ކުރިއަށްމިދާ އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި ވަރަށް ޝައުގުވެރިކުރުވަނިވި ރޫސީއަކާ ދިމާވިއެވެ. ތައިލެންޑުގައެވެ. އެއް ހޮޓަލެއްގައި ތިބެންޖެހުނީމާ އެންމެ ފުރަތަމަ އެތާގެ ކޮފީޝޮޕުންނެވެ. ދުނިޔޭގެ މަސްރަހަށް ނިކަން ރަނގަޅަށް ހޭއަރައި ހުރި މީހެކެވެ. އާދަޔާ ޚިލާފު މީހެކެވެ. އެއްރޭ ގާތްގަޑަކަށް ތިން ހަތަރު ގަޑިއިރުވަންދެން އެކި ކަންކަމާމެދު ޚިޔާލު ބަދަލުކުރަން ތިބެވުނެވެ. ވަރަށް ގިނަ ކަންކަމުގައި ދެމީހުންގެ ޚިޔާލު ދާދި އެއްގޮތެވެ. ޔުކްރޭނުގެ ހަނގުރާމައާމެދުއެވެ. މެދުއިރުމަތީގެ މައްސަލަޔާމެދުގައެވެ. ޓައިވާނުގެ މައްސަލަޔާމެދުގައެވެ. އޭނާ ދެއްކި ވާހަކައިން ތިން ކަމަކަށް އިތުރަށް ވިސްނައިލާން ޖެހުނެވެ. ބުންޏެވެ. ވެގްނަރ ގްރޫޕްގެ ވެރިޔާ އިވްގޭނީ ޕްރިގޯޒިން މަރުވެއްޖެ ކަމަށް ހީކުރަނީ ހެއްޔެވެ. ނޫނެކެވެ. އޭނާ ދުނިޔޭގައި އެބަހުއްޓެވެ. މަރުވީކަން ދެއްކުމަށް ކުޅުނީ ޑްރާމާއެކެވެ.

ޓައިވާނާމެދު ބުންޏެވެ. ޗައިނާއިން ޓައިވާނަށް އަރައިގަތުން ދުރެވެ. ޗައިނާގެ އިގްތިސާދަށް ގެއްލުންހުރި ކަމެއް ޗައިނާއަކުން ނުކުރާނެއެވެ. މެދުއިރުމަތީގެ މައްސަލަޔާމެދު ވާހަކަ ދައްކަމުންގޮސް ބުންޏެވެ. ސުވިޑަނާއި ޑެންމާރކުގައި ގުރުއާން އަންދައިލީމާ އެކަމާ ދެކޮޅަށް ރަޝިޔާ ފިޔަވައި ކްރިސްޓިއަން އެހެން ގައުމަކުން ވާހަކަ ދެއްކި ހެއްޔެވެ. ރައީސް ޕުޓިން ފިޔަވައި މުސްލިމުންނަށް އިހުތިރާމްކުރާ އެހެން ވެރިޔަކު ޔޫރަޕުން ފެނޭހެއްޔެވެ. ކޮންމެއަކަސް މި ވާހަކަތައް ދެކެވުނުތާ ދެތިން ދުވަސްފަހުން އޮކްޓޫބަރު 8 ވަނަ ދުވަހު ނިކަން ހެނދުނާ އަނެއްކާވެސް އޭނާގެ މެސެޖެއް ލިބިއްޖެއެވެ. ލިޔެފައިއޮތެވެ. އައްސަލާމް އަލައިކުމް، ރަހުމަތްތެރިޔާއެވެ. އަހަރެމެން ވާހަކަ ދެއްކި ކަންކަމުގެ ވަގުތު އަތުވެއްޖެއެވެ. މެދުއިރުމަތި ބަދަލުވުމުގެ ވަގުތު ޖެހިއްޖެއެވެ.

