެވެ. އެއީ އެއްގަމުން ގާޒާއަށް އަރައިނުގަތުމެވެ. އަމިއްލައަށް މައިތިރިވެގަތުމެވެ. އެއީ ބޮޑުވަޒީރު ނަތަންޔާހޫއަށް ނިކަން ހިތި ބޭހަކަށްވެސް ވާނެއެވެ
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