އދ. ދަނގެތީ ޔޫސުފް އިބްރާހީމް (ޔޫސުފްބެ) ގެއްލިގެން ހޯދަމުން އަންނަތާ 24 ގަޑިއިރު ވެފައިވާއިރު، އޭނާގެ އެއްވެސް ހަބަރެއް އަދިވެސް ނުވެއެވެ. އުމުރުން 68 އަހަރުގެ ޔޫސުފްބެ އަކީ އާންމުކޮށްވެސް އެކަނި މަހަށް ދާ މީހެކެވެ. ގިނައިން ދަނީ ފަތިހުއެވެ. ފަތިހު ނުދެވިއްޖެ ނަމަ ރޭގަނޑުވެސް ދެއެވެ. އެއީ އޭނާގެ އާދައެވެ.

އާދައިގެ މަތިން އިއްޔެވެސް ފަތިހު 5:30 ހާއިރު ޔޫސުފްބެ މަހަށް ނުކުތެވެ. އޭނާގެ ކުޑަ އިންޖީނު ދޯނީގައެވެ. އިއްޔެ އޭނާ ނުކުތީ ބޮއި މަސްވެރިކަން ނުކުތީ އދ. އޮރިމަސް ފަޅުގެ އިރުމަތީ ފަރާތަށެވެ.

ދަނގެތީ ކައުންސިލުގެ މެންބަރު ނައީމާ އަހުމަދު ވިދާޅުވީ މަހަށް ދިއުމުގެ ކުރިން އާންމު ގޮތެއްގައި ޔޫސުފްބެ ގެއަކަށް ކޮފީބޯން ދާ ކަމަށެވެ. އެހެންކަމުން، އެ ގެއަށް އިއްޔެ ދިޔަތޯ ކައުންސިލުން ބެލި ކަމަށާއި، އިއްޔެ ޔޫސުފްބެ ނުކުތީ މާ ފަތިހު ކަމުން އިއްޔެ އެގެއަށް ކޮފީބޯންވެސް ނުދާ ކަމަށް ވިދާޅުވިއެވެ. ނައީމާ ވިދާޅުވީ އެއީ ޔޫސުފްބެއާ ތިމާގެ ބައެއްގެ ގެއެއް ކަމަށެވެ.

ޔޫސުފްބެ ގެއްލުނު ހާދިސާއާ ގުޅޭގޮތުން، "ވަން" އަށް މައުލޫމާތު ދެއްވަމުން ދަނގެތީ ކައުންސިލުގެ ރައީސް މުއާވިޔަތު ރަޝީދު މިއަދު ވިދާޅުވީ، އެރަށު ކައިރިން ދިޔަ ބަޔަކަށް ޔޫސުފްބެގެ ދޯނި ފެނުނީ ހުހަށް ދަނިކޮށް ކަމަށެވެ. ދޯނީގެ އިންޖީނުވެސް ހިންގާފައި ހުއްޓައި ފެނުނީ އދ. ރަންވެލި އުތުރު ކަނޑުއޮޅިއާ ދިމާލުންނެވެ.

އެއީ އިއްޔެ، ގަޑިން 9:00 ނޫނީ 9:30 ހާއިރު ކަމަށާއި، އެ ދޯނި، ކައިރީގައި އޮންނަ ރިސޯޓަކަށް ގެންދަނިކޮށް، އެވަގުތު މަހަށް ނުކުމެ އުޅުނު އެރަށު އެހެން ދޯންޏަކަށް ފެނިގެން އެއީ އެރަށު ދޯންޏެއްކަން ފާހަގަ ކުރެވިގެން އެންގީ ކަމަށް މުއާވިޔަތު ވިދާޅުވިއެވެ. އަދި އެެހާ ހިސާބުން ޔޫސުފްބެ ހޯދުމުގެ މަސައްކަތް ފަށައިގަތް ކަމަށް ވިދާޅުވިއެވެ.

މުއާވިޔަތު ވިދާޅުވީ ދޯނި ފެނުނު އިރު ޔޫސުފްބެގެ ފޯނު އާންމުކޮށްވެސް އޮންނަ ގޮތަށް، ކަފިގަނޑުގައި އަޅުވާލައިފައި އޮތް ކަމަށެވެ. ދޯނިން ބޮޔެއް މަދު ކަމަށް ފުރަތަމަ ފާހަގަ ކުރެވުނު ނަމަވެސް، ފަހުން އެރަށު ނެރު މަތިން އެ ބޮއި ފެނިފައިވާ ކަމަށް ވިދާޅުވިއެވެ.