މެދުއިރުމައްޗަށް ބަދަލު އައުމުގެ ވަގުތު މިއައީ ރައީސް ޕުޓިންގެ 71 ވަނަ އުފަންދުވަހުއެވެ. ހަމާސް ޖަމާއަތުން އިޒްރޭލަށާއި އެމެރިކާއަށް ހައިރާންކަން ގެނެސްދިން ހަމަލައަކީ އިއްތިފާގެއް ކަމަށް ކަލޭ ހީނުކުރާށެވެ. އޮކްޓޫބަރު ހަތްވަނަ ދުވަހަކީ ރައީސް ޕުޓިންގެ އުފަންދުވަސްކަން ކަލެއަށްވެސް އެނގޭނެއެވެ. މިދުވަހު ދުނިޔެއަށް ފިލާވަޅު ދެއްވުމަކީ ޕުޓިންގެ އާދައެކެވެ. މީގެ މިސާލަކީ 2006 ވަނަ އަހަރުގެ އޮކްޓޫބަރު ހަތެކެވެ. ޗެޗްނިޔާގެ މައްސަލައިގައި ރައީސް ޕުޓިންގެ ހަށިކޮޅަށް ހެރެމުންދިޔަ ކަށްޓެއް ކަމަށްވި އާންނާ ޕޮލިޓްކޮސްކާޔާގެ ގަޔަށް މޮސްކޯގައި ބަޑިޖަހައި މަރައިލި ހާދިސާ ހަނދާނަށް ގެންނާށެވެ. އެއީ ޕުޓިންގެ އުފަންދުވަހުގެ ހަދިޔާއެކެވެ. އިއްޔެ މުޅިދުނިޔެއަށް ފެނިގެން އެދިޔައީވެސް ހަމަ އުފަންދުވަހުގެ ހަދިޔާއެކެވެ. މިކަހަލަ ކިތަންމެ ހަދިޔާއެކެވެ. ބަލައި ވިސްނާށެވެ.

އޭނާ އެދުނު ބީދައިން މިކަމާމެދު ވަރަށް ފުންކޮށް ވިސްނަން ޖެހުނެވެ. ތެދެކެވެ. އޮޕަރޭޝަން އަލްއަގްސާ ފްލަޑްގެ ނަމުގައި ފަލަސްތީނުގެ ހަމާސް ޖަމާއަތުން އިޒްރޭލަށް ކުއްލި ހަމަލާތަކެއް ދޭން މިފެށީ އޮކްޓޫބަރު ހަތެއްގައެވެ. އެއީ ރައީސް ޕުޓިންގެ އުފަންދުވަހެވެ. މިއީ އިއްތިފާގަކަށް ވެދާނެއެވެ. ތާރީޚުގެ ތެރެއަށް ފީނައިލީމާ މިފަދަ ހަމަލާއަކަށް އޮކްޓޫބަރު ހަތެއް އިޚުތިޔާރުކުރަން ޖެހުނު ސަބަބެއް ކަމަށް އަޅުގަނޑަށް ވިސްނުނީ އަދި އެހެން ސަބަބެކެވެ. ފަލަސްތީނުގެ މުޖާހިދުންގެ ތެރެއިން ހަތަރު މީހަކު ވަނީ 7 އޮކްޓޫބަރު 1985 ގައި އިޒްރޭލަށް ދަތުރުކުރި އިޓަލީގެ ޕެސިންޖަރު ލައިނަރެއް ހައިޖެކްކޮށް އޭގައިތިބި ބައެއް ޔަހޫދީން މަރައިފައެވެ. މިއީ ދުރާލާ ވަރަށް ބޮޑަށް ރާވައިގެން ހިންގި ވަރަށް ބޮޑު އޮޕަރޭޝަނެކެވެ. އެހެންވީމާ އެހާދިސާއަށް 38 އަހަރު ފުރުން ފާހަގަކުރީ ކަމަށްވެސް ވެދާނެއެވެ.

ހަމާސްގެ ހަމަލާޔަށް ގާތްގަޑަކަށް އެއް ހަފުތާފަހުން އދ.ގައި ހުންނަވާ ރަޝިޔާގެ ސަފީރު ވަސީލީ ނެބެންޒިއާ މި މައްސަލަޔާމެދު ދެއްކެވި ވާހަކަފުޅު އަޑުއިވުނީމާ އެއްކަލަ ރޫސީ ރަހުމަތްތެރިޔާގެ މަތިން އަނެއްކާވެސް ހަނދާން އައުވެއްޖެއެވެ. ދެ މީހުންގެ ބަސްމަގު އެއްގޮތްކަމުންނެވެ. ރޫސީ ރަހުމަތްތެރިޔާ އަޅުގަނޑަށް ފޮނުވި މެސެޖުގައި ލިޔެފައިއޮތެވެ. މުސްލިމުންގެ މުގައްދަސް ފޮތް އަންދައިލީމާ އެކަން ކަމަކަށް ނުވެއެވެ. މުސްލިމުންގެ އަގްސާ މިސްކިތަށް ވަދެ އެތަނުގެ ހުރުމަތް ކޮންމެ ދުވަހަކު ކަނޑައިލާއިރު އެކަން ކަމަކަށް ނުވެއެވެ. ފަލަސްތީނުގެ ބިންތައް ފޭރިގަތުންވެސް ކަމަކަށް ނުވެއެވެ. ކަމަކަށް މިވަނީ ފަލަސްތީނު މީހުން ހަރަކާތެއް ހިންގީމައެވެ. އެވެސް މައްސަލައެވެ. މިވެސް މައްސަލައެވެ. މައްސަލަ ހައްލުވާނީ ސަބަބުތައް ނައްތާލެވިގެންނެވެ. ފަލަސްތީނުގެ ދައުލަތެއް ވުޖޫދުވެގެންނެވެ.

އދ.ގައި ހުންނަވާ ރޫސީ ސަފީރުވެސް ވިދާޅުވެފައިވަނީ ހަމަ މިހެންނެވެ. އެއްވެސް ތަފާތެއް ނެތެވެ. މީގެ ހަފުތާއެއް ކުރިން ރޫސީ ރަހުމަތްތެރިޔާ ދެއްކި ވާހަކަތަކާއި ރޫސީ ސަރުކާރުގެ ރަސްމީ ބަސް އެއްގޮތްވުމަކީވެސް އިއްތިފާގަކަށް ވެދާނެއެވެ. އޭނާއަކީ ކާކުކަން އަޅުގަނޑަށް ނޭނގުނަސް އެއީ ވަރަށް މުހިންމު މީހަކަށް ވެދާނެއެވެ. ޔުކްރޭނުގެ ހަނގުރާމަޔާމެދު ފެށުނު ވާހަކައެއްގެ ތެރެއަށް މެދުއިރުމަތި ވަންނާން މެދުވެރިވީ އަޅުގަނޑަށް ބުނެވުނު އެއްޗަކުންނެވެ. ބުނީމެވެ. ޔުކްރޭނުގެ ރައީސް ޒެލެންސްކީއަށް ފަލަސްތީނަކީ އިސްތިއުމާރުކޮށްފައިވާ ބިމެއްކަން ނޭނގެއެވެ. އެނގޭނަމަ މިނިވަންކަމޭ ހައްގޭ ބުނެ އިޒްރޭލަށް ތާއީދުކުރަން ފަސޭހައެއް ނުވާނެއެވެ. އެހެން ބުނީމާ ހިނިގަނޑެއް ޖަހާލާފައި ރޫސީ ރަހުމަތްތެރިޔާ ބުންޏެވެ. ތިޔަ ޒެލެންސްކީއަކީ ހުރިހާ ޔަހޫދީންނަށް ހުރި ލަދެކެވެ. އެއީ މާބޮޑު ހީރޯއަކަށް ހަދައިގެން އެމެރިކާއިން އެއުޅެނީ އަމިއްލަ އެދުމެއް ފުއްދާންވެގެންނެވެ.