ޔޫސުފްބެ ގެއްލުމުގެ ކުރިން، އެ ދުވަހު ހެނދުނު ގިނަ ބަޔަކަށް ފެނިފައިވާ ކަމަށް އެރަށު ކައުންސިލުން މައުލޫމާތު ދެއެވެ. އެގޮތުން، އެރަށު ބަޔަކަށާއި މަހިބަދޫ ބަޔަކަށާއި ވިލަމެންދޫ ބަޔަކަށާއި ފެންފުށީ ބަޔަކަށްވެސް ޔޫސުފްބެ ދޯނީގައި އިންދައި ފެނިފައި ވެއެވެ. އެ މީހުންނަކީ އެވަގުތު މަހަށް ނުކުމެ އުޅުނު މީހުންނާއި ވެލި ނަގަން ނުކުމެ އުޅުނު ބައެއް މީހުންނެވެ.

އިއްޔެ ހެނދުނު 8:00 އާއި 8:30 އާ ދޭތެރޭ ދަނގެތީ ކައިރިން ފެނުނު ކަމަށްވެސް ކައުންސިލުން މައުލޫމާތު ދެއެވެ. ޔުސުފްބެ ދަނގެތީ ކައިރިއަށް އައިކަމަށް ލަފާ ކުރަނީ ފަޅު ކައިރިއަށް އަރާފައި އޮތް މަސް ބައިގަނޑަކުން މަސް ނަގާށެވެ.

މިއަދު ހެނދުނު 7:00 އިން ފެށިގެން، ދަނގެތީ ޑައިވަރުންނާއި ކައިރި ރިސޯޓުތަކުގެ ޑައިވަރުންގެ އިތުރުން އެމްއެންޑީއެފްގެ ޑައިވަރުން ހިމެނޭހެން 24 ޑައިވަރުންގެ ޓީމެއް އަންނަނީ ޔޫސުފްބެ ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުންނެވެ. އަދި އެމްއެންޑީއެފްގެ ޑޯނިޔާ މަތިންދާ ބޯޓުވެސް މިހާރު އެ ސަރަހައްދަށް ފޮނުވާފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ ޔޫސުފްބެ ގެއްލުނު އިރު ލައިގެން ހުރީ ރަތް ކުރައިގެ ޓީޝާޓެއް ކަމަށެވެ.

ޔޫސުފްބެ ހޯދަން ކުރި މަސައްކަތުން މިހާތަނަށް އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައެއް ނުވެއެވެ. ޔޫސުފްބެއަކީ ދޭތެރެއަކުން ނިދިޖެހޭ މީހެއް ކަމަށާއި މީގެ ކުރިންވެސް ކަނޑަށް ވެއްޓުނު ކަމުގެ މައުލޫމާތު ލިބުނު ނަމަވެސް، އާއިލާއާ ވާހަކަ ދެކެވިފައި ނުވާތީ އެކަން ކަށަވަރު ކުރެވިފައެއް ނުވެއެވެ. އެ ދޯނި މީގެ ކުރިން ފަރަށް އަރާފައިވާ ކަމަށް މައުލޫމާތު ލިބުނު ނަމަވެސް އެކަންވެސް ކަށަވަރު ކުރެވިފައެއް ނުވެއެވެ. "ވަން" އިން އާއިލާގެ މެންބަރަކާ ގުޅުމުން ބުނީ މިވަގުތު އެއްވެސް މައުލޫމާތެއް ދެވެން ނެތް ކަމަށެވެ.

ނަމަވެސް އެފަދަ ވާހަކަތައް ރަށުތެރޭގައި ދެކެވެމުން އަންނަ ކަމަށް އެރަށު ކައުންސިލުން މައުލޫމާތު ދެއެވެ. އެހެން ކަމުން މި ފަދަ ކަމެއްގައި ޔޫސުފްބެ ކަނޑަށް ވެއްޓުނީ ކަމަށް ގިނަ ބަޔަކު ލަފާކުރެއެވެ.

ޔޫސުފްބެގެ 6 ކުދިން ތިބެއެވެ. އެއީ 5 އަންހެން ކުދީންނާއި 1 ފިރިހެން ކުއްޖެކެވެ. އޭނާއަކީ ސިއްހަތު ވަރަށް ރަނގަޅު މީހެއް ކަމަށާއި، އަބަދުވެސް އުޅެނީ މަސައްކަތެއްގައި ކަމަށް ކައުންސިލުން މައުލޫމަތު ދިނެވެ.

އެ ސަރަހައްދުން ދަތުރުކުރާ ދޯނިތަކުންނާއި ކައިރި ރަށްތަކުންވެސް ޔޫސުފްބެގެ ހަބަރެއް ވޭތޯ ބެލުމަށް އެމްއެންޑީއެފުން އެދިފައިވާއިރު، އޭނާގެ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ ލަސްނުކޮށް ކޯސްޓް ގާޑުގެ ހިލޭ ގުޅޭ ނަމްބަރު 191 އަށް ނުވަތަ 3395981 އަދި 3398898 އަށް ގުޅައި މައުލޫމާތު ހިއްސާ ކުރުމަށް ވަނީ އެދިފައެވެ.